ޔުކްރޭންގެ ޢަސްކަރީ، މުވާޞަލާތީ އަދި ހަކަތަޔާ ބެހޭ ބިނާތަކަށް ރަޝިޔާއިން މިއަދު ޙަމަލާތަކެއް ދޭން ފަށައިފި ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. ދުރު ރާސްތާ މިސައިލުން ޔުކްރޭނަށް ޙަމަލާދެން ފެށީ ރަޝިޔާއާއި ކްރެމިޔާ ގުޅުވައިދޭ ކަރޗް ދާލަމަށް ޔުކްރޭން ޙަމަލާ ދީ އެ ދާލަމަށް ބޮޑެތި ގެއްލުންތަކެއް ދިނުމާ ވިދިގެންނެވެ.
ރައީސް ޕޫޓިން ސިފަކުރެއްވި ގޮތުގައި މި ދާލަމަށް ދިން ޙަމަލާއަކީ "ނިރުބަވެރި ޢަމަލެކެވެ." އޭނާ ވިދާޅުވި ގޮތުގައި މި ބުރިޖަށް ދިން ޙަމަލާ ދީފައި ވަނީ ޔުކްރޭނުގެ ޚާއްޞަ އިދާރާތަކުން ރާވައިގެންނެވެ. ޕޫޓިން ވިދާޅުވި ގޮތުގައި މި ޙަމަލާއަށް މޮސްކޯއިން ޖަވާބުދޭން ޖެހޭނެއެވެ.
ތުރްކީ ހޮޅި ގޮއްވައިލުމަށް މަސައްކަތް ކުރުން
މީގެ އިތުރަށް ޕޫޓިން ތުހްމަތު ކުރެއްވި ގޮތުގައި "ތުރްކީ ގޭސް ހޮޅިތައް ގޮއްވައިލާން" ވެސް ޔުކްރޭނުން މަސައްކަތް ކޮށްފައި ވެއެވެ. އޭނާ ވިދާޅުވިއެވެ. "މި ފަދަ ކަމެއް ކޮށްފިނަމަ މޮސްކޯ އިން ވަރަށް ހަރުކަށިކޮށް ރައްދުދޭނެއެވެ."
ރަޝިޔާއިން މިއަދު ޔުކްރޭނަށް ދިން ދުރު ރާސްތާ މިސައިލް ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ހުރިހާ ރަށެއްގައި މިއަދު ވަނީ ފެނާއި ކަރަންޓު ކެނޑިފައެވެ. ރަޝިޔާއިން ޔުކްރޭނުގެ 12 ސަހަރަކަށް ޙަމަލާދިނެވެ.
ޕޫޓިން ވިދާޅުވިއެވެ. "ޔުކްރޭނުން ދޭ ކޮންމެ ޙަމަލާއަކަށް ރަޝިޔާއިން ވަރަށް ހަރުކަށިކަމާއެކު ރައްދު ދޭނެއެވެ. އަހުރެމެންގެ ބިންތަކުގައި ނިރުބަވެރި ޙަމަލާތައް ތަންފީޒު ކުރާނަމަ ރޫސީ ރައްދު ޙަމަލާ ވަރަށް ހިތިވާނެއެވެ. އަހުރެމެން ދޭ ޙަމަލާ ރޫސީ އިއްތިޙާދާ ކުރިމަތިވި ބިރު ނައްތައިލެވޭ ވަރުގެ ރައްދަކަށް ވާނެއެވެ. މި ކަމުގައި ޝައްކެއް ނެތެވެ."
ރަޝިޔާއިން މިއަދު ޔުކްރޭންގެ ވެރިރަށް ކިޔީވަށާއި އެތައް ސަހަރުތަކަކަށް ޙަމަލާދިނެވެ. މި ޙަމަލާދީފައި ވަނީ މަގުމަތީގައި އެންމެ ކާރޫބާރޫ ބޮޑު ވަގުތުގައެވެ. ޔުކްރޭނުން ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން ޢާންމުންގެ އެތައް ބަޔަކު މަރުވިއެވެ. ޔުކްރޭނުގެ އެތައް ބިނާރުތަކެއް ހަލާކުވިއެވެ.
ޒިލެންސްކީގެ ބަސް
ރަޝިޔާއިން މިއަދު ޔުކްރޭނަށް ދިން ޙަމަލާތަކާ ދެކޮޅު ހައްދަވަމުން ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވިއެވެ. "އެއީ އަހުރެމެންގެ ޤައުމު ފުހެލުމަށް ދިން ޙަމަލާތަކެކެވެ." އޭނާ ޔުކްރޭނުގެ ރައްޔިތުންނަށް ރައްކައުތެރިކަން ހޯދުމަށް ޓަކައި ބިންގަރާސްތަކުގައި ތިބުމަށް އެންގެވިއެވެ.
ޒިލެންސްކީ އޭނާގެ ޓެލެގްރާމުގައި ލިޔުއްވިއެވެ. "ރޫސީ ހަނގުރާމައަށް 229 ދުވަސް ފުރުނު ދުވަހު މި ދިން ޙަމަލާއަކީ އަހުރެމެން ހަލާކުކޮށްލުމަށާއި މި ބިންމަތިން ފުހެލުމަށް ދިން ޙަމަލާއެކެވެ." އޭނާ ވިދާޅުވި ގޮތުގައި ކިޔީވާއި ޒަބަރޯޖިޔާއާއި ޑްނެބިރޯއަށް ޙަމަލާ ދީފައިވަނީ މީހުން މަސައްކަތަށް ދަނިކޮށްނެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުގެ ހުރިހާ ތަނެއްގައި ދަނީ އިންޒާރުގެ ކަށިގަނޑު ފުމެވެމުންނެވެ. ޔުކްރޭންގެ ދާޚިލިއްޔާ ބުނާގޮތުގައި ރަޝިޔާގެ ޙަމަލާގެ ސަބަބުން އަށެއްކަ މީހުން މަރުވެ ސައުވީހަކަށް މީހުން ޒަޚަމުވިއެވެ.



advertisment