Support Us

ޔުކްރޭނުގެ ހަތަރު ސަރަޙައްދެއް ރޫސީ އިއްތިޙާދަށް ވައްދައިފި

ރޫސީ އިއްތިޙާދަށް ޔުކްރޭނުގެ ހަތަރު ސަރަޙައްދެއް އިތުރުކޮށްފި ކަމަށް ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން މިއަދު އިޢުލާން ކުރައްވައިފިއެވެ.

ޔުކްރޭނުގެ ޚަރްސޫނާއި ޒަބަރޯޖިޔާއާއި ޑޮނެޓްސްކާއި ލޮގާންސްކްގެ ރައްޔިތުން ރޫސީ އިއްތިޙާދުގައި ބައިވެރިވުމަށް އެދުމުން އެ ހަތަރު ސަރަޙައްދު މި އިއްތިޙާދަށް ވެއްދުމުގެ ކުލަގަދަ ރަސްމިއްޔާތެއް ކްރެމްލިންގައި މިއަދު ބޭއްވިއެވެ. ރައީސް ޕޫޓިނާއެކު މި ހަތަރު ސަރަޙައްދުގެ ޒަޢީމުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ރޫސީވިލާތުގެ ސިޔާސީ އިސް މަސްއޫލުވެރީން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު ވަގުތުން ދުރަށް ދެއްކިއެވެ. މި ރަސްމިއްޔާތުގައި ޕޫޓިން ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރޫސީވިލާތަށް ލިބިފައިވާ ހުރިހައި ބާރަކުން މި އައު ބިންތައް ދިފާޢުކުރާނެއެވެ. ރިޕޯޓަރުން ބުނާ ގޮތުގައި މިއިން އެނގެނީ ޔުކްރޭން ހަނގުރާމަ އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމެވެ.

ރޫސީ ރައީސް ކަށަވަރުކޮށްދެއްވި ގޮތުގައި ލޮގަންސްކާއި ޑޮނެޓްސްކާއި ޚަރްސޫނާއި ޒަބަރޯޖިޔާގެ ރައްޔިތުން އަބަދަށް ދާއިމަށް ރޫސީވިލާތުގެ ރައްޔިތުންނަށް މިއަދު ވެއްޖެއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި އެމީހުން ޙިޞާރާއި ނަފްރަތްތެރިކަމުގައި އުޅެމުންދާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އެހެނަސް ޕޫޓިން ވިދާޅުވި ގޮތުގައި އޭނާ ސޮވިއެޓް ޔުނިއަން ދިރުވާކަށް ނޫޅުއްވައެވެ.

"ކިޔީވުން ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރާންވާނެއެވެ. އަހުރެމެން އަހުރެމެންގެ ބިންތައް ހުރިހާ ވަސީލަތަކުން ދިފާޢު ކުރާނަމެވެ." ރައީސް ޕޫޓިން ވިދާޅުވިއެވެ. "ހުޅަނގުގެ މާސްކު މިއަދު ވެއްޓި ދުނިޔެއަށް ފަޟީޙަތް ވެއްޖެއެވެ. އެމީހުން ބޭނުންވަނީ އަހުރެމެން ފިނި ހަނގުރާމައިގެ ޒަމާނަށް އަނބުރާ ގެންދާށެވެ. އެމީހުން ބޭނުން ވަނީ ރަޝިޔާ ބަލިކަށިކޮށް އެމީހުންގެ ޚުދްމުޚްތާރު ޤަރާރުތައް އަހުރެމެންގެ މައްޗަށް ވެރިކުރުވާށެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގުން މަސައްކަތް ކުރަނީ އައު ވަސީލަތްތަކުން އިސްތިޢުމާރު ދަމަހައްޓާށެވެ. އެމީހުންގެ މަޞްލަޙަތުތައް  ޙާޞިލުކުރުމަށް ޓަކައި އެހެންމީހުންގެ މައްޗަށް އަތްގަދަކުރުމަށެވެ.

ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަދިވެސް ވިދާޅުވިއެވެ. "ހުޅަނގުން ބޭނުންވަނީ އެހެން ޤައުމުތައް އެ ޤައުމުތަކުގެ ސިޔާދަތާ ދުރަށްލާށެވެ. މިކަމަށް ޓަކައި ނިރުބަވެރި ޢަމަލުތައް ހިންގުމަށް ހުޅަނގު ފަސްނުޖެހޭނެއެވެ.

ޕޫޓިން ތުހްމަތު ކުރެއްވި ގޮތުގައި ޤާނޫނު ދިފާޢުކުރުމުގެ ނަމުގައި ހުޅަނގުން ކުރާ މަސައްކަތަކީ މަކަރާއި ޙީލަތުން މީހުންނަށް އޮޅުވައިލުމެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގުގެ އަމާޒަކީ ރަޝިޔާގެ ފިކްރާއި ރަޝިޔާގެ ފަލްސަފާ ނައްތައިލުމެވެ. އޭނާ ވިދާޅުވިގޮތުގައި "ރަޝިޔާ ހުޅަނގަކަށް  ބޭނުމެއް ނުވެއެވެ. އެހެނަސް ރަޝިޔާއާށް ބޭނުން ވަނީ އެމީހުންނެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގުން ގެންގުޅޭ ދެ މިންގަނޑުގެ ސިޔާސަތުގެ ސަބަބުން އެމީހުން މިހާރު ވަނީ ހުރިހާ އެއްބަސްވުންތަކަކާއި މުޢާހަދާތަކެއް ވަޅުލައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުން ބުނާގޮތުގައި ތަހްޒީބީ ދުނިޔެއަކީ އެ މީހުންނެވެ. އެމީހުން ވަނީ އެހެން ޤައުމުތައް ފުރަތަމަ ދުނިޔެއަށާއި ދެވަނަ ދުނިޔެއަށާއި ތިންވަނަ ދުނިޔެއަށް ބަހައިފައެވެ.

ޕޫޓިން ތުހްމަތު ކުރެއްވި ގޮތުގައި އެމެރިކާއިން އަދިވެސް އޮތީ ޖަރްމަނާއި ޖަޕާނާއި ދެކުނު ކޮރެއާ ހިފައިފައެވެ.

އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ޔުކްރޭނުގެ ޕާނުން ފަޤީރު ޤައުމުތަކަށް ދަނީ އެންމެ 5% އެވެ. އަނެއް ބައި ދަނީ ޔޫރަޕަށެވެ.

ޔުކްރޭނުގެ ހަތަރު ސަރަޙައްދުގެ ލީޑަރުންނާއެކު ޕޫޓިން (މ)

ޔުކްރޭންގެ މި ހަތަރު ސަރަޙައްދު ރޫސީ އިއްތިޙާދުގައި ބައިވެރިކުރުމުގެ އިޙްތިފާލު ރަޝިޔާގައި މިއަދު ބޭއްވީ އެ ހަތަރު ސަރަޙައްދުގައި ނެގި ފެންނަނުފެންނަ ވޯޓަކަށް ފަހުގައެވެ. މި ސަރަޙައްދުތައް ބުނާގޮތުގައި ވޯޓުލުމުގައި ބައިވެރިވި މީހުންގެ 99% ވަނީ މި ކަމަށް ތާއީދުކޮށްފައެވެ.

ހުޅަނގާއި ޔުކްރޭނުން ބުނާގޮތުގައި މި ވޯޓަކީ ޤާނޫނާ ޚިލާފު ޢަމަލެކެވެ. އެމެރިކާއިން ބުނަމުންދާ ގޮތުގައި އެ ޤައުމުން މި ވޯޓުގެ ނަތީޖާ ބަލައެއް ނުގަންނާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *