ތައިވާނުގެ ވަށައިގެން ޗައިނާގެ ޢަސްކަރީ 44 މަތިންދާ ބޯޓާއި ހަތަރު މަނަވަރާއި ޢަސްކަރީ ދެ ޑްރޯން އިއްޔެ ފެނިފައިވާ ކަމަށް ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާން ބުނާގޮތުގައި ޗައިނާގެ ޢަސްކަރީ ބާރުތަކުގައި ހިމެނޭ 15 މަތިންދާބޯޓާއި ދެ ޑްރޯނެއް ވަނީ ތައިވާން ކަނޑުއޮޅީގައި ޗައިނާ- ތައިވާން ސަރަޙައްދު ވަކިކުރާ ރޮނގު ހުރަސްކޮށްފައެވެ. މީގެ ތެރެއިން ހަތަރު ބޯޓެއް އުދުހިފައި ވަނީ ޗައިނާ- ތައިވާން ވައިގެ ދިފާޢީ ސަރަޙައްދުގެ މަތިން ތައިވާނުގެ އިރުމަތީ ފަރާތުގައި ކަމަށް ވެސް މި ބަޔާން ބުނެފައި ވެއެވެ.
ތައިވާން ބުނާގޮތުގައި ޗައިނާގެ ޖައްވީ އުޅަނދުތަކާއި ކަނޑުގެ އުޅަނދުތަކުގައި އިލްކްޓްރޯނިކް ސާމާނާއި ފޯރިމަރާ މަތިންދާބޯޓާއި ބިމުން ބިމަށް ފޮނުވާ ބާވަތުގެ މިސައިލް ނިޒާމުތައް ހުއްޓެވެ.
މި ދިޔަ ހަފުތާގައި ޗައިނާގައި ވަނީ ޢަސްކަރީ މަރްކަޒީ ކޮމެޓީ އަލުން އެކުލަވައިލައިފައެވެ. ޗައިނާގައި ނިމިގެނންދިޔަ ކޮމްޔުނިސްޓް ޕާޓީގެ ބައްދަލުވުމުގައި ރައީސް ޝީ ޖިންޕިންގ ވާހަކަފުޅު ދައްކަވަމުން ތައިވާން- ޗައިނާގެ ސިޔާދަތުގެ ދަށަށް ގެންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަތްތިލަބަޑީގެ ހޫނު ތަރްޙީބުގެ ތެރޭގައި ވާހަކަފުޅު ދެއްކެވިއިރު ބާރުގެ ބޭނުން ކުރުމަކީ ދުރުކަމެއްނޫން ކަމަކަށް އޭނާ ވިދާޅެއް ނުވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން 17 އޮކްޓޯބަރުގައި ވިދާޅުވިއެވެ. "ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް ޗައިނާއިން ތައިވާނަށް ވެރިވެ ގަތުމަށް މަސައްކަތް އެބަކުރެއެވެ." އޭނާ ވިދާޅުވިގޮތުގައި ޝީގެ ސިޔާސަތަކީ ޢުދްވާނީ މަގުން ދަތުރުކުރާ ސިޔާސަތެކެވެ. މި މޭރުމުން ބްލިންކެން ވާހަކަފުޅު ދެއްކެވީ ސްޓޭންފޯރޑް ޔުނިވަރސިޓީގައެވެ.
އޭނާ ވިދާޅުވިއެވެ. "ޝީގެ ޒަޢާމަތުގެ ދަށުގައި ޗައިނާ ފާޅުވަމުންދާ ގޮތް ވަރަށް ތަފާތެވެ." މި ބައްދަލުވުމުގައި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރެއްކަމުގައިވާ ކޮންޑަލީޒާ ރައިސް ވެސް ބައިވެރިވެ ވަޑައިގަތެވެ.
ބްލިންކެން ތުހްމަތު ކުރެއްވި ގޮތުގައި ތައިވާނާ ބެހޭ ގޮތުން ޗައިނާއިން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ޗައިނާއިން ދަނީ އެ ސަރަޙައްދު ވަރަށް ބޮޑަށް ހަލަބޮލި ކުރަމުންނެވެ. ޗައިނާ ބުނާގޮތުގައި ތައިވާނަކީ ޗައިނާގެ ބިމެކެވެ.



advertisment