އިޓަލީގައި އިއްޔެ ބޭއްވި ޢާންމު އިންތިޚާބުގައި، ޙައްދުފަހަނަޅައިވާ ކަނާތު ފިޔައަށް ތާރީޚީ ކާމިޔާބީއެއް ލިބިއްޖެއެވެ. ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ މިއަދު ހެނދުނު ބަލި ޤަބޫލުކޮށް އެކަމަށް ވަނީ އެއްބަސްވެފައެވެ.
ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރެއް ކަމުގައިވާ ސެރަޗިޔާނީ ނޫސްވެރީންނަށް މި ނަތީޖާއާ ބެހޭގޮތުން ކޮމެންޓް ކުރައްވާ ވިދާޅުވި ގޮތުގައި މިއީ ޤައުމަށް ވަރަށް ހިތާމަވެރި ވަގުތެކެވެ." އޭނާ ވިދާޅުވި ގޮތުގައި ކަނާތު ފިޔައިގެ މީހުންނަށް ބަރްލަމާނުގައި އަޣްލަބިއްޔަތު ލިބޭނެއެވެ.
އޭނާއާ ޙަވާލާދީ ރޮއެޓަރޒް ބުނިގޮތުގައި ޑިމޮކްރެޓިކް ޕާޓީ ވާނީ ބަރްލަމާނުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީއަށެވެ.
އޭނާ ވިދާޅުވިގޮތުގައި މިއަދު ހެނދުނާ ހަމައަށް ގުނުނު ވޯޓުތައް ބުނާގޮތުގައި ކަނާތު ފިޔައިގެ "ފްރެޓާލީ ޑި އިޓާލިޔާ" އަށް 43% ވޯޓު މިހާރު ވަނީ ލިބިފައެވެ. އެ މީހުންނަށް ސާފު އަޣްލަބިއްޔަތު ލިބޭނެއެވެ.
އިޓަލީގެ ފްރެޓާލީ ޑި އިޓާލިޔާ ޕާޓީގެ ޒަޢީމު ޖޯރޖިޔާ މެލޯނީ ވިދާޅުވިއެވެ. "ރައްޔިތުން އަހުރެމެންނާ ޙަވާލު ކުރި މަސައްކަތް ކުރާނަމެވެ. އިޓަލީގައި ފުނިޖެހިފައި ހުރި ގިނަގުނަ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި އެންމެންގެ އެއްބާރުލުމަށް ބޭނުންވާނެއެވެ."
އޭނާ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "އަހުރެމެން ވެރިކަން ކުރާނީ ރައްޔިތުންނަށް ޓަކައެވެ. އަހަރެމެންނަށް ރައްޔިތުން މި ދިން އިތުބާރަށް ޚިޔާނަތްތެރިއެއް ނުވާނަމެވެ. އަހުރެމެން މަސައްކަތް ކުރާނީ އެއްބައިވަންތަކަމަށެވެ. ބައިބައި ކުރުމަކަށް ނޫނެވެ."
އިޓަލީގެ ފްރެޓާލީ ޑި އިޓާލިޔާ ޕާޓީއަކީ އައު ފެޝިޒަމުގެ އުޞޫލުތަކަށް ތަބާވާ ޕާޓީއެކެވެ. މިއީ 1945 ގެ ފަހުން ފެޝިސްޓުންނަށް ވެރިކަމަށް އާދެވޭ ފުރަތަމަ ފަހަރެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނިގޮތުގައި މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގައި 64.07% މީހުން ބައިވެރިވިއެވެ. އަދި 2018 ގައި ބޭއްވި އިންތިޚާބުގައި ބައިވެރިވި ޢަދަދަކީ 73.86% އެވެ.
ބޮޑު ބިންހެލުމެއް އަންނާނެ
އިޓަލީގެ އިންތިޚާބުގައި ކަނާތު ފިޔަ މޮޅުވުމުގެ ސަބަބުން އިޓަލީއަށް ބޮޑު ބިންހެލުމެއް އަންނާނެ ކަމަށް ދާރިސުން ނިމުތު ކުރައްވައެވެ. އިޓަލީއަކީ ޔޫރަޕްގެ އިއްތިޙާދުގެ ބާނީއެކެވެ. އެއީ މި އިއްތީޙާދުގެ އިޤްތިޞާދީ ތިންވަނަ ބާރެވެ.
ކަނާތުފިޔައިގެ ޕާޓީތަކަށް ވެރިކަން ލިބުމުން އިޓަލީގެ އައްސޭރި މުހާޖިރުންގެ ކުރިމަތީގައި ބަންދުވެގެންދާނެއެވެ. އީޓަލީއަކީ އަހަރަކު އެތައް ހާސް މީހުންނެއް ޔޫރަޕަށް ހިޖްރަކުރުމަށް ބޭނުންކުރާ ދޮރޯށްޓެވެ. މިއީ އިންސާނީ ޙައްޤުތަކަށް ޓަކައި މަސައްކަތް ކުރާ ޖަމްޢިއްޔާތައް ވަރަށް ކަންބޮޑުވާ ކަމެކެވެ. އިޖްތިމާޢީ މަސްއަލަތަކަށް ބަލާއިރު ރޯމަށް އުފަން މެލޯނީ އަކީ އިޖްތިމާޢީ ކަންތައްތަކުގައި ވަރަށް ހިފެހެއްޓުންތެރި ސިޔާސީ ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ޠަބީޢީ ޢާއިލާއަށް މަރްޙަބާ ވިދާޅުވިޔަސް ލޮބީ ކުރުމަށް ޖާގައެއް ނޯންނާނެއެވެ. އޭނާ ވިދާޅުވާ ގޮތުގައި އައިޑިޔަލޮޖީއަކަށް ރަށްވެހިކަމެއް ނުލިބޭނެއެވެ. ރަށްވެހިކަން ލިބޭނީ ޤައުމީ ރއްޔިތުންނަށެވެ.



advertisment