އަސީރުން ބަދަލު ކުރުމަށް ޓަކައި ޙަމާސް ޖަމާޢަތުން އިސްރާއީލަށް މުހްލަތެއް ދީފިއެވެ. ޙަމާސް ޖަމާޢަތުގެ ޣައްޒާ ގޮފީގެ ރައީސް ޔަޙްޔާ އައްސިންވާރު ވިދާޅުވާ ގޮތުގައި މިއީ މުއްދަތެއް ނެތި ދިން މުހްލަތެއްނޫނެވެ.
ޢިއްޒުއްދީނުލް ޤައްސާމު ބްރިގޭޑްގެ ޖެނެރަލް ކޮމާންޑަރު މުޙައްމަދުއް ޟައިފު ޙަމާސަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި ރެކޯޑް ކުރައްވައި ދުރަށް ފެތުރުއްވި ވާހަކަކޮޅު ބުނާގޮތުގައި އިސްރާއީލުގެ ބާރުގަދަކަމާއި ރަޙްމު ކުޑަކަމާއެކުގައި ވެސް އިސްރާއީލަށް ވަނީ ފަލަސްޠީނު ރައްޔިތުން ނައްތައިލައި އެމީހުންގެ ޝަޚްޞިއްޔަތު ފުހެލުމަށް ނުކުޅެދުންތެރިވެފައެވެ.
ޤައްސާމު ބްރިގޭޑްގެ ޖެނެރަލް ކޮމާންޑަރު ވިދާޅުވި ގޮތުގައި އިސްރާއީލުގެ ތައުސީސީ ވެރީންނަށް ޙާޞިލު ނުކުރެއްވުނު ކަމެއް މިހާރުގެ ވެރީންނަށް ޙާޞިލެއް ނުކުރެއްވޭނެއެވެ. އެމީހުން މާ ނުކުޅެދުންތެރިވެފައި މާ ފިނޑިއެވެ.
އައްޟައިފު ފަލަސްޠީނުގެ ހުރިހާ ޖަމާޢަތްތަކަކަށް އެކަތިގަނޑަކަށްވެ އެއްބައިވަންތަ ބަޔަކަށް ވުމަަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްޠީނު މިނިވަންކުރުމަށް ޓަކައި އެއް މަޤްޞަދެއްގައި ހުރިހާ މައިދާންތަކެއް ވަނީ ހުޅުވައިލާން ޖެހިފައެވެ. މި މުޤައްދަސް އަމާޒަކީ ފަލަސްޠީނު މިނިވަން ކުރުން ކަމަށް އައްޟައިފު ވިދާޅުވިއެވެ.
ސިންވާރު ފަލަސްޠީނީންނާ މުޚާޠަބު ކުރައްވަނީ
ޙަމާސަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި ޣައްޒާގައި މިއަދި ހުޅުވުނު ޖުބްލީ ހުޅުއްވާ ދެއްވަމުން ސިންވާރު ވިދާޅުވި ގޮތުގައި އަސީރުން ބަދަލުކުރުމަށް ޓަކައި މި ދިން މުހްލަތުގެ ބޭނުން ނުކޮށްފިނަމަ އެ ފުރްޞަތު "އަބަދުގެއަބަދަށް" ބަންދުވެގެންދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން އަސީރުކޮށްފައި ތިބި ފަލަސްޠީނު މީހުން މިނިވަންކުރުމަށް ލިބިފައިވާ ތަފާތު ވަސީލަތްތައް އެބަހުއްޓެވެ. އައްސިންވާރު ވިދާޅުވި ގޮތުގައި ޖަނީން ފޭލިގެއަވަށާއި ޢަރީނުލް އުސޫދު (ސިންގާގެ ހޮހަޅަތައް) އާއި ބަލާޠާ ބްރިގޭޑް ފަދަ ފިދާއީ ޖަމާޢަތްތަކަކީ ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުގެ ކިބައިން މިންޖުކޮށްދޭނެ ވަސީލަތްތަކެކެވެ.
ޙަމާސް ޖަމާޢާތުގެ ޖެނެރަލް ކޮމާންޑަރު އޭނާގެ ވާހަކަފުޅުގައި އިސްރާއީލާއެކު ސަލާމަތީ ކަންތައްތަކުގައި ވިލަރެސް ކުރުން ހުއްޓައިލުމަށް ފަލަސްޠީނު ސަރުކާރަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ސަލާމަތީ ވިރެސްކުރުމުގެ ނަތީޖާއަކީ ފަލަސްޠީނު ރައްޔިތުންނަށް އިތުރު ނާކާމިޔާބު ލިބުމެވެ."
މިއަދު ހެނދުނުން ފެށިގެން ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ދަނީ ޙަމާސުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޓަކައި ޣައްޒާއަށް އެއްވަމުންނެވެ.



advertisment