އިސްރާއީލުން ވަޒަންވެރިކުރުވައިފައިވާ ޔަހޫދީންގެ ބަޔަކު ޚަލީލު ސަހަރުގައި އިއްޔެ ކީރިތި ޤުރްއާނުގެ (މުޞްޙަފުގެ) އެތައް ކޮޕީތަކެއް ވީދައިލާ އަންދައިލާ ކުނިގޮނޑަށް އުކައިލައިފިއެވެ. ފަލަސްޠީނު މީހުން މި ކަމާ ދެކޮޅު ހަދައި ރުޅިއައިސް އެކަން ކުށްވެރިކުރާން މިއަދު ވަނީ ފަށައިފައެވެ.
ދެކޮޅުހެދުން
މި ކަން ކުށްވެރިކުރައްވާ ފަލަސްޠީނުގެ ބަރްލަމާނުގެ މެންބަރެއް ކަމުގައިވާ ނާއިފުއް ރަޙޫބު ވިދާޅުވިއެވެ. "ޔަހޫދީ ވަޒަންވެރީން މުޞްޙަފުތައް ވީދައި އެންދުމަށް ޖެހިލުމެއްނެތި ކުރިމަތިލުމަކީ ދުނިޔޭގެ އެންމެހައި މުސްލިމުންނަށް ޖަހަން ފެށި ގޮންޖެހުމެކެވެ. ޚަލީލު ސަހަރުގެ އަހްލުވެރީން މި މުޤައްދަސް ފޮތް ޙިމާޔަތްކުރުމަށާއި އެމީހުންގެ ޢަޤީދާ ރައްކައުތެރިކުރުމަށް ތެދުވާނެއެވެ."
ފަލަސްޠީނާއި ޤުދްސުގެ މުފްތީ އަދި އަލްމަސްޖިދުލް އަޤްޞާގެ ޚަޠީބު އައްޝައިޚު މުޙައްމަދު ޙުސައިން މި ހަޑި ހުތުރު ޢަމަލު ކުށްވެރިކުރައްވާ ވިދާޅުވިއެވެ. "އިބްރާހީމުގެފާނުގެ މިސްކިތް ސަރަޙައްދުގައި ހުންނަ ޤައިޠޫން މިސްކިތް ކައިރީގައި ޙައްދުފަހަނަޅައިފައިވާ ޔަހޫދީންގެ ބައިގަނޑެއް މާތްވެގެންވާ މުޞްޙަފުގެ އެތައް ކޮޕީތަކެއް އަންދައިލައި ވީދައިލުމަކީ އެކަން ކުށްވެރިކުރެވެން ޖެހޭނެ ކަމެކެވެ. އެކަމާ ދެކޮޅަށް މުސްލިމުން އަޑު އުފުލާން ޖެހޭނެ ކަމެކެވެ."
އޭނާ އިއްޔެ ނޫސްވެރީންނަށް ވިދާޅުވިއެވެ. "މިއީ މީސްތަކުންގެ މެދުގައި ނަފްރަތު އުފައްދާނެ ކަމެކެވެ. މިކަމުގެ ސަބަބުން އަހިންސަ ޢަމަލުތަކަށް ހިތްވަރު ލިބޭނެއެވެ. މިއީ އިސްލާމްދީނާ އިދިކޮޅު ޒާތީ ތަޢައްސުބުގެ ޢަމަލެކެވެ."
މިފަދަ މޮޔަ ޢަމަލުތައް ހުއްޓުވުމަށް އޭނާ އިސްރާއިލަށް ގޮވައިލެއްވިއެވެ.
އަޒްހަރުން މި ޢަމަލު ކުށްވެރި ކުރި
އަޒްހަރުން ޔަހޫދީންގެ މި ލާދީނީ ޢަމަލު ކުށްވެރިކޮށް ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ނިރުބަވެރީން ޚަލީލު ސަހަރުގައި މި ހިންގި ޢަމަލަކީ އެމީހުންގެ ޖަނަވާރުކަމާއި ނިރުބަވެރިކަމާއި ޢުންޞުރިއްޔަތު ދައްކައިދޭ ސާފު ދަލީލެކެވެ." އެމީހުން މިފަަ ޢަމަލުތައް ހިންގަނީ ބައިނަލްއަޤްވާމީ މުޖްތަމަޢު އެކަންކަމާމެދު ހަނު އޮންނާތީ ކަމަށް އަޒްހަރުން ބުންޏެވެ. މިއީ ޤައުމުތަކުގެ ރައްޔިތުންގެ ޙުރްމަތްތަކަށް އެ މީހުން އިޙްތިރާމު ނުކުރާކަމުގެ ހެތްކެއްކަމަށް ވެސް އަޒްހަރުގެ ބަޔާނުގައި އައިސްފައި ވެއެވެ.
ފަލަސްޠީނުގެ އުއްތަމަ ފަނޑިޔާރު ޑރ. މަޙްމޫދުލް ހައްބާޝް ނެރުއްވި ބަޔާނުގައި އައިސްފައި ވެއެވެ. "މި ޖަރީމާއަކީ ޖަނަވާރީ ޢަމަލެކެވެ. އެއީ މުސްލިމުންގެ ޝުޢޫރުތައް ކަތިލި ޢުދްވާނެކެވެ. ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ޝުޢޫރުތަކަށް ކުރި ތައުހީނެކެވެ."
ފަލސްޠީނުގެ ޙަމާސް ޖަމާޢަތުގެ ތަރްޖަމާނު އަބްދުއްލަޠީފލް ޤާނޫޢު ޔަހޫދީންގެ މި ޢުދްވާނީ ޢަމަލު ކުށްވެރިކުރައްވާ ވިދާޅުވިއެވެ. "މިއީ އެކަމަށް ރައްދު ދޭންޖެހޭ ވަރުގެ ނުބައި ހަޑި ހުތުރު ޢަމަލެކެވެ. މިއީ ޔަހޫދީން މަސްރަޙު އިތުރަށް ހޫނު ކުރާންވެގެން ހިންގި ޖަރީމާއެކެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "އިސްރާއީލުން ފާހަގަކުރާ ޔަހޫދީ ޢީދުތައް މިހާރު މި ވަނީ އަޤްޞާއަށާއި މުސްލިމުންގެ މުޤައްދަސާތުތަކަށާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގޭ ޢުދްވާނަކަށް ބަދަލުވެފައެވެ." އޭނާ ޢަރަބި އިސްލާމީ ޤައުމުތަކަށާއި މުސްލިމުންގެ އިލްމުވެރީންނަށް އިސްރާއީލު ފަޟީޙަތް ކުރުމަށް ޓަކައި ތެދުވެވަޑައިގަތުމަށް ގޮވައިލެއްވިއެވެ.



advertisment