މި އަންނަ ނޮވެންބަރުން ފެށިގެން އޯޕެކުން އުފައްދާ ތެލުން ދުވާލަކު ދެ ހާސް މިލިއަން ފީފާ މަދުކުރުމަށް ނިންމުމުމުން އެމެރިކާގެ ހައުސްގެ މެންބަރުންތަކެއް ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތް ދެކެ ކޯފާވެ އެ ދެ ޤައުމުގައި ތިބި އެމެރިކާ ސިފައިން ބޭލުމަށް ގޮވައިލާ މަޝްރޫޢެއް ހައުސްއަށް ހުށައަޅުއްވައިފިއެވެ.
މި މަޝްރޫޢު ހައުސަށް ހުށައެޅުއްވީ ނިވްޖަރސީގެ މެންބަރު ޓޮމް މެލިނަވްސްކީއާއި އިލިނޮއީގެ މެންބަރު ޝޯން ކެސްޓަނާއި ޕެންސިލްވޭނިޔާގެ މެންބަރު ސޫޒަން ވައިލްޑެވެ.
މެލިނޮވްސްކީގެ ޓްވިޓަރުގައި ލިޔުއްވައިފައި ވެއެވެ. "މިއީ އެމެރިކާއަށާއި އެމެރިކާގެ ބައިވެރީންނަށް ގޯނާކުރުމަށް ސުޢޫދީންނާއި އިމާރާތުން ކުރި ހަތުރުވެރި ޢަމަލެކެވެ. ބައިޑްންގެ އިސްނެންގެވުމަށް އިޖާބަ ނުދީ މި ޤައުމުތަކުން މި ކުރި ކަމަކީ ރާޝިޔާއަށް އެހީވެ ދިނީއެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "އެހެންވީމާ ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުގެ ތެޔޮވަޅުތައް ދިފާޢުކޮށްދިނުމުގެ ބޭނުމެއް ނެތެވެ."
އޭނާ ސިފަކުރެއްވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާގައި އޮތީ ޚުދްމުޚްތާރު ނިޒާމެކެވެ. "މި ނިޒާމުން ތެޔޮ ބޭނުންކުރަނީ އަހުރެމެންގެ އިޤްތިޞާދު ޚަރާބު ކުރުމަށާއި އަހުރެމެންގެ ދުޝްމަނުންނަށް ވާގިވެރިވުމަށެވެ."
އޭނާގެ ޓްވީޓް ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މުޙައްމަދު ބިން ސަލްމާނަށް ރަނގަޅު މެސެޖެއް ދޭން އެބަ ޖެހެއެވެ. ޕޫޓިނާއެކު މަނިކުފާނު ހުންނެވިނަމަ މަނިކުފާނު ޙިމާޔަތްކޮށްދިނުމަށް ޕޫޓިންގެ ކިބައިން އެދިވަޑައިގަންނަވާށެވެ. އެކަމުގައި މަނިކުފާނަށް ތައުފީޤު ލިބޭނެކަމަށް އުންމީދު ކުރަމެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "ތެލުގެ މުއްސަނދިކަން ލިބިފައިވާ ޚުދްމުޚްތާރީންނަށް ބަރޯސާވުން އަބަދުގެއަބަދަށް ހުއްޓައިލާން ވެއްޖެއެވެ. ސާފު ހަކަތައިގެ ބޮޑު ބާރަށް އަހުރެމެން ވާން ވެއްޖެއެވެ."
އޭނާ ވިދާޅުވިއެވެ. "ގަލްފް ސަރަޙައްދަށް އަހުރެމެންދޭ ޢަސްކަރީ ވާގިވެރިކަމާމެދު އަލުން ވިސްނާ އަހުރެމެންގެ ސިޔާސަތު މުރާޖާ ކުރާން ޖެހިއްޖެއެވެ."
އެމެރިކާގެ ނިވްޒް ވީކް ބުނާގޮތުގައި މި ތިން މެންބަރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި އައިސްފައި ވެއެވެ. "ފެންނަފެނުމުގައި އޯޕެކްގެ ޤަރާރުގެ އަމާޒަކީ ރަޝިޔާއިން ބޭރުކުރާ ތެލަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމެވެ. އަދި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކަފާސްކޮށްލުމެވެ."
މި ތިން މެންބަރުން ހައުސަށް ހުށައެޅުއްވި ޤާނޫނުގެ ދެލިކޮޕީ ގޮވައިލަނީ އެމެރިކާގެ ހުރިހާ ސިފައިންނާއި ޕޭޓްރިއެޓް މިސައިލްގެ ނިޒާމުތަކާއި ބޮލިސްޓިކް މިސައިލާ އިދިކޮޅު ނިޒާމުތައް މި ބިލް ޤާނޫނަކަށް ވާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ސުޢޫދީންނާއި އިމާރާތުން ބޭލުމަށެވެ.
މި ތިން މެންބަރުން ވިދާޅުވިއެވެ. "ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުން އެ ދެ ޤައުމުގެ އަމްނާއި ތެޔޮވަޅުތައް ޙިމާޔަތް ކުރުމުގައި ބަރޯސާވެފައިވަނީ އެމެރިކާގެ ޢަސްކަރީ ބާރުގެ މައްޗަށްކަން އެ ދެ ޤއުމަކަށް ނޭނގެއެވެ. މި ދެ ޤައުމުން އެމެރިކާއާ ދެކޮޅަށް ޙަރަކާތްތައް ހިންގަމުންދާތީ މި ބިންތަކުން އެމެރިކާގެ ބާރުތައް ނެރެން ޖެހޭ ވަގުތު އަތުވެއްޖެއެވެ."
އެމެރިކާއިން ސުޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ފާޑު ކިޔަމުންދާއިރު މިއަދު ދުނިޔެ ބަދަލުވަމުންދާ ކަމެއް ހަނދާނެއް ނެތެވެ. ރަޝިޔާއާއި ޗައިނާ އޮތީ ގަލްފަށް ވަދެ މި ހުސްކަން ފުރައިލަން ތައްޔާރަށެވެ. އެމެރިކާގެ އަތުގައި ހުރި ހަތިޔާރާ އެއްވަރުގެ ހަތިޔާރު ރަޝިޔާއިންނާއި ޗައިނާއިން ގަންނަން ލިބެން ހުރިކަން އެމެރިކާ ހަނދާންކުރާންވާނެއެވެ.
މީގެއިތުރަށް ސުޢޫދީ ނޫސްވެރިޔާގެ މަރުގެ މަސްއަލައިގައި ސުޢޫދީ ވަލިއްޔު އަޙްދު މުޙައްމަދު ބިން ސަލްމާނުގެ އިސްތަށިފުޅުގައި އެމެރިކާއިން އަޅުވަމުންދާ ތުހްމަތުތަކާމެދު ވޮޝިންގްޓަނުން ވިސްނައިލި ބާވައެވެ. މުޙައްމަދު ބިން ސަލްމާނަކީ "ޤާތިލެއް ކަމަށް" ސިފަކުރާއިރު މިއީ ކިހާވަރެއްގެ ކަމެއްކަން ވޮޝިންގްޓަނަކަށް ނޭނގެއެވެ. މި މަސްއަލައިގައި ރަޝިޔާގެ ސިޔާސަތު ވަރަށް ސާފެވެ. ރައީސް ޕޫޓިން ވިދާޅުވަމުންދަނީ "އަހުރެމެން ޤަބޫލު ކުރާނީ ރިޔާޟުގެ ރަސްމީ ބަހެވެ." ރިޔާޟުން މި ތުހްމަތުތައް ދޮގުކުރެއެވެ. ރިޔާޟުން ބުނާގޮތުގައި ޚަޝްޤަޖީގެ މަރުގެ މަސްއަލައިގައި ކުށްވެރިވާ ފަރާތްތަކަށް ސުޢޫދީ ޢަރަބިއްޔާގެ ޤާނޫނާ އެއްގޮތަށް މިހާރު ވަނީ އަދަބު ދެވި މަސްއަލަ ނިމިފައެވެ.



advertisment