ގޭހާއި ތެޔޮ ހޯއްދެވުމަށް ޖަރްމަނުގެ މުސްތަޝާރު އޮލާފު ޝުލްޓްޒް ގަލްފުގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފަތިހު އިމާރާތަށް ވަޑައިގަންނަވައިފިއެވެ. މުސްތަޝާރު ޝުލްޓްޒް އަބޫ ޡަބްއިއަށް ވަޑައިގެންނެވުމުން ވައިގެ ބަނދަރުން އޭނާއަށް މަރްޙަބާ ދެންނެވީ އިމާރާތުގެ ވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވަޒީރާ މަރްޔަމު ބިންތު މުޙައްމަދު ސަޢީދު ޙާރިބުލް މުހައިރީއެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒާއިދު އާލު ނަހަޔާން ޖަރްމަނުގެ މުސްތަޝާރު ޝުލްތްޒްއާ މިއަދު ބައްދަލު ކުރައްވާނެއެވެ. ރަސްމީ ވާހަކަދެއްކުންތައް ބޭއްވޭނީ އެއަށްފަހުގައެވެ.
ޝުލްޓްޒް ގަލްފްގެ ބައެއް ޤައުމުތަކަށް ކުރައްވާ މި ދަތުރުފުޅުގައި ޤަޠަރަށާއި ސުޢޫދީ ޢަރަބިއްޔާއަށް ވެސް ޒިޔާރަތް ކުރައްވާނެއެވެ. މި ދަތުރުފުޅުގެ އަމާޒަކީ ޔޫރަޕާ ކުރިމަތިވެފައިވާ ގޭހުގެ ދަތިކަމުގެ މަސްއަލަ ޙައްލު ކުރެއްވުމަށް ޓަކައި ހަކަތައިގެ މައިދާނުގައި ގަލްފްގެ ޤައުމުތަކާއެކު އެއްބާރުލުމެއް ޤާއިމު ކުރެއްވުމެވެ.
އިމާރާތުން ޖަރްމަނުގެ މުސްތަޝާރު ދެން ވަޑައިގަންނަވާނީ ޤަޠަރަށެވެ. ޤަޠަރުގައި އޭނާ ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދު އާލު ޘާނީއާ ބައްދަލު ކުރައްވާނެއެވެ. ޤަޠަރަކީ ދުނިޔޭގައި އެންމެ ގިނައިން ގޭސް ބޭރުކުރާ އެއް ޤައުމެވެ.
ރަޝިޔާ- ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕް ވަނީ ގޭހަށް ޖެހިފައެވެ.



advertisment