ތައްލު އަބީބާއި ޤަޠަރާ ދެމެދުގައި ވަރލްޑްކަޕްގެ ދުވަސްވަރުގައި ވައިގެ ދަތުރުތައް ކުރުމާ ބެހޭ އެއްބަސްވުމަކާ ހަމައަށް އިސްރާއީލާއި ޤަޠަރު އަތުވެއްޖެ ކަމަށް ފީފާއިން ރޭ އިޢުލާންކޮށްފިއެވެ.
ޤަޠަރުން ބުނާގޮތުގައި މިއީ ހަަމަ އެކަނި މޮންޑިޔާލް 22 ގެ މުބާރާތްތައް ބެލުމަށް ޓަކައި ހަމަޖެހުނު ވަގުތީ ކަމެކެވެ. ޤަޠަރުން ބުނާގޮތުގައި މި ކަމަށް ހުއްދަ ދިނީ ވަކި ޝަރްޠުތަކެއްގެ މަތިން ވަކި މުއްދަތަކަށެވެ. މިއިން ޝަރްޠަކާ އިސްރާއީލުން ޚިލާފުވެއްޖެނަމަ އެ ދަތުރުތައް ކުރުމާ ބެހޭ ހުއްދަ ބާޠިލުވެގެންދާނެއެވެ.
ފީފާ ބުނާގޮތުގައި ފީފާގެ މެޗުތައް ބޭއްވޭ ދުވަސްވަރުގައި "ހައްޔާ" ސުމޭކު ކާޑު ލިބިފައިވާ މީހުންނަށް ތައްލު އަބީބުގެ ޑޭވިޑް ބެންގޫރިއަން ވައިގެ ބަނދަރުން ދައުޙާގެ ޙަމަދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދަތުރުތައް ކުރެވޭނެއެވެ.
ޤަޠަރުގެ މަސްއޫލުވެރިއަކު ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރިއާއި ޣައްޒާއާއި އިރުމަތީ ޤުދުސުގައި ދިރިއުޅޭ ފަލަސްޠީނު މީހުންނަށް ވެސް ތައްލު އަބީބުން ދައުޙާއަށް ދަތުރު ކުރެވޭނެއެވެ.
ވޯލްޑްކަޕުގެ މެޗުތައް ބޭއްވުމަށް ތައްޔާރުކުރާ ފީފާގެ އިދާރާގެ ތަރްޖަމާނު ވިދާޅުވާ ގޮތުގައި ހައްޔާ ޓިކެޓް ލިބިފައިވާ ފަލަސްޠީނު މީހުންނަށާއި ފަލަސްޠީނުގެ މީޑިޔާ ވަސީލަތްތަކަށް ވެސް އެއްވެސް ޤައިދެއްނެތި މި ދަތުރުތަކުގައި ދައުޙާއަށް ދަތުރު ކުރެވޭނެއެެ. އެމީހުންނަށް ވެސް ފުޓްބޯޅަަ މެޗުތައް ބަލައި މުނިފޫހިފިލުވުުގެ ޙައްޤު ލިބިގެން ވެއެވެ.
ދައުޙާއިން ޝަރްޠުތަކެއް ކަނޑައަޅާ
ނިވްޔޯރކް ޓައިމްޒް ބުނާގޮތުގައި ފުޓްބޯޅަ މުބާރާތުގެ ދުވަސްވަރުގައި މި މެޗުތައް ބަލާން ދައުޙާއަށް ދާ އިސްރާއީިލީންނަށް ބޭނުންވާ ޚިދްމަތްތައް ދިނުމަށް ޓަކައި ދައުޙާގައި އިސްރާއީލުގެ ވަގުތީ ކޮންސަލެއް ހުޅުވޭނެއެވެ. އަދި މި އިދާރާގައި މަސައްކަތް ކުރުމަށް ޓަކައި އިސްރާއީލުގެ ޑިޕްލޮމެޓުންގެ ޓީމަކަށް ޤަޠަރުގައި މަސައްކަތް ކުރުމުގެ ހުއްދަ ވެސް ލިބޭނެއެވެ. އިސްރާއީލުގެ ރޭޑިއޯ މަސައްކަތް ކުރުމަށް ޓަކައި ވަގުތީ އިސްޓޫޑިއޯ އެއް ޤާއިމު ކުރުމުގެ ހުއްދަ ވެސް ދެވޭނެއެވެ.
މި ނޫސް ބުނާގޮތގައި ޤަޠަރުން މި ކަންކަމަށް ހުއްދަ ދިނީ ޝަރްޠުތަކެއްގެ މަތީންނެވެ. އެ ދުވަސްވަރުގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނު މީހުންނާއި ފަލަސްޠީނުގެ ރަށްތަކާ ދެކޮޅަށް އެއްވެސް ހަރުކަށި ޢަމަލެއް ހިންގައިގެން ނުވާނެއެވެ. މި ފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އެ ދަތުރުތައް ކުރުމުގެ ހުއްދަ ބާޠިލުވާނެ ކަމަށް ދައުޙާއިން ބުންޏެވެ.
ޤަޠަރުން ބުނާގޮތުގައި މި ވަގުތީ އިޖްރާތުތަކުގެ ސަބަބުން އިސްރާއީލު– ޤަޠަރު ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެކަމާ އިސްރާއީލާއެކު ގުޅުން ޤާއިމުކުރުމާ އެއްވެސް ގުޅުމެއް ނެތެވެ.
ޤަޠަރު ބުނާ ގޮތުގައި މިއީ ފީފާގެ އެދުމުގެ މަތިން އެއްބަސްވެވެނު ވަގުތީ ކަމެކެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނު މީހުންނަށް ފުރަތަމަ ފަހަރަށް ވަރލްޑް ކަޕްގެ މުބާރާތްތައް ބެލުމުގެ ފުރްޞަތު ތަނަވަސްވެގެން ދާނެއެވެ.
މި އެއްބަސްވުން ސިޔާސީ ކަމެއް ކަމަށް ނުހެދުމަށް ޤަޠަރަށް ގޮވައިލައެވެ.
އިސްރާއީލުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި އިސްރާއީލުގެ ކޮންސްލޭޓުގެ ޓީމު ދައުޙާގައި ތިބޭނީ ވަރލްޑް ކަޕް ބޭއްވޭ ދުވަސްތަކުގައި އެކަންޏެވެ.
ޤަޠަރުގެ މި ނިންމުމަށް އެމެރިކާގެ ޚާރިޖިއްޔާއިން މިއަދު ވަރަށް ބޮޑަށް މަރްޙަބާ ކިޔެވެ.



advertisment