އޯޕެކް ޕްލަސްގެ ޤަރާރަށްފަހު އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒާއިދު މިއަދު ރަޝިޔާއަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވާނެ ކަމަށް އަބޫޡަބްއި އިން ބުނެފިއެވެ. ސީއެންއެން ބުނި ގޮތުގައި ޝައިޚު ޒާއިދުގެ މި ދަތުރުފުޅުގެ އެންމެ ބޮޑު މަޤްޞަދަކީ ޔުކްރޭންގެ މަސްއަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް މަސައްކަތްޕުޅު ކުރެއްވުމެވެ.
އިމާރާތުގެ ޚާރިޖިއްޔާ ބުނާގޮތުގައި "އިމާރާތް އޮތީ ޔުކްރޭނުގެ މަސްއަލައަށް ސުލްޙަވެރި ޙައްލެއް ގެނެސްދިނުމަށް ޓަކައި މަސައްކަތް ކުރުމަށް ތައްޔާރަށެވެ. އިމާރާތުން ގޮވައިލަނީ މި މަސްއަލަ ޙައްލުކުރުމަށް ޓަކައި ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތަކަށް އިޙްތިރާމުކޮށް ވާހަކަ ދެއްކުމަށެވެ."
އެހެނަސް ބިން ޒާއިދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ މުޝީރު ޤަރްޤާޝް ހާމަކުރެއްވި ގޮތުގައި މިއީ މާކުރިން ތާވަލު ކުރެވިފައިވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އަމާޒަކީ ރަޝިޔާއާއި އިމާރާތާ ދެމެދުގައިވާ ގުޅުންތައް ވަރުގަދަކޮށް އެއްބާރުލުމުގެ މައިދާންތައް ފުޅައުކުރުމެވެ. މި ދަތުރުފުޅުގައި ބަހުސްކުރެވޭނެ މަސްއަލަތަކުގެ ތެރޭގައި ޔުކްރޭންގެ މަސްއަލަ ވެސް ހިމެނޭނެއެވެ.
އިމާރާތުގެ ޚާރިޖިއްޔާގެ އިސްތިރާތީޖީ ގުޅުންތަކާ ބެހޭ ބައިގެ މަސްއޫލުވެރިޔާ ޢަފްރާއުލް ހާމްލީ އޭނާގެ ޓްވިޓަރުގައި ވިދާޅުވެފައިވާ ގޮތގައި އިމާރާތުން ޔުކްރޭންގެ މަސްއަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ގޮވައިލައެވެ. އިމާރާތުން މި ކަމަށް ޓަކައި ގޮވައިލަނީ މަސްރަޙު އިތުރަށް ހޫނު ނުކުރުމަށެވެ.
އިމާރާތުގެ އެކަޑަމީޝިއަނެއް ކަމުގައިވާ ޑރ. ޢަބްދުލް ޚާލިޤު ޢަބްދުﷲ ވިދާޅުވާ ގޮތުގައި އިމާރާތުގެ ރައީސް މޮސްކޯއަށް ކުރައްވާ ދަތުރުފުޅަކީ "ޔޫރަޕާއި ދުނިޔެއަށް ޓަކައި ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތްޕުޅެކެވެ."
ފްރާންސް ޕްރެސް ބުނާގޮތުގައި އޯޕެކް+ އިން ތެޔޮ އުފެއްދުން މަދުކުރުމަށް ކަނޑައެޅުމަށް ފަހު ބިން ޒާއިދު ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވާތީ ހުޅަނގު އެކަމާމެދު ކަންބޮޑުވެއެވެ. އޯޕެކުން އުފައްދާ ތެޔޮ މަދު ނުކުރުމަށް ހުޅަނގުން ގޮވައިލަމުންދަނިކޮށް ތެޔޮ އުފެއްދުން މަދު ކުރުމަށް އޯޕެކް+ އިން ނިންމުމުން އެމެރިކާގެ ރައީސް ބައިޑަނާއި އެމެރިކާގެ ކޮންގްރެސް ވަނީ ވަރަށް ބޮޑަށް ރުޅިއައިސް ގަލްފްގެ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.
މިއީ ބިން ޒާއިދަށް އިމާރާތުގެ ރައީސްކަން މޭ 2022ގައި ލިބިވަޑައިގެންނެވި ފަހުން ޤައުމުން ބޭރަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.



advertisment