ރޫސީ އިއްތިޙާދަށް ރައީސް ޕޫޓިން ވެއްދެވި ހަތަރު ސަރަޙައްދުގައި ކުއްލި ޙާލަތު މިއަދު އިޢުލާން ކުރައްވައިފިއެވެ.
ނޫސް އޭޖެންސީތަކުން ބުނާގޮތުގައި ރައީސް ޕޫޓިން މިކަން އިޢުލާން ކުރެއްވީ ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައެވެ. ރައީސް ޕޫޓިން މި މަޖިލީހުގައި އިޢުލާން ކުރެއްވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހޫނުވަމުންދާތީ ހަނގުރާމައިގެ ކަންތައްތަކުގައި އެ ހަތަރު ސަރަޙައްދާއެކު ވިލަރެސް ކުރުމަށް ޓަކައި ވިލަރެސް މަޖިލީހެއް ވަނީ އެކުލަވައިލައިފައެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ބޮޑުވަޒީރު މީޚާއީލް މިޝޮސްޓޭން ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ޚަރސަން ސަރަޙައްދުން ޢާންމުން ބޭލުން
ރޫސީ އިއްތިޙާދުގައި ބައިވެރިވެފައިވާ ޔުކްރޭންގެ ޚަރސަން ސަރަޙައްދުން ޢާންމުން ބޭލުމުގެ މަސައްކަތް ރަޝިޔާއިން މިއަދު ވަނީ ފަށައިފައެވެ. އެއީ ޔުކްރޭން ސިފައިން މި ސަރަޙައްދަށް ޙަމަލާތަކެއް ދޭން އުޅޭތީ ކަމަށް ޚަބަރު ލިބެއެވެ. ރޫސީ މީޑިއާތައް ބުނާގޮތުގައި ޚަރސަނުން ބޭލޭ މީހުން ގެންދެވޭނީ އޮލުޝްކީ ސަހަރަށާއި ގޯލާ ސަހަރަށެވެ. އެއީ ޑުނައިބިރޯ ކޯރުގެ އަނެއް އައްސޭރީގައި އޮންނަ ދެ ސަހަރެވެ. ޚަރސަންގެ ގަވަރނަރު ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ސަރަޙައްދުން ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް ހާސް މަދަނީން ބޭލޭނެއެވެ. މީގެ ތެރެއިން ބައެއް މީހުން ކްރެމިޔާއަށް ގެންދެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަރސަނުގެ ކަންތައް ބެލެހެއްޓުމަށް ރަޝިޔާއިން އިސްކޮށްފައިވާ ދެ މަސްއޫލުވެރިޔަކު ވިދާޅުވާ ގޮތުގައި ޔުކްރޭނަށް ދޭން ތައްޔާރުވަމުންދާ ޙަމަލާއިން ރަށް ދިފާޢު ކުރުމަށް ޓަކައި ޢާއްމުން ހަނގުރާމައިގެ ސަރަޙައްދާ ދުރަށް ގެންދާން ވަނީ މަޖްބޫރުވެފައެވެ.
ޚަރސަން ސަރަޙައްދުގެ ގަވަރުނަރު ވްލެޑިމީރު ސެލްޑޯ ވިދާޅުވާ ގޮތުގައި "މި ރަށް އަމާން ދިނުމަށް އެކަކުވެސް ނޭދޭނެތެވެ." ސެލްޑޯ ވިދާޅުވިއެވެ. "އެހެނަސް ޢަސްކަރީ ޙަމަލާތައް ހިނގަމުންދާ ސަރަޙައްދެއްގައި ޢާންމުން ތިބުމަކީ ރަނގަޅު ކަމެއް ނޫނެވެ."
އޭނާގެ ނައިބު ސްޓްރީމްސޯވް ވިދާޅުވި ގޮތުގައި ޔުކްރޭންގެ ޙަމަލާ ވަނީ ވަރަށް ކައިރިވެފައެވެ. އޭނާގެ ޓެލެގްރާމުގައި ލިޔުއްވިއެވެ. "އަޅުގަނޑުގެ ވާހަކަ ސަމާސާކަނޑައިފައި އަހާށެވެ! ރަށުން ފޭބުން އަވަސް ކުރާށެވެ!"
އަނެއްކޮޅުން ރަޝިޔާއިން ޔުކްރޭނުގައި ހިންގަމުންދާ ޢަސްކަރީ ޚާއްޞަ ޙަމަލާގެ ކޮމާންޑަރު ސަރގީ ސޮރޮވްކެން ވިދާޅުވާ ގޮތުގައި ކިޔީވުން ހަނގުރާމައިގައި ބޭނުން ކުރަމުންދަނީ ޤާނޫނު މަނާކުރާ އުސްލޫބުތަކެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ނޭޓޯއިން ކިޔީވަށް ގޮވައިލާ ހިތްވަރުދެމުންދަނީ ޝިކާރަވެގެންދާ ބަޔަކަށް ނުބަލައި ޙަމަލާތައް ކުރިއަށް ގެންދިޔުމަށެވެ.އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރޭންގެ ޢަސްކަރީ މަރްކަޒުތަކަށާއި ބިނާރުތަކަށް ޙަމަލާދިނުމުގައި ރަޝިޔާއިން ބޭނުންކުރަމުން ދަނީ ވިސްނުންތޫނު އަމާޒު ބަރާބަރު ޒަމާނީ ހަތިޔާރެވެ. އޭގެ ތެރޭގައި ކިންޖާލް (ޚަންޖަރު) މިސައިލް ވެއެވެ. އޭނާ ވިދާޅުވިއެވެ. "އެކުވެރި ބާރުތަކުގެ ޖަމާޢަތްތަކުން މިހާރު ދަނީ ހަނގުރާމަވެރި ބާރުތައް ބިނާކުރަމުންނެވެ. ސަރަޙައްދީ ރޮނގު ކައިރީގައި ދިފާޢީ ރޮނގުތަކާއި ތަންތަން ވަނީ ބިނާކުރެވިފައެވެ."
ސަރގީ ވިދާޅުވި ގޮތުގައި ރަޝިޔާއިން ޙަމަލާ ދެނީ ޔުކްރޭންގެ ޢަސްކަރީ ބާރުތަކަށާއި މަރްކަޒުތަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކިންޖާލް މިސައިލަކީ އަޑަށްވުރެ މާ ބާރަށް ދަތުރު ކުރާ ހަތިޔާރެކެވެ. އެއީ އެއްވެސް ދިފާޢީ ބާރެއް ދެކެ ބިރުގަންނަ ހަތިޔާރެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން ދަނީ އިސްތިރާޖީ ކްރޫޒު މިސައިލް ވެސް ބޭނުންކުރަމުންނެވެ. މި މިސައިލްގެ އަމާޒު ހިފުން ވަރަށް ބަރާބަރުކަން ވަނީ ހާމަކޮށްދީފިއެވެ.
ސަރގީ ވިދާޅުވި ގޮތގައި ރަޝިޔާއިން ބޭނުންކުރާ ފަސްވަނަ ޖީލުގެ ހަނގުރާމަމަތީ މަތިންދާބޯޓު ސޫ-57 އަކީ ތަފާތު އެތައް މަސައްކަތްތަކެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ހަނގުރާމަމަތީ ބޯޓެކެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ޖައްވީ ކޮންމެ އުދުހުމެއްގައި އެއްގަމާއި ވައިގެ އެތައް އަމަޒުތަކަކަށް ޙަމަލާ ދެވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޑްރޯން ޙަމަލާތަކުން ޔުކްރޭން ސިފައިންގެ 600 އަމާޒެއް ވާނީ ފުނޑުފުނޑުކޮށްލައިފައެވެ.
ސަރގީ ވިދާޅުވިއެވެ. "އަހަރެމެންގެ އިސްތިރާޖީ ތަފާތެވެ. ސިފައިންގެ އެންމެ އިސްވެރިޔާ ވަނީ މި ކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަހުރެމެން ސިފައިންގެ ކޮންމެ މީހަކު ޙިމާޔަތް ކުރަމެވެ. ކުރިއަށް ނުކުންނަ ދުޝްމަނު ހަލާކުކޮށްލަނީ ރޭވުމުގެ ތެރެއިންނެވެ."
އޭނާ ވިދާޅުވިގޮތުގައި ރަޝިޔާ ސިފައިންގެ ސަފު ފޫއަޅުވައިލުމަށް ޓަކައި ޔުކްރޫން ވަނީ ހުރިހާ ރިޒަވް ބާރުތަކެއް ނެރެފައެވެ. އެއީ ދިފާޢީ ސަރަޙައްދީ ބާރެކެވެ. އަދި ފުރިހަމައަށް ތަމްރީނުވެސް ލިބިފައިވާ ބާރެއްނޫނެވެ. "އޭނާ ވިދާޅުވިގޮތުގައި ކިޔީވުން މި ބާރު މި ނެރެނީ ރަޝިޔާ ފުޑުފުޑުކޮށްލާންވެގެންނެވެ. އެހެނަސް މި ބާރުގެ އެއްވެސް ޖޯޝެއް ނެތެވެ. ޤާބިލުކަމެއް ވެސް ނެތެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާނުން ފިލާން އުޅޭ ކޮންމެ މީހެއްގެ ގަޔަށް ކިޔީވް ސިފައިން ދަނީ ބަޑިޖަހައި މަރައިލަމުންނެވެ. މިއީ ޢަސްކަރީ ޤަވާޢިދާ ޚިލާފު ޢަމަލެކެވެ."
ސަރގީ ވިދާޅުވި ގޮތުގައި ހައިޑްރޯ ހަކަތަ އުފައްދާ ކަޚަވޮސްކިޔާ އިސްޓޭޝަނުގެ ޑޭމަށް ވަރުގަދަ މިސައިލް ޙަމަލާއެއް ދިނުމަށް ކިޔީވުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ނޭޓޯއިން ކިޔީވަށް ގޮވައިލަނީ އެމީހުންނަށް ކިތަންމެ ބޮޑު ގެއްލުންތަކެއް ލިބުނަސް މި ޙަމަލާ ދިނުމަށެވެ.



advertisment