މެލޭޝިޔާގެ ބޮދުވަޒީރު އިސްމާޢީލު ޞަބްރީ ޔަޢުޤޫބު އެ ޤައުމުގެ ބަރްލަމާން މިއަދު އުވާލައްވައިފިއެވެ. އޭނާ މެލޭޝިޔާގެ ޓީވީގައި ދެއްވި ޚިޠާބެއް ބުނާގޮތުގައި މެލޭޝިޔާގެ އިންތިޚާބާ ބެހޭ ކަމިޝަނުން ޢާންމު އިންތިޚާބު ބާއްވާ ދުވަހެއް އިޢުލާން ކުރާނެއެވެ.
މެލޭޝިޔާގެ ބަރްލަމާނު އުވާލެވޭތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެއެވެ. ޤަވާޢިދުން މި އިންތިޚާބު ބާއްވަން ޖެހޭނީ ސެޕްޓެންބަރު 2023 ގައެވެ. އެހެނަސް ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ބޭނުންވަނީ މިހާރަށްވުރެ ވަރުގަދަ ސަރުކާރެއް ޤާއިމު ކުރުމަށް ޓަކައި އިންތިޚާބު އަވަސްކުރުމަށެވެ.
ބޮޑުވަޒީރު އިސްމާޢީލު ޓީވީގައި ހާމަކުރެއްވި ގޮތުގައި ރަސްގެފާނު ވަނީ ބަރްލަމާނު އުވައިލުމުގެ ހުއްދަ ދެއްވައިފައެވެ. މޫސުމާބެހޭ އިދާރާ ބުނަގޮތުގައި އިންތިޚާބުބޭއްވޭ ދުވަސްވަރުގައި މޫސުން ރަނގަޅެއް ނުވާނެއެވެ. އެހެންކަމުން ވޯޓުލާ މީހުންގެ ޢަދަދު ނިސްބަތުން މަދުވާނެކަމަށް ލަފާކުރެވެއެވެ.
ބޮޑުވަޒީރު އިސްމާޢީލު ވިދާޅުވިގޮތުގައި އޭނާގެ ސަރުކާރުގެ ޤާނޫނިއްޔަތާ ބެހޭގޮތުން މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. މި ސުވާލަށް ޖަވާބު ދިނުމަށާއި ރައްޔިތުންގެ އިޙްތިރާމު ލިބގެންވާ ސަރުކާރަކަށް ޤައުމު ވަނީ ބޭނުންވެފައެވެ. މި ކަމުގެ ސަބަބުން ޤައުމަށް ލިބޭ ހަމަޖެހުން ބޮޑވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރު ވިދާޅުވިއެވެ. "ރައްޔިތުންގެ ރުހުމަކީ ޤައުމުގެ ހަމަޖެހުމުގެ ފަރުވާއެވެ."
ދެހާސް އަށާރަ ވަނަ އަހަރު ޢާންމު އިންތޚާބަށްފަހު މެލޭޝިޔާގައި ވެރިކަން ކުރަމުން އައި ޕާޓީ ވަނީ ބަލިވެފައެވެ. ނަމަވެސް މި އިންތިޚާބު ކާމިޔާބު ކުރި އިދިކޮޅު ކޯލިޝަން ދެ އަހަރު ދުވަހުގެ ތެރޭގައި ވަނީ ރޫޅި ވެރިކަމުން ވެއްޓިފައެވެ. އަދި 2018 އަށް ފަހު މެލޭޝިޔާގައި ތިން ބޭފުޅަކު ވަނީ ބޮޑުވަޒީރުކަން ކުރައްވައިފައެވެ.



advertisment