އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވައިލެއްވުމަށް ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އެތާނގެ ރައީސް އިސްޙާޤު ހަރޓްސޮގް ދެއްވި މުއްދަތު އިތުރުކޮށްދެއްވުމަށް އެދިވަޑައިގަތްއެދިވަޑައިގަތުމަށް ރައީސް ހަރޓްސޮގް ހުކުރުދުވަހު ނޫނެކޭ ވިދާޅުވެއްޖެ ކަމަށް އިސްރާއީލުގެ ދުވަހު ނޫސް މަޢާރީފު ބުނެފިއެވެ. ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވައިލެއްވުމަށް އެރުއްވި މުއްދަތަށް ދެ ހަފުތާ އިތުރުކޮށް ދެއްވުމަށް ނަތަންޔާހޫ އެދިވަޑައިގެންފައި ވެއެވެ. ދެ ހަފުތާގެ ބަދަލުގައި އޭނާއަށް ދެއްވީ 10 ދުވަހުގެ މުހްލަތެކެވެ. މަޢާރީފު ބުނާގޮތުގައި އިސްރާއީލުގެ ރައީސް، ނަތަންޔާހޫގެ އެދިވަޑައިގަތުމަށް އިޖާބަ ނުދެއްވީ ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ގޮތް ރަނގަޅު ކަމަށް އޭނާ ދެކެވަޑައި ނުގަންނަވާތީއެވެ.
އެހެންކަމުން ސަރުކާރެއް އެކުލަވައިލެއްވުމަށް ނަތަންޔާހޫއަށް ލިބިވަޑައިގެންފައިވާ މުއްދަތު މިއަދު ހަމަވާނެއެވެ. އިސްރާއީލުގެ ޤާނޫނު ބުނާގޮތުގައި ބޮޑުވަޒީރަށް ސަރުކާރެއް އެކުލަވައިލުމަށް ލިބޭނީ 28 ދުވަހުގެ މުއްދަތެކެވެ. ނަތަންޔާހޫ ވަނީ އޭނާގެ ޕްރޮގްރާމާ އެއްގޮތަށް ސަރުކާރެއް އެކުލަވައިލެއްވުމުގައި ކުރިއަށް ވަޑައިނުގެންނެވިފައެވެ. ނަތަންޔާހޫއަށް ވަނީ ބަރްލަމާނުގެ ރައީސްކަން ދެއްވާނެ ބޭފުޅަކާ މެދު އެއްބަސްވެ ވަޑައިނުގެންނެވިފައެވެ. ކެބިނެޓްގެ މުހިއްމު ދެ ދަބަހެއް ބިން ޣަފީރަށާއި ސްމޮޓްރިޗަށް ދެއްވުމަށް ކަނޑައެޅުއްވުމުގެ ސަބަބުން ނަތަންޔާހޫގެ ޕާޓީ ލީކޫޑްގެ ތެރޭގައި ވެސް ވަނީ އަރާރުން އުފެދިފައެވެ.
މަދަނީ ނުކިޔަމަންތެރިކަމަށް އިދިކޮޅު ތައްޔާރު ވަނީ
އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އިދިކޮޅު ޖަމާޢަތްތަކުން މިހާރު ވަނީ ނަތަންޔާހޫއާ ދެކޮޅަށް އެއްބައިވަންތަކަމެއް ޤާއިމުކޮށްފައެވެ. މި އެއްބައިވަންތަކަމަށް "ދައުލަތުގެ ބައްޓަން ދެމެހެއްޓުމަށް މަސައްކަތްކުރާ ސިންތާ"ގެ ނަން ވަނީ ދީފައެވެ. އެއީ އިސްރާއީލުގެ ޤަޟާއީ ނިޒާމަށާއި ސަލާމަތީ ނިޒާމަށް ބަދަލުތަކެއް ގެންނަވަން ނަތަންޔާހޫ އައު ސަރުކާރުގެ ދަށުން މަސައްކަތް ކުރައްވާނެތީ އެކަން ހުއްޓުވުމަށް ޓަކައި އެކުލަވައިލެވުނު އެއްބައިވަންތަކަމެކެވެ.
މި ނޫސް ބުނާގޮތުގައި މި އެއްބައިވަންތަކަމުގެ އިސްވާރުންގެ ގޮތުގައި އޮންނާނީ ޔާއީރު ލެޕިޑްގެ ޕާޓީއާއި ބެނީ ގެންޓްސްގެ ޕާޓީއެވެ. މި ދެ ޕާޓީއާއެކު ލޭބަރ ޕާޓީއާއި މިރްޓްސް ޕާޓީ އެއްބާރުލާނެއެވެ. މި ޕާޓީތަކުގެ ޖަމާޢަތުގައި ލިބަރމަންގެ ޕާޓީއާއި ޢަރަބި ޕާޓީތައް ވެސް ބައިވެރިވާނެއެވެ.
މި ސިންތާގެ މަސައްކަތު ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ގެންޓްސް ވިދާޅުވި ގޮތުގައި ނަތަންޔާހޫއާއި އޭނާގެ ބައިވެރީން ދީމުޤްރާޠީ އަގުތަކަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް އެބޭފުޅުން ބަރްލަމާނުގައްޔާއި މީޑިއާތަކުގައްޔާއި ޢާންމު ބައްދަލުވުންތަކުގައި މަސައްކަތް ކުރައްވާނެއެވެ.
އިސްރާއީލުގެ ކުރީގެ ޗީފް އޮފް ސްޓާފް ޣާދީ އާޔިޒަންކޮޓް ވިދާޅުވާ ގޮތުގައި އިސްރާއީލުގައި އެކުލަވައިލެވޭ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އިޙްތިޖާޖުގެ ބޮޑެތި ރާޅުތަކެއް އޭނާ އުފައްދަވާނެއެވެ. އިސްރާއީލުގެ ސިޔާސީ ނޒާމާއި ދީމުޤްރާޠިއްޔަތު ޙިމާޔަތް ކުރުމަށް ޓަކައި މިލިއަން މީހުންގެ މުޒާހަރާއެއް އިންތިޒާމު ކުރެވޭނެއެވެ.
އޭނާ އިސްރާއީލުގެ ދުވަހު ނޫސް ބަދީޢޫތު އަޙްރަނޫތަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "އިސްރާއީލުގެ ދައުލަތުގެ ޤައުމީ މަޞްލަޙަތާއި ދީމުޤްރާޠީ ނިޒާމަށް ނުވަތަ ޤައުމުގެ ތަރްބިޔަތާއި ތަޢުލީމުގެ ނިޒާމަށް ނުވަތަ ޤައުމުގެ ދިފާޢީ ނިޒާމަށް ގެއްލުން ލިބިދާނެފަދަ ކަމެއް ނަތަންޔާހޫ ކުރައްވައިފިނަމަ އެއްމިލިއަން މީހުން މަގުމައްޗަށް ނެރޭނަމެވެ."
ލެޕިޑް އޭނާއަށް ތާއީދު ކުރާ މީހުންނާ ބައްދަލުކުރައްވަމުން ވިދާޅުވިއެވެ. "އަހުރެމެން މިތާނގައި މިތިބީ ހަމައެކަނި ޓެކްސް ދައްކާކަށް ނޫނެވެ. އަހުރެމެންގެ ދަރީން ސިފައިންގެ ޚިދްމަތަށް ފޮނުވާކަށް ނޫނެވެ. އަހުރެމެންގެ ޤައުމަށް ޓަކައި ހަނގުރާމަ ކުރާނަމެވެ. އަހުރެމެން އެކަކު ދެކެވެސް ބިރެއް ނުގަނެއެވެ. އަހުރެމެންގެ ދަރީންނަށް ނުވަތަ ސިފައިންނަށް ގެއްލުންދޭއިރު އަހުރެމެން މަޑަކުން ނުތިބޭނަމެވެ."
ކުރިމަތިލުންތައް ފެށިއްޖެ
މި ވަގުތު ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ލެޕިޑް އިސްރާއީލުގެ ރަށްތަކުގެ މެޔަރުންނަށް ނަތަންޔާހޫގެ ސަރުކާރާއެކު އެއްބާރުނުލުމަށް ދަނީ ގޮވައިލައްވަމުންނެވެ. ސަރުކާރުގެ ނިޒާމަށާއި ދައުލަތުގެ އިދާރާތަކަށް ނަތަންޔާހޫ ގެންނަވާން އުޅުއްވާ ބަދަލުތަކަކީ އިސްރާއީލުގެ ވުޖޫދަށް ގެއްލުންހުރި ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަތަންޔާހޫ، ނުޢޫމު ޕާޓީގެ ޒަޢީމު އާވީ މިޢުވަޒާއެކު ހައްދަވާފައިވާ އެއްބަސްވުމާ ދެކޮޅު ހެދުމަށް ލެޕިޑް ދަނީ ބެލެނިވެރީންނަށް ގޮވައިލައްވަމުންނެވެ. ނަތަންޔާހޫ ވަނީ މަދަރުސާތަކުގެ ތަޢުލީމީ މަންހަޖުތަކާއި މުޤައްރަރުތަކަށް ބަދަލުގެނައުމުގެ ބާރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ވަކިކޮށް މި ޕާޓީއާ ޙަވާލު ކުރުމަށް ނިންމަވައިފައެވެ.
އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ދާޚިލީ ވަޒީރު ޢޫމަރު ބަރްލީވް ދަނީ އާދަކާދައާ ޢުރްފާ ޚިލާފަށް އެތައްއެތައް އޮފިސަރުންތަކަކަށް މަޤާމުގެ ކުރިއެރުން ދެއްވަމުންނެވެ. މި ކަމަކީ ނަތަންޔާހޫގެ ސަރުކާރުގައި ދާޚިލީ ވަޒީރުކަން ދެއްވަން ހަމަޖެހިފައިވާ ބިންޣަފީރު އެކަމާ ދެކޮޅު ހައްދަވާ ކަމެކެވެ. މި ފިޔަވަޅުގެ ބޭނުމަކީ ނަތަންޔާހޫގެ ސަރުކާރާ އިދިކޮޅު ލޮބީއެއް ފުލުހުންގެ އިދާރާގެތެރޭގައި ޤާއިމުކުރުމެވެ.
އިސްރާއީލުގެ ޕޮލިސް ކަމިޝަނަރ ޖެނެރަލް ޔަޢުޤޫބު ޝަބްތާއި ވަނީ ބަރްލީވުގެ ދަޢުވަތު ޤަބޫލު ނުކުރައްވާނެ ކަން އަންގަވައިފައެވެ. ޝަބްތައިއާ ދެކޮޅަށް އިސްރާއީލުގެ މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔެމުންދާކަން ފާހަގަ ކުރެވެއެވެ. އިސްރާއީލުގެ މީޑިއާ ބުނާގޮތުގައި ބިން ޣަފީރަށް ވަޒީރުކަން ލިބިވަޑައިގަތުމުގެ ކުރިން އޭނާ މި ދަނީ ފުލުހުންގެ އިދާރާތެރެއަށް ނުފޫޒު ހިންގަވަމުންނެވެ. މިއީ ޤާނޫނަ ޚިލާފު ކަމެއްކަމަށް މީޑިއާ ބުނެއެވެ.
އަނެއްކޮޅުން ބަލާއިރު ނަތަންޔާހޫ އޭނާގެ ސިޔާސަތު ދިފާޢު ކުރެއްވުމަށް ޓަކައި ފަހަތަށް ޖެހިވަޑައިނުގަންނަވާ އިދިކޮޅު ޖަމާޢަތްތަކަށް ޙަމަލާތައް ދެއްވަމުންދާ ތަން ފެނެއެވެ. ނަތަންޔާހޫ ތުހްމަތު ކުރެއްވި ގޮތުގައި އިދިކޮޅު ޙަރަކާތަކީ ދީމުޤްރާޠީ ނިޒާމު ވައްޓައިލުމަށް ހިންގާ ޙަރަކާތެކެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޖަމާޢަތްތަކުން ޢަންމު އިންތިޚާބުގެ ނަތީޖާ ވެސް ބަލައެއް ނުގަނެއެވެ. ލީކޯޑުގެ މެންބަރަކު ވިދާޅުވި ގޮތުގައި މުޒާހަރާކުރާ އެންމެން ޖަލަށް ލެވޭނެއެވެ.



advertisment