އުތުރު ކޮރެޔާގެ އެންމެ ފަހުގެ އަމާޒަކީ ދުނިޔޭގައިވާ އެންމެ ވަރުގަދަ ނިޔުކްލިއަރ ބާރަށްވުން ކަމަށް އުތުރު ކޮރެއާގެ ޒަޢީމު ކިމް ޖޮންގ އުން ރޭ ވިދާޅުވެއްޖެއެވެ.
އޭނާ މި ގޮތަށް ވާހަކަފުޅު ދެއްކެވީ އުތުރު ކޮރެއާގެ އަތުގައިވާ އެންމެ ވަރުގަދަ ބޮލިސްޓިކް މިސައިލް އުފެއްދުމާއި އެ ތަޖްރިބާކުރުމުގައި ބައިވެރިވި އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ ރަސްމީ އިޙްތިފާލުގައި ޤައުމާ މުޚާޠަބު ކުރައްވަމުންނެވެ.
ކިމް ވިދާޅުވިއެވެ. "ނިޔުކްލިއަރ ބާރު ބިނާކުރަނީ ދައުލަތުގެ ސިޔާދަތާއި ކަރާމަތް ޙިމާޔަތް ކުރުމަށް ޓަކައެވެ. އަހުރެމެންގެ އެންމެ ފަހު ލަޑުދަނޑިއަކީ ދުނިޔޭގައި އެންމެ ވަރުގަދަ އިސްތިރާތީޖީ ބާރު ލިބިފައިވާ ޤައުމަށް ވުމެވެ. މި ސައްތައިގައި އެއްވެސް ޤައުމަކަށް ލިބިފައިނުވާ ގަދަފަދަ މުޠުލަޤު ބާރެއް ހޯދުމެވެ."

އުތުރު ކޮރެއާގެ ޒަޢީމު ސިފަކުރެއްވި ގޮތުގައި ހުވަސުންގ– 17 ރޮކެޓަކީ ދުނިޔޭގައިވާ އެންމެ ވަރުގަދަ އިސްތިރާތީޖީ ހަތިޔާރެވެ. ކިމް ޖޮންގ އުނާ ހަވާލާދީ ރޮއެޓަރޒް ބުނި ގޮތުގައި ދުނިޔޭގައިވާ އެންމެ ވަރުގަދަ ޢަސްކަރީ ލަޝްކަރު ބިނާކުރުމަށް އުތުރު ކޮރެއާ އޮތީ ޢަޒްމު ކަނޑައަޅައިގެންނެވެ.
އޭނާ ވިދާޅުވިއެވެ. "ޤައުމުގެ ސައެންސީން ވަނީ ބޮލިސްޓިކް ރޮކެޓްގައި ހަނގުރާމަމަތީ ނިޔުކްލިއަރ ބޯތައް ހަރުކުރުމާ ބެހޭ ފަންނިއްޔަތު ކުރިއެރުވުމުގައި ވަރަށް މުހިއްމު މަރްޙަލާތަކެއް ކަޑަތުކުރައްވާ ކުރިއަށް ވަޑައިގެންފައެވެ." ކިމް މިކަމާ ބެހޭގޮތުން އިތުރު ތަފްޞީލެއް ނުދެއްވައެވެ.
މި މަހުގެ 18ވަނަ ދުވަހު އުތުރު ކޮރެއާއިން ވަނީ ވަރަށް ވަރުގަދަ ބޮލިސްޓިކް ރޮކެޓެއް ތަޖްރިބާކޮށްފައެވެ. އެއީ ހުވަސުންގ–17ގެ ނަންދީފައިވާ ރޮކެޓެވެ. މި ރޮކެޓް ތަޖްރިބާކޮށްފައިވަނީ އުތުރު ކޮރެއާގެ ވެރިރަށް ބިޔޮންގ ޔަންގ ވައިގެ ބަދަރުގައެވެ. ނަޒަރީ ގޮތުން ބަލާއިރު މި ރޮކެޓަށް އެމެރިކާ ބައްރާ ހަމައަށް ނިޔުކްލިއަރ ބޯތައް އުފުލުމުގެ ބާރު ލިބގެން ވެއެވެ.
ބިޔޮންގ ޔަންގގެ ވައިގެ ބަނދަރުން އުދުއްސައިލި މި ރޮކެޓް 6،041 ކީލޯމީޓަރު މަތިން އުދުހިފައި ވެއެވެ. އުތުރު ކޮރެއާގެ ކަނޑުގެ އިރުމަތީ ސަރަހައްދަށް މި ރޮކެޓް ވެއްޓުމުގެ ކުރިން 999 ކިލޯގެ ދުރުމިނަކަށް ދަތުރުކޮށްފައި ވެއެވެ.
އުތުރު ކޮރެއާއިން ނިޔުކްލިއަރ ތަޖްރިބާތައް ކުރަމުން ގެންދާތީ ވޮޝިންގްޓަން އެމާ ވަރަށް ކަންބޮޑުވެއެވެ. ވައިޓްހައުސްގެ ސަލާމަތީ ކަންކަމާ ބެހޭ ތަރްޖަމާނު ޖޯން ކަރބީ ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާގެ މި ޢަމަލަކީ "އެކަމާ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ."
އެމެރިކާއާއި ދެކުނު ކޮރެއާއާއި ޖަޕާނުން އިންޒާރުކުރާ ގޮތުގައި އުތުރު ކޮރެއާއިން ނިޔުކްލިއަރ ހަތް ވަނަ ތަޖްރިބާއެއް ކޮށްފިނަމަ "އެފަދަ މިސާލެއް ނެތް ފަދަ ރައްދަކުން ރައްދު ދޭނަމެވެ."
މި ދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އުތުރު ކޮރެއާއިން ބުނިގޮތުގައި އެ ޤައުމުން ނިޔުކްލިއަރ ފަންނީ ޙަމަލާއަކާ އެއްފަދަ ޙަމަލާއެއް ވަނީ ދީފައެވެ. މި ތަޖްރިބާ ބޭއްވުނީ ޒަޢީމު ކިމްގެ ޙާޒިރުގައެވެ. އުތުރު ކޮރެއާ ބުނާގޮތުގައި އެ ޤައުމުގެ ޒަޢީމު އަވަހާރަކޮށްލާން މަސައްކަތް ކޮށްފިނަމަ ވަގުތުން ނިޔުކްލިއަރ ހަތިޔާރު ބޭނުން ކުރެވޭނެއެވެ.



advertisment