Support Us

އިސްތިޢުމާރީ ދައުލަތްތަކުން އިސްތިޢުމާރު ކުރި ޤައުމުތަކަށް ދީފައިވާ ގެއްލުންތަކަށް ބަދަލުދެވޭނެތަ؟

ދާރިސުން ވިދާޅުވާގޮތުގައި އަދި ކިތާބީ ހެކީން ފެންނަ ގޮތުގައި ހުޅަނގުގެ އިސްތިޢުމާރީ ދައުލަތްތައް އެ ދައުލަތްތަކުގެ މުސްތަޢުމަރާތަކުން ވަގަށް ނަގައިފައިވާ އެއްޗެއްސާއި ފޭރިގަންފައިވާ މުއްސަނދިކަމަށް ބަދަލުދޭން ޖެހިއްޖެނަމަ އެތައްއެތައް ޓްރިލިޔަން ޑޮލަރެއް ދައްކަން ޖެހޭނެއެވެ. މިއީ އިސްތިޢުމާރީ ޤައުމުތައް ކުރިމަތިލާން ވަރަށް ޖެހިލުންވާ މަސްއަލައެކެވެ. މިފަދަ "ބަދަލެއް" ދައްކާން ޖެހިދާނެތީ އެ ޤައުމުތަކުން އިސްތިޢުމާރީ ކުށްތަކަށް މާފަށް އެދުމާ ވެސް ދަނީ ދުރުހެލިވަމުންނެވެ. އެ ޤައުމުތައް ދެކޭގޮތުގައި މާފަށް އެދުމަކީ "ބަދަލު ދައްކަން" ޖެހިދާނެ ކަމެކެވެ. އެހެންކަމުން މިއީ އެ ޤައުމުތަކާ މިއަދު ކުރިމަތިވެފައިވާ ވަރަށް ޙައްސާސު މަސްއަލައެކެވެ.

އިސްތިޢުމާރީ ބައެއް ޤައުމުތަކުން މާފަށް އެދުމުގެ މަސްއަލައަށް ރަނގަޅު މޫނެއް ދައްކަމުންދާތަން ފެނެއެވެ. ބައެއް ޤައުމުތަކުން ވަގަށް ނަގައިފައިވާ މުއްސަނދިކަމުގެ ތެރެއިން ކޮންމެވެސް މިންވަރެއް އަނބުރާ ދިނުމާމެދު ވެސް ވިސްނަމުންދާ ތަން ފެނެއެވެ.

މާފަށް އެދި ވަގަށް ގެންދިޔަ އާސާރި އަދި ސަޤާފީ އެއްޗެހިތައް އަނބުރާ އިޢާދަ ކުރުމުން ފުދޭނެ ހެއްޔެވެ؟ އެތައް އަހަރެއް ވާންދެން ފޭރުނު އެ ޤައުމުތަކުގެ މުއްސަނދިކަމާއި މަރައިލި މީހުންގެ ލޭތަކަށާއި ކުރި އަޅުވެތިކަމަށް ބަދަލު ދެވޭނެ ހެއްޔެވެ؟ އިސްތިޢުމާރުން އަޅުވެތިކުރި ޤައުމުތަކުގެ ރައްޔިތުންގެ ކާފަ ޖީލުތަކަށް ދަރާފައިވާ މިންވަރު އަގު ކުރާނީ ކިހިނެއް ހެއްޔެވެ؟ އިސްތިޢުމާރީ ޤައުމުތަކުން ޤައްޒާފީއަށް ލޮކަރބީ މަސްއަލައިގައި ފައިސާ ދައްކަން ޖެއްސި މިންގަނޑުން މިނެގެން ހުޅަނގުގެ އިސްތިޢުމާރަށް އިންޑިޔާފަދަ ޤައުމަކަށް ބަދަލު ދެވޭނެ ހެއްޔެވެ؟ ތާޖު މަޙައްލުން ވަގަށް ނެގި އަލިމަސް ރާނީގެ ތާޖުކޮޅުގައި ވިދަވިދާ ހުންނަ އިރު މާފަށް އެދޭނީ ކިހިނެއް ހެއްޔެވެ؟

އެމެރިކާގެ ނިވްޔޯރކް ޓައިމްސްގެ ރިޕޯޓެއް ބުނާގޮތުގައި މިއީ ކޯޓުތަކުގައްޔާއި ޑިޕްލޮމެޓުންގެ ވަށްމޭޒު މައްޗަށާއި އދގެ ސިންތާތަކާއި ބައްދަލުވުންތަކަށް ހުށައެޅުމުންދާ  ވަރަށް ނާޒުކު ވަރަށް ޙަޔަވީ ސުވާލުތަކެކެވެ. އެއީ މި ޤައުމުތަކުން ވޭތުވެ ދިޔަ ދިގު މާޟީގައި އަރައިގަންފައިވާ ޖަރީމާތަކަށް ބަދަލު ހޯދުމަށް ޓަކައި ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެކެވެ.

ފަރަންސޭސީން 90 ހާސް ފަންނީ ތުޙުފާ ވަގަށް ނަގައިފައިވޭ

އެފްރިކާގެ ބަނީނުން ފަރަންސޭސީން ވަގަށް ގެންދިޔަ ފަންނީ ތޫޙުފާތަކުގެތެރެއިން ފަންނީ 26 ތުޙުފާ ދުނިޔޭގެ ޤައުމުތަކުގެ ފިއްތުންތަކާ ހެދި މި ދިޔަ އަހަރު ވަނީ އިޢާދަކޮށްފައެވެ. ހަމައެފަދައިން ނެމީބިޔާއަށް 1.35 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ޖަރްމަނުން ވަނީ ކަށަވެތިވެފައެވެ. މީގެއިތުރަށް އިސްތިޢުމާރުގެ ޒަމާނުގައި ނެމީބިޔާގައި ހިންގައިފައިވާ ޤަތުލުޢާންމުތަކަށް ޖަރްމަނުން ވަނީ ރަސްމީކޮށް މާފަށް އެދިފައެވެ.

ފަރަންސޭސި ވިލާތުގެ މުރާޖާތައް ދައްކާގޮތުގައި އެ ޤައުމުގެ ދާރުލް އާސާރުތަކުގައި އެފްރިކާއިން ވަގަށް ގެންގޮސްފައިވާ 90 ހާސް ތުޙުފާ އެބަ އޮތެވެ. މީގެތެރެއިން ބައެއް އެއްޗެހި އަނބުރާ ދިނުމަކީ ފަރަންސޭސިވިލާތުގެ ކަނާތުފިޔައިގެ ޙައްދުފަހަނަޅައިފައިވާ ޖަމާޢަތްތައް ދެކޭގޮތުގައި ބޮޑު އިހާނެތެކެވެ.

ޖަރްމަނުން މާފަށް އެދިފައިވަނީ ވަރަށް "ރައްކައުތެރިކަމާއެކުގައެވެ." އެއީ މި ކަމުގެ ސަބަބުން އިސްތިޢުމާރީ އެހެން ޤައުމުތަކަށް ބުރަތަކެއް އުފުއްލަން ޖެހިދާނެތީއެވެ.

އިސްތިޢުމާރު ކުރި ޤައުމުތަކަށް ދަރަނިވެރިވެފައި ވަނީ ކިހާވަރަކަށް

އިސްތިޢުމާރުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކަށް ލިބިފައިވާ ތަފާތު ބާވަތްބާވަތުގެ ގެއްލުންތަކަކީ އެއަށް ބަދަލު ދެވޭނެ އެއްޗެއްނޫނެވެ. މިސާލެއްގެ ގޮތުން ބައެއް ވާހަކަތައް ހިމަނައިލާނަމެވެ. އެއީ ހުރިހާ ކަންތައްތަކެއް ނޫނެވެ. ބާބަރޑޮސްގެ މުއައްރިޚެއް ކަމުގައިވާ ހެލަރީ ޕިކްލްޒް ވިދާޅުވާ ގޮތުގައި "ވަގުތު އޮތީ ބަދަލަށް އެދޭ މީހުންނާއެކުގައެވެ."

ހެލަރީ ޕިކްލްޒަކީ ކެރީބިއަން ޤައުމުތަކުން ބަދަލު ހޯދުމަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސެވެ. އޭނާ ވިދާޅުވާ ގޮތުގައި އަމާޒަކީ މާފަށް އެދުމަށް  ގޮވައިލުމާއި ރަސްމީ ސިފައެއްގައި މާފު ހޯދުމެވެ. އެހެނަސް ލަޑުދަޑިއަކީ ހަމައެކަނި "ސޮރީ" އޭ ބުނުވުމެއް ނޫނެވެ. ޔޫރަޕްގެ ތަރައްޤީއަށް ޓަކައި އަހުރެމެންގެ ކާބަފައިން ލައްވާ ކުރުވާފައިވާ އަޅު މަސައްކަތަށާއި އެކަމަށް ޓަކައި އަހުރެމެންގެ ބިމުން ދަވައިލި މައްސަނދިކަމަށް ބަދަލު ހޯދުމެވެ.

އޭނާ ވިދާޅުވާ ގޮތުގައި ފެށުމެއްގެ ގޮތުން އެކަނި ކެރީބިޔަން  ކަނޑުގެ ޤައުމުތަކަށް 50 ބިލިއަން ޑޮލަރު ބަދަލެއްގެ ގޮތގައި ދޭން ޖެހޭނެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *