Support Us

ބައިޑްން މިޞްރުގެ ރައީސް ސީސީއާ ބައްދަލުކުރައްވައިފި

މޫސުމާބެހޭ ސަމިޓްގެ ހަވާސާމަތީގައިި މިޞްރުގެ ޝަރްމުއްޝައިޚުގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ސަމިޓްގައި އިސްކަން ދެއްވައިފައި ވަނީ އިންސާނީ ޙައްޤުތަކަށް ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިއެވެ.

ރައީސް ސީސީ އެމެރިކާގެ ރައީސް ބައިޑްނަށް ހާމަކުރެއްވި ގޮތުގައި މިޞްރުން މިހާރު ވަނީ އިންސާނީ ޙައްޤުތަކާ ބެހޭ އިސްތިރާޖީއަކާއި ރިޔާސީ މާފާ ބެހޭ ޚާއްޞަ ކޮމެޓީއެއް އެކުލަވައިލައިފައެވެ. މި ކޮމެޓީން އަދަބު ލުއިކޮށްދޭން ފެންނަ މީހުންނާއި މާފުދީ ދޫކޮށްލަން ޖެހޭ މީހުން ކަނޑައަޅައިނެ ކަމަށް ރައީސް ސީސީ ދެންނެވިއެވެ. މީގެ އިތުރަށް އޭނާ ރައީސް ބައިޑްނަށް ދެންނެވި ގޮތުގައި ޤައުމީ ވާހަކަދެއްކުމާ ބެހޭ އިސްނެގުމެއް މިހާރު ވަނީ މިޞްރުން ފަށައިފައެވެ. މި ވާހަކަދެއްކުންތަކުގައި ޤައުމީ އެންމެހައި މަސްއަލަތަކާމެދު ބަހުސްކުރެވޭނެއެވެ.  

ފަހަކަށް އައިސް އިންސާނީ ޙައްޤުތަކުގެ މަސްއަލަތަކުގައި ހުޅަނގުން ދަނީ މިޞްރާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މި ދާއިރާގައި އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވާ ބޭފުޅަކީ އިނގިރޭސިވިލާތުން އެ ޤައުމުގެ ރައްޔިތަކަށް ހަދައިފައިވާ ޢަލާ ޢަބްދުލްފައްތާޙެވެ. އޭނާ ފަސް އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ނިޔާ އިއްވައިފައި ވަނީ 2021 ގައެވެ. 

ޔުކްރޭން ހަނގުރާމައިގެ މަސްއަލައިގައި މިޞްރުން ގެންގުޅޭ ސިޔާސަތަށް ރައީސް ބައިޑްން ތާރީފު ކުރެއްވިއެވެ.އަދި ޣައްޒާ- އިސްރާއީލު ކުރިމަތިލުންތަކުގައި މިޞްރުން ދޭތެރެމެދުގައި ހިނގާ ފަރާތެއްގެ ގޮތުން އަދާކުރާ ދައުރަށް ވެސް ރައީސް ބައިޑްން ތާރީފު ކުރެއްވިއެވެ.

މި ހުސްވި ސެޕްޓެންބަރު މަހު އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވާ ގޮތުގައި މިޞްރަކީ އެމެރިކާގެ އިސްތިރާޖީ ބައިވެރިއެކެވެ. އެމެރިކާއާ ގުޅިފައިވާ އެތައް މަޞްލަޙަތުތަކެއްގައި ވޮޝިންގްޓަނުން ޤާހިރާއާއެކު އެއްބާރުލަމުން ދާކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.   

އެމެރިކާގެ ރައީސް ބައިޑްން މޫސުމާ ބެހޭ ޝަރްމުއްޝައިޚު ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ދެން ވަޑައިގަންނަވާނީ އިންޑޮނޭޝިޔާގެ ބާލީގައި ބޭއްވޭ ޖަމާޢަތް 20ގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ބާލީއަށެވެ. މި ސަމިޓްގެ ހަވާސާ މަތީގައި ރައީސް ބައިޑްން ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ބައްދަލު ކުރައްވާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *