ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޔަމަނުގެ ބާޣީ ޙޫޘީންނާ ދެމެދުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވުމާއެކު ޙޫޘީން ރޭ ސުޢޫދީ ޢަރަބިއްޔާއަށާއި އިމާރާތަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އެ މީހުންގެ އިންޒާރުގައި އެ ދެ ޤައުމުގައި ތެލުގެ ދާއިރާގައި މަސައްކަތްކުރާ ބައިންލްއަޤްވާމީ ކުންފުނިތަކަށް އެ ދެ ޤައުމުން އަވަހަށް ފޭބުމަށް ގޮވައިލައިފައި ވެއެވެ.
ޙޫޘީން އިންޒާރުދޭ ގޮތުގައި ސުޢޫދީ ސަރުކާރުންނާއި އިމާރާތު ސަރުކާރުން ޔަމަނު ސަރުކާރަށް އެހީވަމުންދާނަމަ އެ ދެ ޤައުމުގައި ހުރި ތެޔޮ އުފައްދާ ތަންތަނަށް އެމީހުން ޙަމަލާދޭނެއެވެ.
ހަނގުރާމަ ހުއްޓުމަށް ޔަމަނު ސަރުކާރާއި ޙޫޘީން އެއްބަސްވެފައިވާ މުއްދަތު ހަމަވެގެންދިޔައިރު މި މުއްދަތު އައު ކުރުމާ ބެހޭގޮތުން އެއްވެސް ބައްދަލުވުމެއް ބޭއްވިފައެއް ނުވެއެވެ.
ޙޫޘީންގެ ބަޔާނުގައި އައިސްފައި ވެއެވެ. "އަހުރެމެންގެ ޢަސްކަރީ ބާރުތަކަށް ލިބިފައިވާ ޤާބިލު ކަމަށް ބަލާއިރު ސުޢޫދިޔާއާއި އިމާރާތް ތެލުގެ މުއްސަނދިކަމުން މަޙްރޫމު ކުރެވިދާނެއެވެ.
ޙޫޘީންގެ މި އިންޒާރާ ބެހޭގޮތުން ސުޢޫދީ ޢަރަބިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މުއްދަތު ހަމަވުން
ޔަމަނު ސަރުކާރާ ބާޣީ ޙޫޘީންނާ ދެމެދުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވީ އިއްޔެއެވެ. މިއީ އދ. މެދުވެރިވެގެން އެއްބަސްވެވުނު އެއްބަސްވުމެކެވެ.
ޙޫޘީންގެ ޒަޢާމަތުން ރޭ ނެރުނު ބަޔާން ބުނާގޮތުގައި މުއްދަތު އިތުރުކުރުމަށް އދ އިން ހުށައެޅި ހުށައެޅުމަށް އެމީހުން ވަނީ ނޫނެކޭ ބުނެފައެވެ. މި ބަޔާން ބުނާގޮތުގައި އެއީ ޔަމަނު މީހުންގެ އެދުންތަކަށް އިޖާބަދޭ ހުށައެޅުމެއް ނޫނެވެ.
އަނެއްކޮޅުން ޔަމަން ސަރުކާރު ބުނާގޮތުގައި ހަނގުރާމަ ހުއްޓައިފައި ބޭއްވުމުގެ މުއްދަތު އިތުރު ކުރުމަށް އެ ސަރުކާރު އޮތީ ތައްޔާރަށެވެ.
ހަނގުރާމަ ހުއްޓުމަށް ދެ ފަރާތުން އެއްބަސްވީ މި ދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގައެވެ. އެއަށްފަހު ކޮންމެ ދެ މަހަކުން ދެ މަހަކުން ދިޔައީ މި އެއްބަސްވުން އައު ކުރެވެމުންނެވެ.
އދ އިން ޔަމަނަށް ކަނޑައަޅައިފައިވާ މަންދޫބު ހޭންސް ގްރޮންޑްބަރގް ރޭ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ މުއްދަތު އައު ނުކުރެވުމަކީ އެކަމާމެދު ހިތާމަ ކުރައްވާ ކަމެކެވެ.
އޭނާ ވިދާޅުވިއެވެ. "ވޭތުވެދިޔަ ހަ މަހުގެ ތަޖްރިބާއަށް ބެލުމަށް ފަހު މި އެއްބަސްވުމުގެ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކުރުމަށް އދ އިން ހުށައެޅިއެވެ." އައު އެއްބަސްވުމުގައި އިތުރު ޢުންޞުރުތަކެއް ހިމަނުއްވައިފައިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔަމަނު ސަރުކާރުން އދ އާއެކު އެއްބާރުލަމުންދާތީ އޭނާ ޔަމަނު ސަރުކާރަށް ތާރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އދ އިން މަސްއަލައާ ބެހޭ ދެ ފަރާތާއެކު ވާހަކަދެއްކުން ހުއްޓައެއް ނުލާނެއެވެ.
ޔަމަނުގައި ސަރުކާރާއި ޙޫޘީންނާ ދެމެދުގައި ހަނގުރާމަ ހިނގަމުންދާތާ ހަތް އަހަރުވެއްޖެއެވެ. މި ހަނގުރާމައިގައި ޔަމަނު ސަރުކާރަށް ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުން ދަނީ އެހީވަމުންނެވެ. ސަރުކާރާ އިދިކޮޅު ޙޫޘީންނަށް އެހީވަމުންދަނީ އީރާނުންނެވެ. ވެރި ރަށް ޞާންޢާއު އޮތީ ޙޫޘީންގެ ބާރުގެ ދަށުގައެވެ. ޙޫޘީންނަކީ ޝީޢީންނެވެ.



advertisment