އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގައި ހަ ހަފުތާ ހޭދަކުރެއްވުމަށްފަހު ލިޒް ޓެރަސް ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ ޒަޢާމަތުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.
ޑައުނިންގ ސްޓްރީޓްގައި ބޮޑުވަޒީރުގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން އައު ޒަޢީމަކު އިސްކުރެވެންދެން އެ މަޤާމުގެ މަސްއުލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ލިޒް ވިދާޅުވިއެވެ. ލިޒް ހާމަކުރެއްވި ގޮތުގައި އޭނާގެ މި ނިންމެވުން މިހާރު ވާނީ ޗާރލްސް ރަސްގެފާނަށް ދަންނަވައިފައެވެ.
"އަޅުގަނޑު ވެރިކަމާ ޙަވާލުވާން ޖެހުނީ ޤައުމު ބޮޑު ހަމަނުޖެހުން ތަކެއްގައި ވަނިކޮށްނެވެ. ބޮޑުވަމުންދާ ބިލްތައް އަދާކުރުމުގެ މަސްއަލައިގައި ޢާއިލާތައް ވަނީ ވަރަށް ކަންބޮޑުވެފައެވެ. އެއީ ޔުކްރޭންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ގަޑުބަޑުވެފައިވާ ވަގުތެއްގައެވެ." އޭނާ ވިދާޅުވިއެވެ. "ކޮންޒަވޭޓިވުން އަޅުގަނޑު ޕާޓީގެ ޒަޢާމަތަށް އިންތިޚާބު ކުރީ ޙާލަތު ބަދަލު ކުރެވޭތޯއެވެ. އަޅުގަނޑު ވަޢުދުވީ ކަންތައްތައް ވާނީ ކޮށްފައެވެ. ހަކަތައިގެ އަގާއި ޤައުމުގެ އިންޝުއަރެންސް ވާނީ ކުޑަކޮށްފައެވެ. ޓެކްސް ކުޑަކުރުމާ ބެހޭގޮތުން ވާނީ އިސްނެގުމެއް ނަގައިފައެވެ."
މިހެން ވިދާޅުވުމަށް ފަހު ލިޒް ވިދާޅުވިއެވެ. "ކޮންޒަވެޓިވް ޕާޓީން އަޅުގަނޑާ ޙަވާލުކުރި މަސައްކަތްތައް މި ވަގުތު ތަންފީޒރެއް ނުކުރެވޭނެއެވެ. އަޅުގަނޑުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރެވެންދެން އަޅުގަނޑު މި މަޤާމުގައި ހުންނާނެ ވާހަކަ ރަސްގެފާނަށް ދަންނަވައިފައި ވާނެއެވެ."
ލިޒް ވިދާޅުވާ ގޮތުގައި ޕާޓީގެ ޒަޢާމަތަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މަސައްކަތް މި އަންނަ ހަފުތާގައި ކަމާބެހޭ ކޮމެޓީގެ ރައީސް ގްރެހަމް ޕްރެޑީ ފަށްޓަވާނެއެވެ.
ލިޒް ވަނީ އިނގިރޭސިވިލާތުގެ ބަރްލަމާނު ހައުސް އޮފް ކޮމަންސްގައި އޭނާގެ އިޤްތިޞާދީ ރޭވުން ރަނގަޅު ނޫން ކަމަށް އެއްބަސްވެވަޑައިގެންފައެވެ. މި ކަމުގެ ސަބަބުން ވުނޭރުންގެ އިތުބާރު ވަނީ ސަރުކާރަށް ގެއްލިފައެވެ.
ލިޒް ވެރިކަމަށް ވަޑައިގަތުމަށް ފަހު އޭނާ ވަނީ ސަރުކާރުގެ އިޤްތިޞާދު ރޭވުމުގެ ގިނަ މާއްދާތަކަކަށް ބަދަލުގެންނަވައިފައެވެ. މާލީ ވަޒީރު މިކަމާ ދެކޮޅު ހެއްދެވުމުން އޭނާ ވަނީ މަޤާމުން ވަކިކުރައްވައިފައެވެ. އެ މަޤާމަށް ލިޒް ޢައްޔަން ކުރެއްވީ ޚާރިޖީ ކަންތައްތަކާ ބެހޭ ކުރީގެ ދައުލަތުގެ ވަޒީރު ޖެރިމީ ހަންޓެވެ.
Ipsos މަރްކަޒުން ލިޒްގެ މަޤްބޫލުކަމާ ބެހޭގޮތުން މި ދިޔަ ބުދަ ދުވަހު ނެގި ވޯޓެއް ދައްކާ ގޮތުގައި އޭނާގެ މަޤްބޫލުކަން ވަނީ 33% އަށް ދަށަށް ވެއްޓިފައެވެ. މި ވޯޓުގައި ބައިވެރިވި މީހުންގެ 53% މީހުން ގޮވައިލައިފައި ވަނީ ލިޒް އިސްތިޢުފާދެއްވުމަށެވެ. މި ވޯޓުގައި ބައިވެރިވި މީހުންގެ 80% މީހުން ބުނާގޮތުގައި ދިރިއުޅުމުގެ އަގުތައް މައްޗަށް ދިޔައީ ލިޒްގެ ސިޔާސަތުގެ ސަބަބުންނެވެ.
ލިޒް ވެރިކަމުގައި ހުންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ އިސްރާއީލުގައި ހުންނަ އިނގިރޭސި އެންބެސީ ޤުދްސަށް ބަދަލުކުރައްވާނެ ކަމުގެ ކަށަވަރުކަން އިސްރާއީލަށް ދެއްވައިފައެވެ.
އިނގިރޭސިވިލާތުގެ އިޤްތިޞާދު ނުބައިން ނުބަޔަށް ދާން ފެށީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ޔުކްރޭނަށް ދެމުންދާ އިޤްތިސާދީ އެހީއާއި ޖާސޫސީ އެހީއާއި ފަންނީ އެހީގެ ސަބަބުން ކަމަށް ދާރިސުން ވިދާޅުވިއެވެ.



advertisment