Support Us

ރަޝިޔާގެ ގޭސް ހޮޅި ގޮއްވައިލީ އިނގިރޭސިވިލާތުން: މޮސްކޯ

ރަޝިޔާގެ ގޭސް ހޮޅި ނޯރޑް ސްޓްރީމް ގޮއްވައިލީ އިނގިރޭސިވިލާތުން ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން މިއަދު ތުހްމަތުކޮށްފިއެވެ.

ބޯލްޓިކް ކަނޑު ހުރަސްކޮށް ހުޅަނގުގެ ޤައުމުތަކަށް ގޭސް ފޯރުކޮށްދިނުމަށް ލައފައިވާ މި ހޮޅި ގޮއްވައިލައިފައި ވަނީ މި ހުސްވި ސެޕްޓެންބަރު މަހުގައެވެ.

ރޫސީ ދިފާޢީ ވުޒާރާއިން މި މަސްއަލަ ތަޙްޤީޤު ކުރުމަށްފަހު މިއަދު ނެރުނު ބަޔާން ބުނާގޮތުގައި ބޯލްޓިކް ކަނޑުގައި މި ދިން ނިރުބަވެރި ޙަމަލާ ރޭވުމާއި ތަންފީޒު ކުރުމުގައި އިނގިރޭސިވިލާތުގެ ކަނޑުގެ ބާރު ތަމްސީލުކުރާ ބަޔަކު ބައިވެރިވެފައި ވެއެވެ. ރަޝިޔާ ޓްޑޭ ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން ނޯރޑް ސްޓްރީމްގެ ދެ ހޮޅި ގޮވައިފައި ވެއެވެ. މި ކަމުގެ ސަބަބުން ނޯރޑް ސްޓްރީމުގެ ޚިދްމަތް ހުއްޓައިލަން ޖެހުނެވެ.

މި ޙާދިސާ ހިނގައިފައިވަނީ މި ދިޔަ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެެވެ. ރަޝިޔާގެ ގޭސްޕްރޯމް ކުންފުނީގެ ރަސްމީ ތަރްޖަމާނު ސަރގީ ކޮޕަރިޔޯނޯވް ވިދާޅުވާ ގޮތުގައި ކަނޑު އަޑީގައި އޮންނަ ނޯރޑް ސްޓްރީމް 1 އާއި ނޯރޑް ސްޓްރީމު 2 ގެ ދެ ހޮޅި ގޮއްވައިލުމުގެ ސަބަބުން 800 މިލިއަން ކޮޑި މީޓަރުގެ ޠަބީޢީ ގޭސް ބޭރަށް ނުކުމެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޑެންމާރކަށް ބޭނުންވާ ތިން މަހުގެ ގޭހެވެ. 

ރަޝިޔާއިން ބޯލްޓިކް ކަނޑު ހުރަސްކޮށް ޔޫރަޕަށް ގޭސް ފޮނުވާ މި ދެ ހޮޅި ކުއްލިއަކަށް ގޮވުމުގެ ސަބަބުން ރަޝިޔާއާއި ހުޅަނގާ ދެމެދުގައި ތުހްމަތުތައް ބަދަލު ކުރެވުނެވެ. އަދި މި ގޮވުމާ ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. 

މިހާތަނަށް އައިއިރު އެއްވެސް ޤައުމަކުން ވެސް އަދި އެއްވެސް މަސްއޫލުވެރިއަކު ވެސް ސީދާ މި ކަމުގެ ޒިންމާ ވަކި ޤައުމެއްގެ ބޮލުގައި އަޅުވައިފައެއް ނުވެއެވެ. ބައެއް ޤައުމުތަކުން އަނެއް ބައި ޤައުމުތަކާ ދިމާއަށް ތުހްމަތުގެ އިނގިލި ދިއްކޮށްފައި ވެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ވުރެ ވަރުގަދަ ދަލީލު ދައްކައިފައި ވެސް ވެއެވެ. 

ޔޫރަޕްގެ އިއްތިޙާދުން ސިފަކޮށްފައިވާ ގޮތުގައި މިއީ ތަޚްރީބީ ޢަމަލެކެވެ. އެހެނަސް އެއްވެސް ޤައުމަކާ ދިމާއަށް އަދި ވަކި މީހަކާ ދިމާއަށް އެއްވެސް ތުހްމަތެއް ކޮށްފައެއް ނުވެއެވެ. ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ އޭޖެންސީގެ ތަންފީޒީ ޑިރެކްޓަރު ފާލިޙު ޕެރޯލް ވިދާޅުވެފައިވާ ގޮތުގައި މި ކަމުގެ ފަހަތުގައި ތިބި ބައެއް އެނގެއެވެ. އެހެނަސް އޭނާ އެ ބަޔަކު ހާމައެއް ނުކުރައްވައެވެ.

މި މަހު ކުރީކޮޅު ކްރެމްލިން ބުނިގޮތުގައި މި ހޮޅިތައް ގޮއްވައިލީ ރަޝިޔާއިން ކަމަށް ބުނާބުނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ރަޝިޔާ އެހާ މޮޔައެއްނޫނެވެ. ރޫސީ ބައެއް މަސްއޫލުވެރީން ތުހްމަތު ކުރެއްވި ގޮތުގައި މި ކަންކުރުމުގައި އެމެރިކާގެ ހިތްވަރު ދިނުމެއް އޮވެދާނެއެވެ. އެމެރިކާއިން ޔޫރަޕަށް އިތުރަށް ގޭސް ވިއްކަން ބޭނުންވާތީއެވެ.   

ރޫސީ ރައީސް ޕޫޓިން ސިފަކުރެއްވި ގޮތުގައި މިއީ ކުރިން ހިނގައިފައިނުވާ ފަދަ ތަޚްރީބީ ޢަމަލެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ބައިނަލްއަޤްވާމީ ނިރުބަވެރި ޢަމަލެކެވެ. ރޫސީ ޖާސޫސީ އިދާރާގެ ރައީސް ސަރްގީ ނަރެޝްކެން ވިދާޅުވެފައިވާ ގޮތުގައި "މި ކަން ކުރި މުޖްރިމުން ފޮރުވަން ހުޅަނގުން ހުރިހާ ކަމެއް ކުރާނެތެވެ." 

ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ގޭސް ބޭރަށް ފޭދިފައިވަނީ ދުރު ދެ ހިސާބަކުންނެވެ. މިއީ ދުރާލައި ވަރަށް ރަނގަޅަށް ރާވައިގެން ހިންގައިފައިވާ ނިރުބަވެރި ޢަމަލެކެވެ.

ބިންހެލުމާ ބެހޭ ޑެންމާރކާއި ސްވިޑްންގެ ސައެންސީން ވިދާޅުވާ ގޮތުގައި މި ޙާދިސާ ހިނގައިފައި ވަނީ ފެނުގެތެރޭގައެވެ. ކަނޑުގެ ތަޅުމުގައެއް ނޫނެވެ. 

އިނގިރޭސި ދިފާޢީ ވުޒާރާއިން ރަޝިޔާގެ ބަޔާން ދޮގުކޮށް ޓްވީޓެއްކޮށްލީ މޮސްކޯއިން މި ބަޔާން ނެރުނުތާ ހައެއްކަ ގަޑިއިރު ފަހުންކަން މީޑިއާތައް ފާހަގަ ކުރެއެވެ. މި ޓްވީޓުގައި ބުނެފައިވަނީ "އެއީ ދޮގެއް" ކަމަށެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *