އެމެރިކާ މެދުވެރިވެގެން އެކުލަވައިލި ލުބްނާނު– އިސްރާއީލު ކަނޑުގެ ސަރަހައްދު ކުރަހާދޭ އެއްބަސްވުން ލުބްނާނުން ރޭ ރަސްމީކޮށް ޤަބޫލުކޮށްފިއެވެ.
ލުބްނާނުގެ ރައީސް މިޝޭލް ޢައުނު ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް ތާރީޚީ އެއްބަސްވުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލު ސަރުކާރު މި އެއްބަސްވުން ޤަބޫލު ކުރިކަން އެމެރިކާގެ ރައީސް ޖޯ ބައިޑްން އެންގެވުމާ ވިދިގެން މި އެއްބަސްވުމާ ބެހޭގޮތުން އޭނާ ލުބްނާނުގެ ބޮޑުވަޒީރާއި ލުބްނާނުގެ ބަރްލަމާނުގެ ރައީސާ މަޝްވަރާކުރެއްވިއެވެ. އެ ދެބޭފުޅުން މި އެއްބަސްވުމަށް ތާއީދު ކުރެއްވުމުން އޭނާ މި އެއްބަސްވުން ޤަބޫލުކުރެއްވީ ކަމަށް ލުބްނާނުގެ ރައީސް މިޝޭލް ޢައުނު ރަސްމީ ޓީވީގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އެއްވެސް އަރާރުމެއްނެތް ދެބަސްވުމެއް ނެތް ގޮތަކަށް އިސްރާއީލާއެކު ދުކުނު ލުބްނާނުގެ ކަނޑުގެ އިން ވަކިކުރެވިގެން ހިނގައްޖެއެވެ.
ރައީސް ޢައުނު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ލުބްނާނަށް 860 އަކަ ކީލޯ މީޓަރުގެ ސަރަޙައްދެއް ލިބިއްޖެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ސަރަހައްދު ލިބުނީ ލުބްނާނުގެ ސަރަޙައްދުން އެންމެ ކީލޯމީޓަރެއް ވެސް އިސްރާއީލަށް ދޫކޮށްނުލައެވެ. މީގެ އިތުރަށް މި އެއްބަސްވުމުގެ ސަބަބުން އެއްވެސް ބަދަލު ދިނުމެއްނެތި ޤާނާ ތެޔޮ ދަނޑު ލުބްނާނަށް ލިބިއްޖެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ކުރީން މި ދަނޑު އެއްކޮށް އޮތީ ލުބްނާނުގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައެއް ނޫނެވެ.
ރައީސް ޢައުނު ވިދާޅުވާ ގޮތުގައި ނުސީދާ މި އެއްބަސްވުމުން ލުބްނާނުގެ އެދުންތައް ވަނީ ޙާޞިލުވެފައެވެ. އަދި އެކަމުގެ ސަބަބުން ލުބްނާނުގެ ޙައްޤުތައް ވަނީ ފުރިހަމައަށް ރައްކައުތެރި ކުރެވިފައެވެ. އޭނާ ވިދާޅުވިއެވެ. "އަސާސީ އެއްވެސް ކަމެއްގައި ތަނާޒުލު ވެފައެއް ނުވާނެއެވެ. އަދި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭ ކަމަކަށް ވެސް އެއްބަސްވެފައެއް ނުވާނެއެވެ."

ޢައުނު މި ކަން އިޢުލާނު ކުރެއްވީ މި އެއްބަސްވުން އިސްރާއީލު ސަރުކާރުން ތަޞްދީޤު ކުރީމައެވެ. އިސްރާއީލު ސަރުކާރުން މި އެއްބަސްވުން ބަލައިގަތީ ޙިޒްބުﷲއާއެކު ކުރިމަތިލުމަކަށް ދާން ބޭނުން ނުވާތީއެވެ. ޙިޒްބުﷲގެ ޒަޢީމު ނަޞްރު ﷲ ވިދާޅުވަމުން ވަޑައިގަންފައި ވަނީ "ލުބްނާނުގެ ސަރަޙައްދަކީ ރަތްރޮނގެވެ." އެއްބަސްވުމަކާ ހަމައަށް ނުގޮސް ތެޔޮ ނެގުމުގެ އެއްވެސް މަސައްކަތެއް ނުފެށުމަށް ޙިޒްބުﷲއިން ވަނީ އިސްރާއީލަށް އިންޒާރުކޮށްފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ލެޕިޑް ވެސް ސިފަކުރައްވައިފައިވާ ގޮތުގައި މި އެއްބަސްވުމަކީ ތާރީޚީ އެއްބަސްވުމެކެވެ.
އެމެރިކާ ބުނާގޮތުގައި މި އެއްބަސްވުމަށް ޢަމަލު ކުރެވެން ފަށާނީ އިސްރާއީލާއި ލުބްނާނުން މި އެއްބަސްވުން ޤަބޫލުކޮށް އެކަން އެމެރިކާއަށް އެންގުމުންނެވެ.
ކަނޑުގެ ސަރަޙައްދު ކުރަހާދޭ ރޮނގުގެ ކޯރޑިނޭޝަންތައް ލިޔުމުން އދ އަށް ހުށައަޅަން ޖެހޭނެއެވެ. އޭރުން 2011ގައި ކަނޑައެޅުނު ސަރަޙައްދީ ރޮނގު ބަދަލުވެގެންދާނެއެވެ.



advertisment