ޔުުކްރޭން ސިފައިން ޚަރސަން ސަހަރަށް ވަދެ އެ ސަހަރުގައި ޔުކްރޭނުގެ ދިދަ ނަގައިފި ކަމަށް ޔުކްރޭނުން ބުނެފިއެވެ.
ރަޝިޔާ ސިފައިން ވަނީ އިއްޔެ މި ސަހަރުން ފައިބައިފައެވެ. މިއީ ރަޝިޔާ ސިފައިންނަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެއް ކަމަށް ޔުކްރޭނުންނާއި ހުޅަނގުން ފާހަގަކުރެއެވެ. ޚަރސަން ސަހަރަކީ ރޫސީ ސިފައިން ޔުކްރޭނުން އެންމެ ފުރަތަމަ ހިފި މައި ސަހަރެވެ.
ޔުކްރޭނުގެ ރައީސް ޒިލެންސްކީ މީސްމީޑިއާ މެދުވެރިކޮށް ސިފަކުރެއްވި ގޮތުގައި "މިއީ ތާރީޚީ ދުވަހެކެވެ. އަހުރެމެން ޚަރސަން އަލުން ހިފައިފީމެވެ."
ޚަރސަން ސަހަރަށް އެރީ ޔުކްރޭނުގެ 28 ވަނަ ބްރިގޭޑް ކަމަށް ރައީސް ޒިލެންސްކީ ވިދާޅުވިއެވެެ.
ހަނގުރާމަ ދަނީ ކުރިއަށް
އެހެނަސް ޔުކްރޭނުގެ ޚާރިޖީ ވަޒީރު ކޮލިބާ މިއަދު ވިދާޅުވި ގޮތުގައި "ހަނގުރާމައެއް ނުހުއްޓެއެވެ." މި ކަން އޭނާ ހާމަކުރެއްވީ އާސިޔަން ސަމިޓްގެ ހަވާސާ މަތީގައި އޮސްޓްރޭލިޔާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުގެ ބިންތައް މިނިވަންކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ދާނެއެވެ. ކޮލީބާ ވިދާޅުވިއެވެ. "އަހުރެމެންނަށް ހަނގުރާމައެއްގައި ނަސްރު ލިބުނަސް ބޮޑު ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. އެންމެން ވެސް މި ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނައުމަށް ބޭނުންވެއެވެ."
އޭނާ ވިދާޅުވި ގޮތުގައި "ރަޝިޔާއިން ދަނީ ސިފައިންނާއި ހަތިޔާރުތައް ޖަމާކުރަމުންނެވެ. އަޅުގަނޑުމެން ތިޔަބޭފުޅުންގެ އިތުރު އަވަސް އެހީއަށް ބޭނުންވެއެވެ."
ރަޝިޔާއިން ދުނިޔެ ބަނޑަށް ޖެއްސުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ޔުކްރޭނުގެ ވަޒީރު އާސިޔަން ޤައުމުތަކަށް ގޮވައިލެއްވިއެވެ.
ނޫސްވެރީންނާ ބައްދަލު ކުރައްވާ ޔުކްރޭނުގެ ޚާރިޖީ ވަޒީރު ހާމަކުރެއްވި ގޮތުގައި ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް އޭނާއާ ބައްދަލު ކުރައްވާން އެދިވަޑައެއް ނުގަންނަވައެވެ. ޞުލްޙައާ ބެހޭ ވާހަކަދެއްކުންތަކުގައި ހެޔޮ ނިޔަތުގައި ބައިވެރިވުމަށް އޭނާ ރަޝިޔާއަށް ގޮވައިލެއްވިއެވެ.
ރަޝިޔާއިން ފޭބުން
އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޚަރސަން ދެ ފަޅިއަށް ބައިކުރާ ޑުނިޕްރޯ ކޯރުގެ ވާތު އައްސޭރި ފަރާތަށް އެ ޤައުމުގެ ސިފައިންގެ ފައުޖުތައް ބޭލިއްޖެއެވެ. ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ ޓީވީގައި ހާމަކުރެއްވި ގޮތުގައި ރޫސީ ސިފައިން އެ ކޯރުގެ ވާތްފަރާތު އައްސޭރިއަށް ފޭބީ މައިދާނީ ކޮމާންޑަރު ޖެނެރަލް ސަރގީ ސޮރުވެކެންގެ ލަފާފުޅުގެ މަތީން ކަމަށް އޭނާ ވިދާޅުވިއެވެ. ޖެނެރަލް ސޮރޮވެކެން ވިދާޅުވި ގޮތުގައި ރޫސީ ސިފައިން މިހާރު ދަނީ ކޯރުގެ އަނެއް ފަރާތުގައި ސަފުތައް އިންތިޒާމު ކުރަމުންނެވެ. ރަޝިޔާ ބުނާގޮތުގައި ތިރީހަކަށް ހާސް ސިފައިންނާއި ފަސް ހާހެއްހާ ޢަސްކަރީ އުޅަނދާއި އާލަތްތަކާއި ސާމާނުތައް ބޭލުނެވެ. ރަޝިޔާ ބުނާގޮތުގައި އެ ކޯރުގެ ކަނާތުފަރާތު އައްސޭރީގައި ރަޝިޔާގެ އެއްވެސް އެއްޗެއް މިހާރަކު ނުހުންނާނެއެެވެ.



advertisment