Support Us

ޖަމާއަތް 20ގެ ސަމިޓް ފަށައިފި

އިންޑޮނީޝިޔާގެ ބާލީގައި ޖަމާޢަތް 20 ގެ ސަމިޓް މިއަދު ހެނދުނު ފަށައިފިއެވެ. މި ސަމިޓްގައި އެމެރިކާގެ ރައީސާއި ޗައިނާގެ ރައީސް ބައިވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ރޫސީ ރައީސް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

މި ސަމިޓް ހުޅުއްވާ ދެއްވަމުން އިންޑޮނީޝިޔާގެ ރައީސް ޖޫކޯ ވިދޫދޫ ދުނިޔެ އެހެން ބޮޑުހަނގުރާމައަކަށް ގޮސްގެން ނުވާނެކަމަށާއި އެ ފަދަ ޢަމަލަކާ ދުރުހެލިވުން ދުނިޔޭގެ މައްޗަށް ވާޖިބުވެފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެސް ގޮވައިލެއްވިއެވެ.

ވިދޫދޫ ވިދާޅުވިއެވެ. "ޖަމާޢަތް 20ގެ ސަމިޓަށް މެހެމާންދާރީ އަދާކުރުމަކީ އިންޑޮނީޝިޔާއާށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މި މާލަމުގައި އަޅުގަނޑުމެން އެންމެން އެކުގައި ތިބުމަކީ ވަރަށް ބޮޑު މަސައްކަތަކަށް ބޭނުންވާ ކަމެކެވެ."

މި ސަމިޓްގެ ނިންމުންތަކުގައި ޔުކްރޭން ހަނގުރާމަޔާ ހެދި ރަޝިޔާ ކުށްވެރިކުރެވޭތޯ ހުޅަނގުގެ ޒައީމުން ދަނީ ވަރަށް ބޮޑަށް ފިއްތަވަމުންނެވެ.އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އެމެރިކާ އުންމީދު ކުރަނީ މި ސަމިޓުން ރަޝިޔާ ކުށްވެރިކުރާނެ ކަމަށެވެ. އެއީ ޔުކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމައަކީ އެކަމުގެ ސަބަބުން ދުނިޔެއަށް ލޮޅުން އަރަމުންދާ ކަމަކަށް ވާތީއެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ގަޑުބަޑުވަމުންދާތީއެވެ.

ސަމިޓްގެ ދެލި ކޮޕީ

މިއަދު ބާލީގައި ފެށުނު ޖަމާޢަތް 20ގެ ސަމިޓް ނިންމާ ބަޔާނުގައި ރަޝިޔާ ކުށްވެރި ކުރާނެ ކަމަށް ދެލިކޮޕީގައި އައިސްފައިވާ ކަމަށް ޚަބަރު ލިބެއެވެ. ޔުކްރޭން ހަަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ގެއްުލުންތައް ލިބެމުންދާތީއެވެ.

އަނެއްކޮޅުން ބަލާއިރު ޗައިނާގެ ރައީސް ޝީ ޖިންޕިނގް ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެތި ބޭނުންކުރުމާ ދުރުހެލިވުމަށް މި ސަމިޓަށް ގޮވައިލެއްވިއެވެ. ޔުކްރޭނުގެ ރައީސް ޒިލެންސްކީ މި ޔުކްރޭނުގެ ރޭވުމާ އެއްގޮތަށް ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ސަމިޓަށް ގޮވައިލެއްވިއެވެ. އޭނާ މި ކަމަށް ގޮވައިލެއްވީ ދާދިވަރުކޮށް ޓީވީ ޗެނެލް މެދުވެރިކުރައްވާ ސަމިޓާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދެއްކަވަމުންނެވެ.

މި ސަމިޓްގެ ބަޔާނުގެ ދެލިކޮޕީ ބުނާގޮތުގައި އަށް މަސް ދުވަސްވީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ދަނީ ފީވަމުންނެވެ.

މި ބަޔާން ދެކެފައިވާ ރޮއެޓާރޒާއި ފްރާންސް ޕްރެސްއާއި ޖަޒީރާ ބުނާގޮތުގައި ސަމިޓް ނިންމާ ބަޔާނުގެ ދެލިކޮޕީ ބުނާގޮތުގައި ޖަމާޢަތް 20 އަކީ ސަލާމަތީ މަސްއަލަތައް ޙައްލުކުރުމާ ބެހޭ މަހާސިންތާއެއް ނޫނެވެ. އެ ފަދަ މަސްއަލަތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ހަވާސަރުތައް ފޯރަމުންދާ ކަމަށް މި ސަމިޓް އެއްބަސްވެއެވެ.

އދ އާއި ތުރްކީ މެދުވެރިގެން ޔުކްރޭނުން ގޮދަން ބޭރުކުރުމާ ބެހޭ ޔުކްރޭން- ރޫސީ އެއްބަސްވުމުގެ މުއްދަތު އައު ކުރުމަށް ވެސް މި ސަމިޓުން ގޮވައިލައެވެ.

ސަމިޓް ނިންމާ ބަޔާން ކަށަވަރުކޮށްދޭ ގޮތުގައި "މި ޢަޞްރު ހަނގުރާމައިގެ ޢަސްރަކަށް ހަދައިގެން ނުވާނެއެވެ. އަދި ނިޔްކްލިއަރ ހަތިޔާރުގެ ބޭނުންކުރުމާއި އެ ފަދަ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބިރުދެއްކުމަކީ ވެސް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ."

މި ގިއުގަނޑުގެ ތެރޭގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ކާބޯތަކެއްޗާއި ހަކަތަ ހަތިޔާރަކަށް ނެހެދުމަށް ގޮވައިލެއްވިއެވެ. ހަމަ އެފަދައިން ހުޅަނގުން ޤައުމުތަކާ ދެކޮޅަށް ގެންގުޅޭ އަދަބުދިނުމުގެ ސިޔާސަތާ ޗައިނާ ދެކޮޅުހަދާ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.

މީގެ އިތުރަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ ވިދާޅުވާ ގޮތުގައި ޖަމާޢަތް 20 އިންނާއި ބައިނަލްއަޤްވާމީ އެހެނިހެން މަންސާތަކުން ރަޝިޔާ ވަކިކުރުމަށް ގޮވައިލާ ގޮވައިލުންތަކާ ޗައިނާ ވަރަށް ބޮޑަށް ދެކޮޅުހަދައެވެ.

މި ސަމިޓް ފެށުމުގެ ކުރިން ބުރަސަލްސް ގައި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސް ކަމިޝަނަރު ޖޯޒިޕް ބޮރެލް ހާމަކުރެއްވި ގޮތުގައި ބައިނަލްއަޤްވާމީ މަސްރަޙުން ރަޝިޔާ ޢަޒްލު ކުރުމަށް އެ އިއްތިޙާދުން މަސައްކަތް ކުރާނެއެވެ. އަދި ރަޝިޔާއާ ދެކޮޅަށް ޔުކްރޭނަށް ވާގިވެރިވުން ކުރިއަށް ގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *