ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ 20ވަނަ ޢާންމު ބައްދަލުވުން ވެރިރަށް ބޭޖިންގްގައި މިއަދު ފަށައިފިއެވެ.
ރައީސް ޝީ މި ބައްދަލުވުން އިފްތިތާޙުކޮށް ދެއްވަމުން ދެއްވި ޚިޠާބުގައި ކޮމްޔުނިސްޓް ޕާޓީގެ ސިޔާސާސަތުތަކަށް ތާރީފު ކުރެއްވިއެވެ. ކޮވިޑް ސުމެއްގެ ސިޔާސަތާއި ފަސާދަ ނައްތައިލުމަށް ކޮމްޔުނިސްޓް ޕާޓިން ހިންގައިފައިވާ ސިޔާސަތުތަކަކީ ވަރަށް ކާމިޔާބު ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޔުނިސްޓް ޕާޓީގެ ޢާންމު ބައްދަލުވުމަކީ (ކޮންގްރެސް އަކީ) ކޮންމެ ފަސް އަހަރަކުން ފަސްއަހަރަކުން ބޭއްވޭ ބައްދަލުވުމެކެވެ. އެތައް ހާސް މަންދޫބުންނެއް ބައިވެރިވާ މި ބައްދަލުވުމުގައި ރައީސް ޝީ ޖިންގް ޕިންގް ތިންވަނަ ދައުރަކަށް ރައީސްކަމަށް ޢައްޔަން ކުރެވޭނެ ކަމަށް ޚަބަރު ލިބެއެވެ. ރައީސް ޝީ އިސްޓޭޖު މައްޗަށް އަރައިވަޑައިގަތީ 2،300 މަންދޫބުންގެ ހޫނު އަތްތިލަބަޑީގެ ގުގުމައިލުމުގެ ތެރޭގައެވެ.
ޖުމްލަ 100 މިނެޓްގެ އިފްތިތާޙީ ޚިޠާބުގައި އޭނާގެ ވެރިކަމުގައި ކޮމިޔުނިސްޓް ޕާޓީން ހިންގައިފައިވާ ސިޔާސަތުތަކަށް ބައްލަވައި ލެއްވިއެވެ. މި ސިޔާސަތުތަކުގެ ސަބަބުން "މީސްތަކުންގެ ދުޅަހެޔޮކަމަށާއި ސަލާމަތަށް ބޭނުންވާ ޙިމާޔަތް އެންމެ މަތީ ދަރަޖައަށް ލިބުނު" ކަމަށް ޝީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި "މި ބައްދަލުވުން ބޭއްވެމުން މި ދަނީ ޤައުމަށް ވަރަށް ނާޒުކު ވަގުތެއްގައެވެ."
ޝީ ވިދާޅުވި ގޮތުގައި ކޮވިޑް ނައްތައިލުމަށް ޓަކައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން ލިބިފައިވާ ކާމިޔާބީއަކީ ބުރަ ވަރަށް މުހިއްމު އަރުތައެކެވެ. "މި ކަން ކުރާން ޖެހުނީ ޢަންމު ރައްޔިތުންގެ ދިރިއުޅުމަށް ބުރަވެގެން ދިޔަ ފިޔަވަޅުތަކަކުން" ކަމަށް ރައީސް ޝީ ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ބުރަތަކެއް ތަޙައްމުލު ކުރާން ޖެހުނުކަމަށް ޝީ ވިދާޅުވިއެވެ. ޝީ ވިދާޅުވި ގޮތުގައި ޤައުމުން ފަސާދަ ނައްތައިލެއްވުމަށް ޓަކައި ކާމިޔާބު ޙަމަލާތަކެއް ހިންގުނެވެ. މި ޙަމަލާގައި އެތައް ހާސް ބަޔަކު ޖަލަށްލިއެވެ. ޝީ ހާމަކުރެއްވި ގޮތުގައި މި ޙަމަލާގެ ސަބަބުން ޕާޓީއާއި ދައުލަތާއި ސިފައިންގެ ތެރޭގައި އޮތް "ވަންހަނާ ނުރައްކާތެރިކަން" ނައްތައިލައި ޕާޓީއާއި ދައުލަތާއި ޢަސްކަރިއްޔާ ވަރުގަދަވެގެން ދިޔައެވެ.
ރައީސް ޝީގެ ވާހަކަފުޅުގައި ޗައިނާއާ ކުރިމަތިވެފައިވާ ސަލާމަތީ އަދި ސިޔާދަތީ ޙައްސާސު މުހިއްމު މަސްއަލަތަކަކަށް ބައްލަވައިލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އޭނާ ހޮންގްކޮންގަށާއި ތައިވާނަށް ބައްލަވައިލެއްވިއެވެ.
"ގަޑުބަޑުތަކުގެ ތެރެއިން ނިޒާމުގެ ތެރެއަށް" ހޮންގްކޮންގް ބަދަލުވެގެން ދިޔަގޮތަށް ބައްލައވައިލައްވަމުން ޝީ އެ ކަމަށް މަރްޙަބާ ވިދާޅުވިއެވެ. ތައިވާނުގެ މަސްއަލައިގައި ބާރުގެ ބޭނުންކުރުމުގެ ސިޔާސަތަށް ޗައިނާ ކަށަވެތިވެގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޝީ މިހެން ވިދާޅުވުމުން ހޫނު ތަރްޙީބެއް ލިބވަޑައިގަތެވެ.
ރައީސް ޝީގެ ޚިޔާބުގެ ބޮޑު ބައިގައި އޮތީ ދާޚިލީ މަސްއަލަތަކެވެ. ޝީ ވިދާޅުވިއެވެ. "މޫސުމާ ބެހޭ މަސްއަލަތަކުގައި ޗައިނާ ޢާލަމީ ސަރުކާރާއެކު ބައިވެރިވެގެން މަސައްކަތް ކުރާނެއެވެ." ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި ޗައިނާ ފިނިހަނގުރާމައިގެ ވިސްނުމަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވިއެވެ. ވޮޝިންގްޓަންގެ ނަން ވިދާޅުނުވެ ޝީ ވިދާޅުވިއެވެ. "ބާރުގެ މަތީގައި ބިނާކޮށްފައިވާ އަތްގަދަކުރުންތަކަށާއި ސިޔާސަތުތަކަށް ޗައިނާ ދެކޮޅު ހަދައެވެ. ފިނި ހަނގުރާމައިގެ ވިސްނުމަށް ޗައިނާ ދެކޮޅު ހަދައެވެ. އެހެނިހެން ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ބެހުމާ ޗައިނާ ދެކޮޅު ހަދައެވެ."
ރައީސް ޝީގެ ޚިޠާބުގައި ޔުކްރޭނުގެ ހަނގުރާމައާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށް ހިނގައްޖެނަމަ ޢުމުރުފުޅުން 69 އަހަރު ފުރިފައިވާ ރައީސް ޝީ ޖިންގް ޕިންގ ތިންވަނަ ދައުރަކަށް ޕާޓީގެ އަމީން ޢާންމުގެ މަޤާމަށް ޢައްޔަން ކުރެވޭނެއެވެ. އޭރުން ޝީ ވެވަޑައިގަންނަވާނީ ޗައިނާގެ ކޮމްޔުނިސްޓް ޕާޓީގެ މުއައްސިސް އަދި ޒަޢީމު މައޮ ޓްސެ ޓޮންގަށް ފަހު ޗައިނާގައި ވެރިކަން ކުރައްވާ އެންމެ ނުފޫޒުގަދަ ޒަޢީމަށެވެ. މި ކޮންގްރެސް ނިމޭނީ އެއް ހަފުތާ ފަހުންނެވެ.
ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތގައި މި ބައްދަލުވުމަށް ޗައިނާގެ ކޮމްޔިނިސްޓް ޕާޓީގެ 19ވަނަ ރިޕޯޓް ހުށައަޅައި މި ރިޕޯޓް ދިރާސާ ކުރެވޭނެއެވެ. އެއަށްފަހު ޕާޓީގެ މަރްކަޒީ ކޮމެޓީގެ 19ވަނަ ރިޕޯޓް ހުށައެޅޭނެއެވެ. މި ބައްދަލުވުމުގައި ޕާޓީގެ މަރްކަޒީ 20 ވަނަ ކޮމެޓީ އިސްކުރެވޭނެއެވެ. މަރްކަޒީ ކޮމެޓީއަކީ ޕާޓީގެ ބަރްލަމާނެވެ. މި ކޮމެޓީގައި ހިމެނޭނީ 200 މެންބަރުންނެވެ. އެއަށްފަހު ޕާޓީގެ ސިޔާސީ އޮފީސް (ޕޮލިޓް ބީރޯ) ޢައްޔަން ކުރެވޭނެއެވެ. މި ކޮމެޓިގައި ތިއްބަވާނީ 25 މެންބަރުންނެވެ. ޕާޓީގެ ހުރިހާ ޤަރާރުތަކެއް ކަނޑައަޅާނީ މި ކޮމެޓީންނެވެ.



advertisment