Support Us

ޙައްދުފަހަނަޅައިވާ ކަމަށް ތުހްމަތުކޮށް ފަރަންސޭސިވިލާތުގައި އިތުރު މިސްކިތެއް ބަންދުކޮށްފި

މިސްކިތުގެ އިމާމު ހައްދުފަހަނަޅައިވާ ވާތީ ފަރަންސޭސިވިލާތުގައި އިތުރު މިސްކިތެއް ބަންދު ކުރާން ނިންމައިފިއެވެ.

ފަރަންސޭސި ދާޚީލީ ވުޒާރާއާ ޙަވާލާދީ ބީ އެފް އެމް ޓީވީއާއި ލޯ ވިގަރޯ ދުވަހު ނޫސް ބުނާގޮތުގައި މި މިސްކިތަކީ ޕާސް ރޭން ސަރަޙައްދުގެ މިސްކިތެކެވެ.

ފަރަންސޭސި ދާޚިލީ ވަޒީރު ޖެރަލްޑް ޑަރްމާނިޔާން އޭނާގެ ޓްވިޓަރުގައި ވިދާޅުވެފައިވާ ގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ފަރަންސޭސި ސަރުކާރުން ވަނީ 23 މިސްކިތް ބަންދުކޮށްފައެވެ. މި މިސްކިތްތައް ބަންދު ކުރީ ރައީސް މެކަރޯންގެ އަމުރަށް ކަމަށް ދާޚިލީ ވުޒާރާއިން ބުންޏެވެ.  އެއީ "ވަކިވެ ގަތުމަށް ހިތްވަރުދޭ ޙަރަކާތްތައް" ހިންގަމުންދާ ކަމަށް ޝައްކު ކުރެވިގެން އެޅުނު ފިޔަވަޅެއް ކަމަށް މި ޓްވިޓަރުގައި ވަޒީރު ވިދާޅުވެފައި ވެއެވެ. 

ފަރަންސޭސި ދާޚީލީ ވުޒާރާ ތުހްމަތުކުރާ ގޮތުގައި ބަންދުކުރާން ހަމަޖެހުނު މިސްކިތުގެ އިމާމަކީ ޙައްދުފަހަނަޅައިފައިވާ ޙަރަކާތްތައް ހިންގާ މީހެކެވެ. އަދި އޭނާގެ ޚުޠުބާތަކުގައި ފަރަންސޭސި މުޖްތަމަޢުގެ އަގުތަކާ އަރާރުންވާ ވާހަކަތައް ހިމަނާ ކަމަށާއި ފަރަންސޭސިވިލާތާ އިދިކޮޅު ހަތުވެރި ބަސްތައް ބުނަމުންދާ ކަމަށް ތުހްމަތުކޮށްފައި ވެއެވެ. 

ފަރންސޭސިވިލާތުން އެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ އިސްލާމީ ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ މުޖްތަމަޢުން ކުށްވެރިކުރާ ޢަމަލުތަކެކެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުން ބުނާގޮތުގައި މިއީ ފަރަންސޭސިވިލާތުގެ މުސްލިމުންނަށް އަމާޒުކޮށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ކަމުގެ ބޭނުމަކީ މުސްލިމުން ފަރަންސޭސި މުޖްތަމަޢުގައި ހަވާސާ ކޮށްލުމެވެ.

މި ދިޔަ ޖަނަވަރީ މަހުގެ 24ވަނަ ދުވަހު ފަރަންސޭސި ބަރްލަމާނުން ވަނީ "ޖުމްހޫރިއްޔާގެ އަގުތަކަށް އިޙްތިރާމު ކުރުމާ ބެހޭ އުޞޫލުތައް" ކަމަށް ބުނާ ޤާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫނުގެ ދަށުން ޅަދަރީންނަށް ގޭގައި ތަޢުލީމު ދިނުމަކީ މަނާކަމެކެވެ. މި ކަމުގެ ސަބަބުން ކުޑަކުދީންނަށް ގޭގައި ޤުރްއާން ކިޔަވައިދިނުމާއި ދީނީ މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ.  ހަމަ އެފަދައިން ޔުނިވަރސިޓީއަށް ވުރެ ދަށު ތަޢުލީމުދޭ މަރްކަޒުތަކަށް މުސްލިމު އަންހެން ކުދީން ބުރުގާ އަޅައިގެން ދިޔުމަކީ ވެސް މަނާކަމެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *