Support Us

ރަޝިޔާގެ މިސައިލް ޙަމަލާތަކުން ޔުކްރޭނުން ކަރަންޓާއި ފެން ކެނޑިއްޖެ

މީގެ ކުރިން ރަޝިޔާއިން ޔުކްރޭނަށް ދީފައިނުވާ ފަދަ މިސައިލް ޙަމަލާތަކެއް ހުކުރު ދުވަހު ޔުކްރޭނުގެ ސަހަރުތަކަށް ދީފި ކަމަށް ކިޔީވުން ބުނެފިއެވެ. މި ޙަމަލާތަކުގެ އަމާޒުތަކަކީ ހަކަތައާއި ފެނާއި ބިނާރުތަކާއި މީހުން ދިރިއުޅޭ ބޮޑެތި ޢިމާރާތްތައް ކަމަށް ޔުކްރޭނުގެ މަސްއޫލުވެރީން ވިދާޅުވިއެވެ.

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވިއެވެ. "ރަޝިޔާއިން މިސައިލް ޙަމަލާތައް ދިނަސް ހަނގުރާމައިގައި ބާރުގެ ތިލަފަތަށް ބަދަލެއް ނާންނާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕްގެ އެކުވެރި ޤައުމުތަކާއެކު އޭނާ މި ވަޑައިގަންނަވަނީ ހަނގުރާމަ ހުއްޓުމަށް ރަޝިޔާއަށް މަޖްބޫރު ކުރުވާނެ ޢުޤޫބާތްތަކެއް މޮސްކޯއާ ދެކޮޅަށް އަޅުއްވަމުންނެވެ. އެހެނަސް އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އަތުގައި އަދިވެސް ވަރަށް ގިނަ މިސައިލާއި ހަތިޔާރު އެބަ ހުއްޓެވެ. މި ހަތިޔާރުތައް ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތައް ދެވިދާނެއެވެ.

ރަޝިޔާގެ މި ޙަމަލާތައް ކުށްވެރިކުރައްވަމުން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ މަސްއޫލުވެރިޔާ ޖޮޒިޕް ބޮރެލް ސިފަކުރެއްވި ގޮތުގައި މިއީ މޮސްކޯއިން ދިން ނިރުބަވެރި ކަނު ޙަމަލާއެކެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިއީ ހަނގުރާމައިގެ ޖަރީމާއެކެވެ.

ބޮރެލް ވިދާޅުވިއެވެ. "މި ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ރައްޔިތުންގެ އިންސާނީ ބަރުދާސްތުތައް އިތުރަށް ނުބައިވެގެން ހިނގައްޖެއެވެ." އޭނާ ވިދާޅުވި ގޮތުގައި މި ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ހަސްފަތާލުތަކާއި ކަރަންޓާއި ފެނާއި ހީފިލުވުމުގެ އެންމެހައި ޚިދްމަތްތައް ވަނީ ހުއްޓިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަމަށް ޓަކައި ރަޝިޔާގެ މަސްއޫލުވެރީންނަށް އަދަބު ދެވެން ޖެހޭނެއެވެ.

ޔުކްރޭނުގެ ޖައްވީ ދިފާޢުތަކާބެހޭ އިދާރާ ބުނާގޮތުގައި ރަޝިޔާއިން ކަޅުކަނޑާއި ކެސްޕިއަން ކަނޑުގެ ތެރެއިން ލައިފައި 60 ޙަމަލާދީފައި ވެއެވެ. ޔުކްރޭނުން ބުނިގޮތުގައި އެ ޤައުމުގެ ވައިގެ ދިފާޢުތަކުން ކާމިޔާބުކަމާއެކު މި ޙަމަލާތަކަށް ހުރަސްއެޅިއެވެ.

ޔުކްރޭނުގެ ވެރިރަށުގެ ޢަސްކަރީ އިދާރާ ބުނާގޮތުގައި ރޫސީ 40 މިސައިލްގެ ތެރެއިން 37 މިސައިލް ވައްޓައިލިއެވެ.

ފެނާއި ކަރަންޓް ކެނޑުން

ވެރިރަށް ކިޔީވުގެ މެޔަރ ވިޓާލީ ކްލިޗްކޯ ވިދާޅުވާ ގޮތުގައި ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ވެރިރަށުގެ އިރުމަތީ ސަރަހައްދުގައި ބާރުގަދަ އެތައް ގޮވުންތަކެއް ގޮވިއެވެ. މި ކަމުގެ ސަބަބުން އެ ސަހަރުގެ ހަކަތައިގެ ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ގެއްލުންތަކުގެ ސަބަބުން ރަށުގެ ބޮޑު ބަޔަކުން ފެން ކެނޑުނެވެ. އަދި ރައްކައުތެރިވުމަށް ޓަކައި ވަންނަ ތަނަކަށް މެޓްރޯ އިސްޓޭޝަންތައް ހެދުމުގެ ސަބަބުން މެޓްރޯގެ ދަތުރުތައް ހުއްޓައިލާން ޖެހުނެވެ. ހެދުނުގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތުގައި އެންމެންނަށް ޖެހުނީ ރައްކައުތެރިކަން ހޯދުމަށް ޓަކައި ބިންގަރާސްތަކަށް ވަންނާށެވެ. ޔުކްރޭނުގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް ކިޔީވަށް ދިން އެންމެ ވަރުގަދަ ޙަމަލާއެވެ.

ޔުކްރޭނުގެ އެންމެ ބޮޑު ދެވަނަ ސަހަރު ކަމުގައިވާ ޚާރުކޭވަށް ރަޝިޔާއިން ދިން ޙަމަލާތަކުގެ ސަބަބުން އެ ރަށުގައި ކަރަންޓް މުޅިން ކެނޑިގެން ދިޔައެވެ. މި ރަށުގެ މެޔަރ މި ޙަމަލާގެ ސަބަބުން ހީފިލުވުމުގެ ވަސީލަތްތައް ހުއްޓިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ޑްނިޕްރޯ ސަރަޙައްދުގެ ގަވަރނަރު ވިދާޅުވި ގޮތުގައި ރަޝިޔާގެ މިސައިލް ޙަމަލާތަކުގެ ސަބަބުން މި ސަރަޙައްދަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ރަޝިޔާއިން ހުކުރު ދުވަހު މިސައިލް ޙަމަލާތައް ދިން ޔުކްރޭނުގެ ސަރަޙައްދުތަކުގެ ތެރޭގައި އޮޑީސާއާއި މެކޮލައިވާއި ޒަބަރޯޖިޔާ ސަރަޙައްދުވެސް ވެއެވެ.

މި ޙަމަލާތަކާ ވިދިގެން ޔުކްރޭނުގެ ހަކަތައާ ބެހޭ ވަޒީރު ހަރމަން ގެލޮޗިންކޯ ވިދާޅުވި ގޮތުގައި ޔުކްރޭނުގެ އިރުމަތީ ސަރަޙައްދާއި ދުކުނު ސަރަޙައްދުގެ ހަކަތަޔާ ބެހޭ އަށް މަރްކަޒަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާހެދި ކަރަންޓް އުފެއްދުމުގެ ބާރު މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އިދިކޮޅު ޙަމަލާތައް

އަނެއްކޮޅުން ޑޮންބާސްގައި އޮންނަ ރަޝިޔާއަށް ތާއީދު ކުރާ ވެރިކަމުގެ އިދާރާ ބުނާގޮތުގައި ޔުކްރޭނުން ލޮގަންސްކް ސަރަޙައްދަށް ދިން ޙަމަލާތަކުގެ ސަބަބުން 13 މީހަކު މަރުވެ 20 މީހަކު ވަނީ ގެއްލިފައެވެ. މި އިދާރާ ބުނާގޮތުގައި ޔުކްރޭނުން މި ސަރަޙައްދަށް ޙަމަލާދިނީ އެމެރިކާއިން ކިޔީވަށް ދީފައިވާ ހައިމާރިސް މިސައިލާއި ބޮޑުބަޑީންނެވެ. މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ މީހުން އުޅޭ ޢިމާރާތްތަކަށެވެ.

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ރަޝިޔާގެ ޙަމަލާތަކުން ޑޮނެޓްސްކް ސަރަޙައްދުގައި ހުރި މަތިންދާބޯޓާ އިދިކޮޅު އެސް– 300 މިސައިލް ނިޒާމާ ބެހޭ ރާޑަރު އިސްޓޭޝަނެއް ހަލާކުކޮށްލިއެވެ. ރަޝިޔާއިން ބުނާގޮތުގައި ރަޝިޔާއިން ދިން ޙަމަލާތަކުގައި ހަތަރު ޑްރޯނާއި ހައިމާރިސް މިސައިލްތަކެއް ހަލާކުކޮށްލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *