"އަލުން އެއްގަލަކަށް އެރުން" މި ޝިޢާރުގެ ދަށުން ޖަޒާއިރުގައި އަރަބި ޤައުމުތަކުގެ 31ވަނަ ސަމިޓް ރޭ ޖަޒާއިރުގައި ފަށައިފިއެވެ.
މި ސަމިޓް ފެށީ ކުރީ ދައުރުގެ ރައީސް، ތޫނިސްގެ ރައީސް ޤައިސް ސުޢައްޔިދު ސަމިޓްގެ ރިޔާސަތު ޖަޒާއިރުގެ ރައީސް ޢަބްދުލް މަޖީދު ތައްބޫނާ ޙަވާލު ކުރެއްވުމުންނެވެ. މި ސަމިޓް މި ބޭއްވީ ކޮރޯނާގެ ސަބަބުން ތިން އަހަރު މި ސަމިޓް ނުބޭއްވި ފަސްކުރިމަށް ފަހުގައެވެ.
ޖަޒާއިރުގެ ރައީސް ތައްބޫން ވިދާޅުވިގޮތުގައި މި ސަމިޓް މި ބޭއްވެނީ ނުތަނަވަސްކަމާއި މަސްއަލަތައް ގިނަވަމުންދާ ޙާލަތެއްގައި ވަރަށް ޙައްސާސު ވަރަށް ތައުގީދު ވަގުތެއްގައެވެ.
މި ބައްދަލުވުމުގައި ޢަރަބި ޤައުމުތަކުގެ އިސްވެރީންގެ ތިންބައި ކުޅަ ދެ ބައި ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސް ތައްބޫނުގެ ވާހަކަފުޅުގައި ބައިނަލް އަޤްވާމީ މަސްރަޙަށް އަރަބީން އެނބުރި ދިޔުމަށް ޓަކައި އެމީހުން އެއްގަލަކަށް އަރައިގެން ތިބެ މަސައްކަތްކުރުމުގެ އަހައްމިއްޔަތަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަތުގައި ހުރި އިންސާނީ މުއްސަނދިކަމާއި މާލީ މުއްސަނދިކަމަށް ބަލައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އިތުބާރު ކުރާން އެބަޖެހެއެވެ."
ރައީސް ތައްބޫނު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަސާސީ ޤަޟިއްޔާއަކަށް ހަދަން ޖެހޭނީ ފަލަސްޠީނުގެ މަސްއަލައެވެ. އިސްރާއީލުން ޤަވާޢިދާއި ޤާނޫނާ ޚިލާފަށް ކުރަމުންދާ ބޭއިންސާފު ޢަމަލުތަކުގެ އަމާޒަކީ މި މަސްއަލަ މުޅިން ފުހެ ވަޅުލުމެވެ. މި މަސްއަލަ ޙައްލު ކުރުމަށް ވާގިވެރިވުމަށް ޓަކައި ފަލަސްޠީނުގެ ރައްޔިތުންނަށް މާއްދީ ގޮތުންނާއި ރައްޔިތުވަންތަކަމުން ދޭން ޖެހޭ ޖަމާޢީ މަދަދާއި ވާގިވެރިކަން އިތުރު ކުރުމަށް ރައީސް ތައްބޫން ގޮވައިލެއްވިއެވެ.
އެއްބަޔަކު އަނެއް ބައެއްގެ ދާޚިލީ ކަންތައްތަކާ ނުބެހި ސިޔާސީ ޙައްލުތަކާ ހަމައަށް ވާޞިލުވުމަށް ޓަކައި އެންމެން އަތުގުޅައިލައިގެން އެކުގައި މަސައްކަތް ކުރުމަށް ރައީސް ތައްބޫން ގޮވައިލެއްވިއެވެ.
ޢަރަބި މި ސަމިޓްގައި 15 ޤައުމެއްގެ އެންމެ އިސް ވެރީން ބައިވެރިވެ ވަޑައިގަންނަވައެވެ. އެއީ މިޞްރާއި ކޮމޯރޯއާއި ޖިބޫޓީއާއި ސޫމާލާއި ޔަމަނާއި ސޫދާނާއި ތޫނިހާއި މޮރިތާނިޔާއާއި ލީބިޔާއާއި ޢިރާޤާއި ފަލަސްޠީނުގެ ރައީސުންނާއި ޤަޠަރުގެ އަމީރާއި އިމާރާތުގެ ނައިބު ރައީސާއި ކުވައިތުގެ ވަލީ ޢަހްދެވެ. ލުބްނާނުގެ ބޮޑުވަޒީރާއި ޢުމާނުގެ ބޮޑުވަޒީރުގެ ނައިބާއި ބަޙްރައިނުގެ ބޮޑުވަޒީރުގެ ނައިބު އެ ޤައުމުތައް ތަމްސީލު ކުރެއްވުމުގެ ގޮތުން ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ސައޫދީ ރަސްގެފާނުގެ ފަރާތްޕުޅުން ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވީ ސަޢޫދީ ޚާރިޖީ ވަޒީރެވެ. އުރްދުންގެ ވަލީ ޢަހްދު އިފްތިތާޙި ޖަލްސާ ނިމުނު ފަހުން ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބޭފުޅުންގެ އިތުރަށް ޚާއްޞަ މެހެމާނުންގެ ގޮތުގައި އެފްރިކާގެ އިއްތިޙާދުގެ މި ދައުރުގެ ރައީސް (ސެނެގޯލުގެ ރައީސް) އާއި އދ ގެ އަމީން ޢާންމު ގުޓަރެޝާއި ވަކި ފަރާތަކަށް ނުޖެހޭ ޤައުުތަކުގެ މި ދައުރުގެ ރައީސް (އަޒަރްބައިޖާނުގެ ރައީސް) މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވައެވެ.



advertisment