Support Us

އެފްރިކާގެ 17 ޤައުމަކަށް ޗައިނާ ދިން 23 ދަރަންޏެއް މާފުކޮށްފި

ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކަށް އެންމެ ގިނައިން ދަރަނިދެމުންދާ  ޗައިނާއިން އެފްރިކާގެ 17 ޤައުމަކަށް ދީފައިވާ 23 ދަރަންޏެއް މާފުކޮށްދިނުމަށް ނިންމައިފިއެވެ. ބްލޫމްބަރގް ބުނާގޮތުގައި މީގެ އިތުރަށް އެފްރިކާގެ ޤައުމުތަކަށް އެހީވުމަށް ޓަކައި 10 ބިލިއަން ޑޮލަރ ބައިނަލްއަޤްވާމީ ފައިސާ ފަންޑަށް ދިނުމަށް ވެސް ޗައިނާއިން ވަނީ ނިންމައިފައެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ މި ދަރަނިތައް މާފުކޮށްފައިވާ ކަމަށް އިޢުލާން ކުރެއްވީ މި ދިޔަ ހަފުތާގައި ބޭއްވެވި ޗައިނާ- އެފްރިކާ އެއްބާރުލުމުގެ ސިންތާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗައިނާއިން މާފުކޮށްދިން ދަރަނިތަކުގެ މިންވަރު އޭނާ ހާމައެއް  ނުކުރައްވައެވެ. އަދި ދަރަނި މާފުކޮށްދިން އެފްރިކާގެ ޤައުމުތަކަކީ ކޮބައިކަމެއް ވެސް އޭނާ ހާމައެއް ނުކުރައްވައެވެ. އެހެނަސް ބްލޫމްބަރގް ހާމަކުރި ގޮތުގައި މި ދަރަނިތައް އަދާކުރުމުގެ މުއްދަތު މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ޗައިނާއިން އެފްރިކާގެ ޤައުމުތަކަށް ފައިދާއަކާނުލައި ދީފައިވާ ދަރަނިތައް 2000ވަނަ އަހަރުން ފެށިގެން ޗައިނާއިން އަންނަނީ މާފުކުރަމުންނެވެ. އެމެރިކާގެ ޖޯން ހޮޕްކިންޒް ޔުނިވަރސިޓީން ތައްޔާރުކުރި ދިރާސާއެއް ބުނާގޮތުގައި 2019 އާ ހަމައަށް ޗައިނާއިން ވަނީ އެފްރިކާގެ ޤައުމުތަކަށް ދީފައިވާ ދަރަނިތަކުން 3.4 ބިލިއަން ޑޮލަރު މާފުކޮށްދީފައެވެ. މި ކަމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ ޒެމްބިޔާއަށެވެ. މި ދިރާސާ ބުނާގޮތުގައި ދުނިޔެ ދެކެމުންދާ ލާދައިގެ ސަބަބުން ދުނިޔޭގެ މަރްކަޒީ ބޮޑެތި ބޭންކުތަކުން ނަގާ ފައދާވެސް ވަނީ ބޮޑުކޮށްފައެވެ. މި ކަމުގައި އިސް ދައުރެއް ކުޅެފައި ވަނީ އެމެރިކާގެ ފެޑަރަލް ރިޒަރވް ބޭންކުންނެވެ. މި ކަމުގެ ސަބަބުން ކުދި ޤައުމުތަކަށް އެ ޤައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުން ވަނީ ބުރައަކަށް ވެފައެވެ.

ބްލޫމްބަރގް ބުނާގޮތުގައި ތިންވަނަ ދުނިޔޭގެ ދަރަނިތައް ވަނީ ޓްރިލިއަން ޑޮލަރުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މައްޗަށް ގޮސްފައެވެ. ކުދި ޤައުމުތަކަށް އެންމެ ގިނައިން ދަރަނި ދީފައިވާ ޤައުމަކީ ޗައިނާކަން ފާހަގަ ކުރެވެއެވެ. ހުޅަނގުގެ ޤައުމުތަކުން މި ޤައުމުތަކުގެ ތަރައްޤީއަށް އެހީ ނުވާކަން ފާހަގަކުރެވެއެވެ.

ޗައިނާ އެމެރިކާ ވާދަވެރިކަން

ނުފޫޒު ފޯރުވުމަށް ޓަކައި ޗައިނާއާއި އެމެރިކާ ދުނިޔޭގެ މަސްރަޙުގައި ވާދަކުރަމުންދާ ވަގުތެއްގައި ޗައިނާއިން މި އެޅި ފިޔަވަޅުގެ ސަބަބުން އެފްރިކާއާއި ލެޓިން އެމެރިކާއާއި އޭޝިޔާގައި ޗައިނާގެ މަޤްބޫލުކަން އިތުރުވެގެން ދާނެއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "އެފްރިކާއާއި އޭޝިޔާގެ ކުދި ޤައުމުތައް ބޭނުންވަނީ ޞުލްޙަވެރި އެއްބާރުލުމުގެ ވެށްޓެކެވެ. ފިނިހަނގުރާމައިގެ ޒަމާނުގެ ސުން ވިސްނުކަމަކަށް ނޫނެވެ."

މިދިޔަ ނޮވެންބަރުގައި ސެނެގޯލުގައި ބޭއްވުނު ޗައިނާ- އެފްރިކާ ސިންތާއަށްފަހު ޗައިނާއިން ވަނީ އެފްރިކާއަށް އެހީވުމަށް ޓަކައި ހުޅުވިފައިވާ ފަންޑަށް ތިން ޓްރިލިއަނަށްވުރެ ގިނަ ފައިސާ ދީފައެވެ.

މީގެ އިތުރަށް ޗައިނާއިން ވަނީ އެފްރިކާގެ 12 ޤައުމަކުން ޗައިނާއަށް އެތެރެކުރާ މުދަލުގެ ޑިޔުޓީން 98% މާފުކޮށްދީފައެވެ.

މީގެއިތުރަށް ކާބޯތަކެތީގެ ކުއްލި އެހީއަށް ބޭނުން ޖެހިފައިވާ ޖިބޫޓީއަށާއި އިތިޔޯޕިޔާއަށާއި ޞޫމާލަށާއި އެރީތުރިޔާއަށް ޗައިނާއިން ވަނީ ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *