ތުރްކީގެ މަޝްހޫރު އިސްތަންބޯލު ސަހަރުގައި ބޮމެއް ގޮވި ހާދިސާގައި ބައިވެރިކަމަށް ތުހްމަތު ކުރެވޭ 22 މީހަކު ހައްޔަރު ކޮށްފި ކަމަށް ތުރްކީގެ ދާޚިލީ ވަޒީރު ސުލައިމާނު ޞުވައިލޫ އިޢުލާނު ކުރައްވައިފިއެވެ.
މި މީހުންގެ ތެރޭގައި އެ ބޮން ގޮނޑިއެއްގެ ދަށުގައި ބޭއްވި މީހާވެސް ހިމެނެއެވެ. މި ޙަދިސާގައި ހަ މީހަކު މަރުވެ 80 ވަރަކަށް މީހުން ވަނީ ޒަޚަމުވެފައެވެ.
ތުރްކީގެ ދާޚިލީ ވަޒީރު ޞުވައިލޫ ތުހްމަތު ކުރައްވާ ގޮތުގައި މިއީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ޕީކޭކޭ (ކުރްދިސްތާނު ލޭބަރ ޕާޓީ) އިން ހިންގައިފައިވާ ޖަރީމާއެކެވެ. މި ބޮން ގޮއްވައިލައިފައި ވަނީ ހަވީރުގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތުގައެވެ. އިސްތަންބޯލު ސަހަރުގެ ޔޫރަޕް ފަޅީގެ މައި މަގެއް މަތީގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޙަމަލާ ދިނުމުގެ އަމުރު ނެރެފައިވަނީ ސޫރިޔާގެ ކޫބާނީ ސަހަރުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޙަމަލާދިން މީހާ އައިސްފައި ވަނީ އުތުރު ސޫރިޔާގެ ޢިފްރީން ސަރަޙައްދު ތެރެއިން ލައިފައެވެ. މި މީހާ ތުރްކީގެ އިސްތަންބޯލަށް އައިސް އޭނާ ދަތުރު ކުރި އުޅަނދުގައި އިށީނދެ އިން ގޮނޑި ދަށުގައި ބޮން ބާއްވައިފައި އެ އުޅަނދުން ފޭބީއެވެ.
ތުރްކީގެ ޞިއްޙަތާ ބެހޭ ވަޒީރު ފަޚްރުއްދީން ޤޫޖާ ހާމަކުރެއްވި ގޮތުގައި މި ހަމަލާގެ ސަބަބުން ޒަޚަމުވި 81 މީހުންގެ ތެރެއިން 39 މީހަކު މިހާރު ވަނީ ހަސްފަތާލުން ދޫކޮށްލައިފައެވެ. މަޣްރިބުން ބުނާގޮތުގައި ޒަޚަމުވި މީހުންގެ ތެރޭގައި އެ ޤައުމުގެ ދެ ފަތުރުވެރިއަކު ވެއެވެ.
ތުރްކީން ބުނާގޮތުގައި މި ހާދިސާ ތަޙްޤީޤު ކުރުމަށް ޓަކައި ފަސް ބޭފުޅަކު ވަނީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅައިފައެވެ. މި ޙާދިސާ ހިނގައިފައި ވަނީ އިސްތަންބޯލުގެ އިންޑިޕެންޑެންސް މަގުގައެވެ.
ތުރްކީގެ ނައިބު ރައީސް އޫޤުޠާއި އެ ހިސާބަށް ވަޑައިގެން އެ މަންޒަރުތައް ބައްލަވައިލެއްވިއެވެ. އޭނާގެ އަރިހުގައި ދާޚީލީ ވަޒީރު ޞުވައިލޫއާއި ޢަދްލުއިންސާފާ ބެހޭ ވަޒީރު ބަކީރު ބޫޒުދާޣު ވެސް ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ ފަހަތުކޮޅުގައި ތިއްބަސް މި ޖަރީމާ ހިންގި މީހުން ހޯދައި އަދަބު ދެވޭނެއެވެ.
ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މި ޖަރީމާއަކީ ނިރުބަވެރި ޖަރީމާއެއް ކަމަށް ސިފަ ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ނިރުބަވެރި ޖަމާޢަތްތަކަށް ތުރްކީ ކުޑަކަކުލެއް ނުޖެއްސުވޭނެއެވެ." ތުރްކީގެ ޓީވީގައި ރައީސް އުރްދުޣާން ވާހަކަފުޅު ދައްކަވަމުން ހާމަކުރެއްވި ގޮތުގައި މި ޖަރީމާ ހިންގީ އަންހެނެކެވެ.
ބޮން ގޮއްވި ވަގުތު
މި ބޮން ގޮއްވައިލައިފައި ވަނީ ވަރަށް މޫސުން ރީތި، މީހުން އެންމެ ގިނައިން ބޭރަށް ނުކުމެއުޅޭ ހަވީރުގެ ވަގުތުގައި ފަތުރުވެރީން ގިނައިން ގޮސް އުޅޭ އިންޑިޕެންޑެންސް މަގުގައެވެ. މި ފަދަ ޙާދިސާއެއް 2017 ގައި ވެސް ހިނގައިފައި ވެއެވެ. މި މަގަކީ ޑިޕްލޮމެޓިކް ބައެއް އޮފީސްތައް ހުންނަ މަގެކެވެ. އޭގެތެރޭގައި ރޫސީ ކޮންްސްލޭޓާއި ހޮލެންޑް ކޮންސްލޭޓް ހިމެނެއެވެ. މީގެ އިތުރަށް މި މަގުގައި ފަތުރުވެރިން ޒިޔާރަތް ކުރާ އެތައް ތަންތަނެއް ހުރެއެވެ.
ތުރްކީގައި މި ހިންގި ނިރުބަވެރި ޙަމަލާ އޯއައިސީން ވަނީ ކުށްވެރި ކޮށްފައެވެ. އިސްލާމީ ޤައުމުތަކުންނާއި ޢަރަބި ޤައުމުތަކުންނާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން ވަނީ ތުރްކީއަށް ތަޢުޒިޔާ ކިޔާ މި ހާދިސާ ކުށްވެރިކޮށްފައެވެ.



advertisment