ރަޝިޔާގެ ކްރިމިޔާ ބުރިޖަށް ޔުކްރޭނުން ޙަމަލާދިނުމާ ވިދިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުން ހޯމަ ދުވަހު ރަޝިޔާއިން ޔުކްރޭނަށް ދިން މިސައިލް ޙަމަލާތައް އިސްރާއީލުގެ ބޮޑުވަޒީރު ޔާއީރު ލެޕިޑް ކުށްވެރި ކުރެއްވުމުން ރަޝިޔާއިން ހޫނު ރައްދެއް އިސްރާއީލަށް ވަނީ ދީފައެވެ.
ލެޕިޑްގެ ޓްވިޓަރ ޞަފްޙާގައި ރަޝިޔާ ޙަމަލާގެ ސަބަބުން މަރުވި މީހުންނަށް ތަޢުޒިޔާ ވިދާޅުވަމުން ވިދާޅުވިއެވެ. "އަހުރެމެން ކިޔީވަށާއި ޔުކްރޭނުގެ ސަހަރުތަކަށް ރޫސީން ދިން ވަރުގަދަ ޙަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ."
އިސްރާއީލުގައި ހުންނަ ރޫސީ އެންބެސީން ލެޕިޑްގެ ނަން ނުބުނެ ޓްވިޓަރގައި ބުނެފައި ވެއެވެ. "ޢާންމުންނަށް ރަޝިޔާއިން ޙަމަލާދިން ކަމަށް ތުހްމަތުކޮށް އިސްރާއީލުގެ މަސްއޫލުވެރީން އެކަން ކުށްވެރި ކުރެއްވި ޢިބާރާތްތައް އަހުރެމެންނަށް އިވިއްޖެއެވެ." މި ބަޔާން ބުންޏެވެ. "އަހުރެމެންގެ ދިފާޢީ ވުޒާރާ ބުނެފައިވާ ފަދައިން ރަޝިޔާއިން ޔުކްރޭނުގެ ޢަސްކަރީންނާއި މުވާޞަލާތާއި ހަކަތައިގެ ބިނާރުތަކަށް ޙަމަލާދީފައި ވާނީ ވަރަށް މިޞްރާބު އަމާޒު ވިސްނުން ތޫނު ހަތިޔާރުންނެވެ."
އިސްރާއީލުގައި ހުންނަ ރޫސީ އެންބެސީ ބުންޏެވެ. "ޔުކްރޭނުން ވޭތުވެދިޔަ އަށް އަހަރު ޑޮންބާސް ޕްރޮވިންސްގެ ރައްޔިތުންނަށް ދެމުންގޮސްފައިވާ ނިރުބަވެރި ޙަމަލާތައް އިސްރާއީލަށް ނުފެންނަނީ ހެއްޔެވެ؟ އިރުމަތީ ޔުކްރޭނުގެ ޚަރްކީވް ސަރަޙައްދުގައި ދަތުރުކުރި ރެފިޔުޖީ ޤާފިލާއަށް ޔުކްރޭނުން ޙަމަލާދިނުމުން އެކަމާމެދު ހަނުއޮތީ ކީއްވެގެންބާވައެވެ؟ އައު ނާޒީން ޚާރްކީވް ސަރަޙައްދުގެ ކޮބިއަންސްކް ސަހަރުގައި މަދަނީން މެރުމުގައި ކުރިއަށް ގެންދާ ޙަމަލާތައް ކުށްވެރި ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ރަޝިޔާގެ ނޫސްވެރިޔާ ޑާރިޔާ ޑޮގެން އަވަހާރަކޮށްލި ނިރުބަވެރި ޙަމަލާ ކުށްވެރި ނުކުރީ ކީއްވެގެން ހެއްޔެވެ؟ ކްރެމިޔާ ސަރަޙައްދާ ރަޝިޔާ ބައްރު ގުޅުވައިދޭ މުހިއްމު ބުރިޖް ކަރޗަށް ޔުކްރޭން ސަރުކާރުން ދިން ނިރުބަވެރި ޙަމަލާ ކުށްވެރި ކުރާނެ ދުލެއް އިސްރާއިލަށް ލިބިފައި ނުވަނީ ހެއްޔެވެ؟"
އިއްޔެ އިސްރާއީލުގެ ބަޔަކު ރޫސީ އެންބެސީ ކުރިމަތީގައި މުޒާހަރާއެއް ކޮށްފައިވާކަން ރަޝިޔާ އެންބެސީން ފާހަގަ ކުރިއެވެ.
ރަޝިޔާއިން އިއްޔެ ޔުކްރޭނުގެ ރަށްތަކަށް މިސައިލް ޙަމަލާއެއް ދިނީ ރޫސީ ރައީސް ޕޫޓިން ކްރެމިޔާ ބުރިޖުގެ ބައެއް ގޮއްވައިލީ ޔުކްރޭނުގެ ޖާސޫސީ އިދާރާއިން ކަމަށް ތުހްމަތު ކުރެއްވުމާ ވިދިގެން އެކަމަށް ރައްދު ދިނުމަށް ޓަކައެވެ. މިއަދު ވެސް ރަޝިޔާއިން ޔުކްރޭނަށް ޙަމަލާތައް ދެމުން ގެންދާތަން ފެނެއެވެ. ރުސީ ރައީސް ޕޫޓިން އިންޒާރު ކުރައްވާ ގޮތުގައި ރަޝިޔާގެ ބިމަކަށް ޙަމަލާދީފިނަމަ އެކަމަށް މޮސްކޯއިން "ހަރުކަށި ރައްދު" ދޭނެއެވެ.
އިސްރާއީލުން ޔުކްރޭނަށް މިހާ ބޮޑަށް ތާއީދު ކުރަނީ އެ ޤައުމުގެ ރައީސް ޒިލެންސްކީ ޔަހޫދީއަކަށް ވާތީ ކަމަށް ރިޕޯޓަރުން ބުނެއެވެ.



advertisment