އދގެ ދަށުގައި އޮންނަ ޒައްރީ ހަކަތަޔާ ބެހޭ ބައިނަލް އަޤްވާމީ އޭޖެންސީން އެދޭ ކަންތައްތަކަކީ "އިން ފަހަނަޅައި ގޮސްފައިވާ" އެދުންތަކެއް ކަމަށް ޠަހަރާނުން ބުނެފިއެވެ. އީރާނުގެ ޒައްރީ ހަކަތަޔާ ބެހޭ މުއައްސަސާގެ ރަސްމީ ތަރްޖަމާނު ބަހްރޫޒު ކަމާލުންދީ (ފޮޓޯ) މިއަދު ވިދާޅުވި ގޮތުގައި ޠަހަރާނަށް މި އެދުންތައް ޤަބޫލެއް ނުކުރެވޭނެއެވެ. އެއީ އެ ކަމުގައި ތަންފީޒުކުރުން މުސްތަޙީލު އެދުންތަކެއް ހިމެނޭތީއެވެ.
އީރާނުގެ ތަސްނީމު ނޫސް އޭޖެންސީ ކަމާލުންދީއާ ޙަވާލާދީ ބުނިގޮތުގައި އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މި އެދުންތަކަށް އިޖާބައެއް ނުދެވޭނެއެވެ. އެހެނަސް "މި ފިޔަވަޅުތައް އުވާލައިފިނަމަ އިރާނުން އެކަމަށް އިޖާބަ ދޭނެއެވެ."
ޔޫރޭނިއަމް މުއްސަނދިކުރުން
އީރާނުގެ މި މަސްއޫލުވެރިޔާ މި ބަޔާން ދެއްވީ ބައިނަލްއަޤްވާމީ އޭޖެންސީން މެންބަރު ޤައުމުތަކަށް ފޮނުވި ސިއްރު ރިޕޯޓް ނެރުމާ ވިދިގެންނެވެ. މި މަހު 29ވަނަ ދުވަހު ނެރުނު މި ރިޕޯޓް ބުނާގޮތުގައި އީރާނުން ދަނީ ނަޠަންޒް ނިޔުކްލިއަރ ސްޓޭޝަނުގައި ޔުރޭނިއަމް މުއްސަނދިކުރަމުންނެވެ.
ރޮއެޓަރޒުން ބުނިގޮތުގައި މި ރިޕޯޓް ތުހްމަތުކުރާ ގޮތުގައި އީރާނުން ދަނީ މި ސްޓޭޝަންގައި ހުރި ސެންޓްރިފިއުގަލް އާލަތްތަކިގެ ތެރެއިން ތިން އާލަތެއް ބޭނުންކުރަމުންނެވެ. ނަޠަންޒު ސްޓޭޝަން ހުންނަނީ ބިމުއަޑީގައެވެ. މި ކަމުގެ ސަބަބުން އީރާނަށް 5% ސާފު ޔޫރޭނިއަމް ގޭސް އުފެއްދޭނެކަމަށް ރޮއެޓަރޒްބުންޏެވެ.
ޖުލައި 10ގައި އީރާނުން އިޢުލާންކޮށްފައިވާ ގޮތުގައި އެ ޤައުމުން ވަނީ ޔޫރޭނިއަމް 20% އަށް ސާފުކޮށް މުއްސަނދިކުރާން ފަށައިފައެވެ. އެ މަސައްކަތް ކުރަނީ އީރާނުގެ "ފޯރ ޑޫ" ނިޔުކްލިއަރ ސްޓޭޝަންގައި ހުންނަ ސެންޓްރިފިއުގަލް އާލަތްތައް ބޭނުންކޮށްގެންނެވެ.
ރަސްމމީ ތަރްޖަމާނު ބަހްރޫޒު ކަމާލުންދީ ވިދާޅުވާ ގޮތުގައި އައި އާރު–6 މަރުކާގެ އާލަތްތައް ބޭނުންކޮށްގެން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް އީރާނުން މިދިޔަ ހުކުރު ދުވަހު ވަނީ ޖަމާކުރާން ފަށައިފައެވެ.
ޒައްރީ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފާއީލް ގުރޯސީ ވިދާޅުވާ ގޮތުގައި އީރާނަށް މިހާރު 5% ސާފު މުއްސަނދި ގޭސް އުފެއްދޭނެއެވެ. އޭގެ ސަބަބުން ޔޫރޭނިއަމް 20% އަށް މުއްސަނދި ކުރެވޭނެއެވެ.
ނިޔުކްލިއަރ އެއްބަސްވުން ދިރުވުމުގެ މަސައްކަތް
އަނެއްކޮޅުން ބަލާއިރު އެމެރިކާއާއި އީރާނުން ދަނީ 2015ވަނަ އަހަރުގެ ނިޔުކްލިއަރ އެއްބަސްވުން އަލުން ދިރުވޭތޯ މަސައްކަތް ކުރަމުންނެވެ. ޔޫރަޕްގެ އިއްތިޙާދުގެ ބެލުމުގެ ދަށުން ކުރެވުނު މަސައްކަތުގެ ސަބަބުން މިހާރު ވަނީ އެމެރިކާއާއި އީރާނުގެ އެދުންތައް ހިމެނޭ ޙައްލަކާ ހަމައަށް އާދެވިފައެވެ. އީރާނުން ހުށައެޅި ހުށައެޅުންތަކަށް އެމެރިކާއިން ދިން ޖަވާބު މި މަހު 24 ވަނަ ދުވަހު ވަނީ އީރާނަށް ލިބިފައެވެ. އީރާނުން ދަނީ މި ހުށައެޅުންތައް ދިރާސާ ކުރަމުންނެވެ. އެމެރިކާ ބުނާގޮތުގައި ޠަހަރާނުން ވަނީ ވަރަށް ބޮޑެތި ދޫތަކެއް ދީފައެވެ.



advertisment