ރަޝިޔާ އަތުން މިނިވަން ކުރި ޔުކްރޭނުގެ ޚަރސަން ސަހަރަށް ޔުކްރޭނުގެ ރައީސް ޒިލެންސްކީ މިއަދު ޒިޔާރަތް ކުރައްވާ އެ ސަހަރުގެ މެދުތެރޭގެ މައިދާނެއްގައި ސިފައިންނާ ބައްދަލު ކުރައްވައި އެމީހުންނަށް ހިތްވަރު ދެއްވައިފިއެވެ. ޒިލެންސްކީ އެ ސަހަރުގެ ރައްޔިތުންނަށް އަތްޕުޅު ހޫރައްވަވާ ސަލާން ކުރެއްވިއެވެ. އެމީހުން ބެލްކަނިތަކަށް ނުކުމެ "ޔުކްރޭން ޒިންދާބާދު" ކިޔާ އަޑުއުފުލިއެވެ.
ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް މި ޚަބަރާ ބެހޭގޮތުން ކޮމެންޓް ކުރެއްވުމަށް ޤަބޫލުފުޅުނުވި ކަމަށް ނޫސް އޭޖެންސީތައް ބުންޏެވެ. އެހެނަސް އޭނާ ވިދާޅުވިއެވެ. "ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން އެއީ ރޫސީ އިއްތިޙާދުގެ ބިމެކެވެ."
ޔުކްރޭން ސިފައިން ޚަރސަން ސަހަރު ހިފީ އެމީހުން ދިން ވަރުގަދަ ޙަމަލާތަކާ ވިދިގެން ޚަރސަން ދެ ފަޅިއަށް ބައިކުރާ ޑުނިޕްރޯ ކޯރުގެ ވާތު އައްސޭރި ފަރާތަށް ރޫސީ ސިފައިން ބޭލުމުންނެވެ. ޚަރސަން ސަހަރަކީ ރޫސީ ސިފައިން ޔުކްރޭނުން ހިފި އެންމެ މުހިއްމު ސަހަރެވެ.



advertisment