Support Us

ޔުކްރޭންގެ ރައީސް ޒިލެންސްކީ އާއި ރަޝިޔާގެ ރައީސް ޕޫޓިން (ވ)

ރަޝިޔާއިން ޔުކްރޭނުގެ ވެރިރަށަށް ވަރުގަދަ ޙަމަލާތަކެއް މި ހަފުތާ ތެރޭގައި ދޭނެ: ރައީސް ޒިލެންސްކީ

ރަޝިޔާއިން ޔުކްރޭނުގެ ވެރިރަށަށް ވަރުގަދަ ޙަމަލާތަކެއް މި ހަފުތާގެ ތެރޭގައި ދޭނެ ކަމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވެއްޖެއެވެ. އަނެއްކޮޅުން ރޫސީ ސިފައިން ކިންގާލް މިސައިލް ޔުކްރޭނުގައި ބޭނުން ކުރާން ފަށައިފިކަން ރޫސީ ދިފާޢީ ވަޒީރު ޝުވިގޯ ވަނީ ހާމަކުރައްވައިފައެވެ.

ކިންގާލް (ޚަންޖަރު) މިސައިލަކީ އަޑަށްވުރެ ތިން ގުނަ ބާރުމިނުގައި ދަތުރުކުރާ މިސައިލެއް ކަމަށާއި މި މިސައިލަށް ހުރަސްއެޅޭނެ އެއްވެސް މިސައިލެއް ދުނިޔޭގައި އަދި ނެތްކަމަށް ރަޝިޔާގެ ޓީވީ ޗެނެލް 1ގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި މިސައިލަކީ އަމިއްލައަށް މިސްރާބު ބަދަލުކުރަމުން އަމާޒަށް ވާޞިލުވުމުގެ ޤާބިލުކަން ލިބފައިވާ ހަތިޔާރެކެވެ. މި މިސައިލް ބޭނުންކޮށްފައި ވަނީ ޔުކްރޭނުގެ މުހިއްމު ލަޑުދަޑިތަކަށް ޙަމަލާ ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި މިއީ ދެ ހާސް ކީލޯމީޓަރުގެ ދުރު ރާސްތާއެއް ލިބިގެންވާ މިސައިލެކެވެ. ރަޝިޔާއިން މި މިސައިލްގެ އަޖުމަ ބަލައިފައި ވަނީ 2018ވަނަ އަހަރުގައެވެ.

ރޫސީ ދިފާޢީ ވަޒީރު ހާމަކުރެއްވި ގޮތުގައި ޔުކްރޭން ހަނގުރާމައިން ރަޝިޔާ ސިފައިން ޣަނީމަކޮށްފައިވާ ބޭރު ޤައުމުތަކުގެ ހަތިޔާރުތައް ރޫސީ މޭސްތިރީންނާއި ހަތިޔާރާ ބެހޭ މާހިރުން މިހާރު ދަނީ ދިރާސާ ކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ހަތިޔާރުތަކުގެ ކުރުންތެރިކަމާއި ވިލުންތެރިކަން މާބޮޑެއް ނޫނެވެ.

ރޫސީ ދިފާޢީ ވުޒާރާއިން ބުނާގޮތުގައި އޮޑީސާއާއި ޒަބަރާޖުއާގައި ހުރި ހަތިޔާރާއި ހަކައިތައިގެ އެތައް ގުދަންތަކެއް ވަނީ ހަލާކުކޮށްލައިފައެވެ. މިއީ ހުޅަނގުން ދީފައިވާ ހަތިޔާރުތަކެއް ހުރި ގުދަންތަކެއް ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުންޏެވެ.

ޒިލެންސްކީގެ އިންޒާރު

ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ޔުކްރޭންގެ މިނިވަން ދުވަހާ ދިމާކޮށް ރަޝިޔާއިން ވެރިރަށަށް ޚާއްޞަ ޙަމަލާތަކެއް ދޭނެ ކަމަށް ލަފާކުރެއްވެއެވެ.

މިއަދު އޭނާ ދެއްވި ޚިޠާބެއްގައި ވިދާޅުވިއެވެ. "ވަރަށް ބިރުވެރި ވަރަށް ލާއިންސާނީ ޙަމަލާތަކެއް ދެވޭތޯ މޮސްކޯއިން މަސައްކަތް ކުރާނެއެވެ."

ޒިލެންސްކީ ވިދާޅުވިއެވެ. "މޮސްކޯގެ އެއް އަމާޒަކަށް ވާނީ އަހުރެމެން ކުޑަކަކޫ ޖެއްސުވުމެވެ. އަހުރެމެންގެ ހިތަށް ބިރުވެރިކަން ވައްދައި އަހުރެމެން މާޔޫސްކުރުވުމެވެ." ރައީސް ޒިލެންސްކީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެމެން މި ޙަމަލާއާ ކުރިމަތިލުމަށް ތައްޔާރުވާން ޖެހޭނެއެވެ. އަހުރެމެންގެ ބިންތައް ހިފައިގެން ތިބި މީހުންނަށް ބޮޑު އަގެއް ދައްކާން ޖައްސާން ވާނެއެވެ."

ޒިލެންސްކީގެ ރިޔާސީ މުޝީރު މީޚާޔިލޯ ޕުޑްލިޔާކް ވިދާޅުވި ގޮތުގައި މި މަހު 23 ވަނަ ދުވަހާއި 24 ވަނަ ދުވަހު ރަޝިޔާއިން ޔުކްރޭނުގެ މުހިއްމު ސަހަރުތަކަށް ވަރުގަދަ ޙަމަލާތަކެއް ދޭނެއެވެ.

ސޮވިއެޓް ޔުނިއަން ރޫޅިގެން ނެތިގެން ދިޔުމުން ޔުކްރޭނަށް މިނިވަންކަން ލިބުނީ 1991 ވަނަ އަހަރުއެވެ. މި އަހަރުގެ މި ދުވަސް ދިމާވަނީ ރަޝިޔާއިން ޔުކްރޭނަށް ދޭން ފެށީ ޚާއްޞަ ޙަމަލާތަކަށް ހަ މަސް ފުރޭ ދުވަހާއެވެ.

ރަޝިޔާއިން ދީފާނެ ކަމަށް ލަފާކުރެވޭ ޙަމަލާތަކުން ރައްކައުތެރިވުމަށް ޓަކައި މި މަހު 22 އިން 25 އަށް ވަނީ ޔުކްރޭނުގެ ވެރިރަށް ކިޔީވްގައި ޢާންމު ތަންތާނގައި އެއްވެއުޅުން މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *