Support Us

ވޯލްޑްކަޕުގެ ސަބަބުން ފަތުރުވެރިކަމުގެ ޢާލަމީ މަލައަކަށް ޤަޠަރު ވެދާނެ؟

ރޭ ނިމިގެން ދިޔަ ވޯލްޑްކަޕު، ޤަޠަރުން އިންތިޒާމުކޮށްފައިވާ ފުރިހަމަކަމަށް ތަފާތު ފެންވަރުތަކުގައި ތާރީފުތައް ދަނީ އޮހެމުންނެވެ. ޤަޠަރުން މި މުބާރާތް އިންތިޒާމުކޮށްފައިވާލެއް ފުރިހަމަކަމުން ދުނިޔޭގެ ފުޓްބޯޅަ މުބާރާތްތައް އިންތިޒާމުކުރުމުގެ ފަންގެފިލާ އައު އުދަރެސްތަކަކަށް އުފުލިގެން ހިނގައްޖެކަމަށް ދާރިސުންނާއި މުޙައްލިލުން ވިދާޅުވެއެވެ.  

މި ކާމިޔާބުގެ ސަބަބަކީ، ވޯލްޑްކަޕު 2022 އަށް މެހެމާންދާރީ އަދާކުރުމުގެ ޝަރަފު ޤަޠަރަށް 2010ގައި ލިބުމާއެކު މި މުބާރާތް އިންތިޒާމުކުރުމަށް ޢައްޔަންކުރެވުނު އިންތިޒާމީ ކޮމެޓީއާއި މި ކޮމެޓީގައި ހިމެނިވަޑައިގެން ބޭފުޅުންގެ ތަޖްރިބާއާއި މަސައްކަތްޕުޅު ކަމަށް ދާރިސުން ވިދާޅުވެއެވެ. އަދި ޤަޠަރު ސަރުކާރުން މި މުބާރާތް އާދަޔާޚިލާފު ނަމޫނާއެއްގައި އިންތިޒާމު ކުރުމަށް ދިން އަހައްމިއްޔަތުގެ ސަބަބުންނެވެ. ނޮވެންބަރު 20ގައި މި މުބާރާތް ފެށުނު ވަގުތުން ފަށައިގެން ޤަޠަރު ސަރުކާރުން މި މުބާރާތަށް އެއްވެސް ހިފެހެއްޓުމެއްނެތި ހޭދަކޮށްފައި ވެއެވެ.

ވޯލްޑްކަޕު 2022ގެ މެޗުތައް ނިމުމުން ދުނިޔޭގެ ޒަޢީމުންނާއި މަޝްހޫރު ކުޅުންތެރީންނާއި ކުޅިވަރާބެހޭ މުއައްސަސާތަކުންނާއި ޚަބަރުފަތުރާ ވަސީލަތްތަކުން ޤަޠަރުން މި މުބާރާތް އިންތިޒާމުކޮށްފައިވާލެއް މޮޅުކަން ފާހަގަކޮށް ތާރީފާއި ސަނާގެ ބަސްތައް ރައްދުކުރިއެވެ. އުރްގުއޭގައި 1930ވަނަ އަހަރު ފެށުނު ވޯލްޑްކަޕަށްފަހު މިހާތަނަށް އެންމެ ފުރިހަމަކޮށް އިންތިޒާމު ކުރި ވޯލްޑްކަޕަކީ ޤަޠަރު ވޯލްޑްކަޕު ކަމަށް ފީފާއިން ބުންޏެވެ.

ޤަޠަރުން އިންތިޒާމު ކުރި ބައިނަލްއަޤްވާމީ ޢާލަމީ ވޯލްޑްކަޕުގެ ސަބަބުން ޤަޠަރަށް ތަފާތު މައިދާންތަކުގައި އެތައްއެތައް ފައިދާތަކެއް ޙާޞިލުވެގެންދާނެ ކަމަށް މީޑިއާއިން ބުނެއެވެ. މީޑިއާ ބުނާގޮތުގައި ވޯލްޑްކަޕު 2022 އަށް ޤަޠަރުން މެހެމާންދާރީ އަދާކޮށްފައި ވަނީ އެ ޤައުމުގެ 2030ގެ ތަޞައްވުރާ އެއްގޮތަށެވެ. މި ތަޞައްވުރުގެ އަމާޒުތަކުގެ ތެރޭގައި އިޤްތިޞާދީ އަސާސުތައް ހަރުދަނާކުރުމުގެ ތެރެއިން ލައިފާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ވެއެވެ.

އިޤްތިޞާދީ މައިދާނަށް ބަލާއިރު ޤަޠަރުގައި ނިމިގެން ދިޔަ ވޯލްޑްކަޕު ސަބަބުން މީގެ ކުރިން މިފަދަ ވޯލްޑްކަޕެއްގައި ނުލިބޭ ފަދަ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. މާލީގޮތުން ލިބުނު އާމްދަނީ ވަނީ 17 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. މި މުބާރާތަށް ފީފާއިން ކަނޑައަޅައިފައިވާ ބަޖެޓްގެ މިންވަރަކީ 1.7 ބިލިއަން ޑޮލަރު ނަމަވެސް ފީފާއަށް މި ފަހަރު 7.5 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

1.4 މިލިއަން މީހުން ޒިޔާރަތް ކުރުން

ޤަޠަރުން ބުނާގޮތުގައި 20 ނޮބެންބަރުން 18 ޑިސެންބަރަށް ބޭއްވުނު މެޗުތައް ބަލަން ދުނިޔޭގެ އެތަންމިތަނުން ޤަޠަރަށް 1.4 މިލިއަން މީހުން ޒިޔާރަތް ކުރިއެވެ.

ޤަޠަރު ނޫސް އޭޖެންސީ ބުނާގޮތުގައި މި މުބާރާތް ބެލުމަށް ޓަކައި 3.4 މީހުން ދަނޑަށް ޙާޒިރުވެ ހިތްވަރުދިނެވެ. ޤަޠަރު ނޫސް އޭޖެންސީން ހާމަކުރި ތަފާސްހިސާބުތައް ބުނަގޮތުގައި އެވްރެޖު ގޮތެއްގައި ކޮންމެ މެޗަކަށް 53 ހާސް މީހުން ދަނޑަށް ވަދެފައި ވެއެވެ

ޤަޠަރުގެ ވޯލްޑްކަޕާ ބެހޭ ކަންތައްތައް އިންތިޒާމުކުރި އެންމެ މަތީ ކޮމެޓީގެ ރައީސް ޙަސަނުއްޛަވާދީ ވިދާޅުވިއެވެ. "އަޅުގަނޑުމެން މި މުބާރާތް ބާއްވައިފައިވާނީ އަޖައިބުކުރުވަނިވި އާދަޔާ ޚިލާފު ނަމޫނާއަކަށެވެ. ބައިނަލް އަޤްވާމީ މި ފަދަ ޙަރަކާތެއް މީގެ ކުރީން ބާއްވައިފައިނުވާ ފަދަ ޚާއްޞަ މަލަތަކަކާއެކުގައެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ތާރީޚީ ޙާދިސާގެ ސަބަބުން ޤަޠަރަށާއި ސަރަޙައްދަށް އިޖްތިމާޢީ އިޤްތިޞާދީ އަދި ވެށީގެ ދެމެހެއްޓެނިވި ތަރިކައެއް ވާރުތަވެގެން ދާނެއެވެ."

ކުލަގަދަ ކާމިޔާބީއެއް

ފުޓްބޯޅައިގެ މައިދާނުގައި އެންމެ މަޝްހޫރު މުބާރާތް ޤަޠަރުން އިންތިޒާމުކޮށް ބޭއްވުމުގެ ސަބަބުން ޤަޠަރާއި ޤަޠަރުގެ ސަޤާފަތް ދެނެގަތުމުގެ ފުރްޞަތު ފުޓްބޯޅަ ދެކެ ލޯބިވާ ފުޓްބޯޅައިގެ ޢާޝިޤުންނަށް ލިބިގެން ހިނގައްޖެކަމާމެދު ޝައްކެއް ނެތެވެ. މި ފުރްޞަތު ޤަޠަރުން ތަނަވަސްކޮށްދީފައި މި ވަނީ ތަރައްޤީއާއި ތަމައްދުނުގެ އެންމެ ޒަމާނީ ވަސީލަތްތަކުގެ ތެރެއިންނެވެ.

ފީފާއިން ޤަޠަރަށް ތާރީފާއި ތަހްނިޔާގެ ބަސްތައް ރައްދު ކުރަމުން ބުންޏެވެ. "ކުރިމަގުގައި މިފަދަ މުބާރާތްތައް ބާއްވާނެ މަގުޗާޓެއް ޤަޠަރުން ދުނިޔެއަށް ތަޢާރުފުކޮށްދީފިއެވެ."

ދުނިޔޭގެ ވަރަށް ގިނަ ޒަޢީމުން ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދަށް ތަހްނިޔާ ދަންނަވަމުން މި މުބާރާތް އިންތިޒާމުކޮށްފައިވާ ގޮތަށް ތާރީފު ކުރެއްވިއެވެ. ޤަޠަރަށް މިފަދަ މުބާރާތެއް އިންތިޒާމު ކުރެވިދާނެކަމާމެދު ޝައްކު އުފެއްދި ފަރާތްތަކަށް އެމީހުންގެ ވާހަކަތައް ދޮގު ކުރާން މަޖްބޫރުވިއެވެ.

ޤަޠަރުން އިންތިޒާމު ކުރި ވޯލްޑްކަޕު ބެލުމަށް 1.2 މިލިއަން މީހުން ޤަޠަރަށް ޒިޔާރަތްކޮށްފައި ވެއެވެ. އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ޤަޠަރުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅައުވެގެން ގޮސް 40 މިލިއަން ފަތުރުވެރީން ޤަޠަރަށް ޒިޔާރަތް ކުރާނެއެވެ. މި ހިސާބުތައް ބުނާގޮތުގައި 2022 އާއި 2035 އާ ދެމެދުގައި ޤަޠަރަށް 9.9 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ފައިދާއެއް ލިބޭނެއެވެ. އަދި އެ ޤައުމުގެ މި އަންނަ އަހަރުގެ އިޤްތިޞާދަށް 3.4% ގެ ކުރިއެރުމެއް ލިބޭނެއެވެ.

ވިޔަފާރިއާއި ފަތުރުވެރިކަމުގެ މަރްކަޒެއް

ޤަޠަރު ނޫސް އޭޖެންސީން ހާމަކުރި ގޮތުގައި ފުޓްބޯޅަ ދަނޑުތަކަށާއި ބިނާރުތަކަށާއި ފަތުރުވެރިކަމަށް ޓަކައި ޤަޠަރުން 200 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. މި ކަމުގެ ސަބަބުން ފަތުރުވެރިކަމުގެ މަލައަކަށް ޤަޠަރު ބަދަލުވެގެންދާނެއެވެ. ޤަޠަރުގެ އިޤްތިޞާދީ މުއްސަނދިކަން ސިންދަފާތު ކުރުމުގައި މި ހޭދައިގެ ފައްސި އަސަރު ޤަޠަރުގެ ކުރިމަގަށް ކުރާނެ ކަމަށް ދާރިސުން ވިދާޅުވެއެވެ. މިއަދު ޤަޠަރުގެ އިޤްތިޞާދު ބަރޯސާވެފައި ވަނީ ތެލަށާއި ގޭހަށެވެ.

އޮލިމްޕިއާޑް 2036

ޤަޠަރުން އުންމީދު ކުރަނީ މި ދަނޑުތަކާއި ބިނާރުތަކާއި ހޮޓާތައް ކުރިމަގުގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމަށް ޓަކައި ޚިދްމަތްތެރި ކުރުވުމަށެވެ. ޔޫރަޕާއި ދުނިޔޭގެ ޤައުމުތަކުގެ މުބާރާތްތައް މި ދަނޑުތަކުގައި ބޭއްވޭތޯ ޤަޠަރުން މަސައްކަތް ކުރާނެއެވެ.

ޤަޠަރަށް ވޯލްޑްކަޕު އިންތިޒާމު ކުރުމުގައި ލިބުނު ކާމިޔާބީއާ ވިދިގެން ޤަޠަރުން ގަސްތު ކުރަނީ އޮލިމްޕިއާޑް 2036 ޤަޠަރުގައި ބޭއްވޭތޯއެވެ. ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމެޓީގެ ރައީސް ތޯމަސް ބާޚު ވިދާޅުވާ ގޮތުގައި ޤަޠަރުން ފުޓްބޯޅަ މުބާރާތްތައް ބޭއްވި ގޮތާމެދު އޭނާގެ ރުހުން ޤަޠަރަށް ދެއްވާން މަޖްބޫރުވެ ވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *