ތައިވާނު ވަށައިގެން ޗައިނާއިން ބާއްވަމުންދާ ކަނޑާއި ވައިގެ ތަމްރީނުތަކުގެ މުއްދަތު ޗައިނާއިން އިތުރުކޮށްފިއެވެ. ޗައިނާއިން ކުރިން އިޢުލާންކޮށްފައިވާ ގޮތުން މި ތަމްރީނުތައް އިއްޔެ ނިމެންވާނެއެވެ.
ޗައިނާގެ ރައްޔިތުންގެ ލަޝްކަރުގެ އިރުމަތީ ކޮށީގެ އިސްވާރިއްޔަތުގެ މީސްމީޑިއާ ޞަފްޙާ ބުނާގޮތުގައި އެ މީހުން މި ފަހަރު ބާއްވާ ތަމްރީނުތަކަކީ އަޑިންދާބޯޓަށާއި ކަނޑުގެ އަމާޒުތަކަށް ޙަމަލާދިނުމާ ބެހޭ ތަމްރީނުތަކެކެވެ.
އެމެރިކާގެ ހައުސްގެ ރައީސާ ޕެލޫސީ ތައިވާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ވިދިގެން އެ ދަތުރުފުޅާ ދެކޮޅަށް އިޙްތިޖާޖު ކުރުމުގެ ގޮތުން ތައިވާނުގެ ވަށައިގެން ޗައިނާއިން ވަނީ ކަނޑާއި ވައިގެ ޢަސްކަރީ ތަމްރީނުތަކެއް ފަށައިފައެވެ. ކުރިން އިޢުލާންކޮށްފައިވާ ގޮތުގައި މި ތަމްރީނުތައް އިއްޔެ ނިމެންވާނެއެވެ.
މި ދަތުރުފުޅާ ވިދިގެން ޗައިނާއިން ދަނީ އެމެރިކާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ. ޗައިނާއިން އިންޒާރު ކުރާގޮތުގައި ވޮޝިންގްޓަނުން މި ދަތުރުފުޅުގެ ޒިންމާ ފުރިހަމައަށް އުފުލާން ޖެހޭނެއެވެ. އެކަމުގެ "ނަތީޖާ ވަރަށް ހިތިވާނެ" ކަމަށް ވެސް ޗައިނާއިން ބުނެއެވެ.
ޗައިނާގެ ޚާރިޖިއްޔާ ބުނާގޮތުގައި މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމާއި ކޮންޓްރޯލް ކުރުމާ ބެހޭ މަސްއަލަތަކުގައްޔާއި އިންސާނީ ވަގުފާރީގެ މަސްއަލަތަކުގައްޔާއި ޣައިރު ޤާނޫނީ ހިޖްރަކުރުމާ ބެހޭ މަސްއަލަތަކުގައްޔާއި ކުށްވެރީން ބަދަލުކުރުމުގެ މަސްއަލަތަކުގައި ޗައިނާއިން އެމެރިކާއަށް ދެން އެއްބާރުލުމެއް ނުދޭނެއެވެ.
މީގެ އިތުރަށް އެމެރިކާއާއި ޗައިނާގެ ދިފާޢީ ދެ ވުޒާރާގެ ދެމެދުގައި ބާއްވަމުން އައި މަސައްކަތު ބައްދަލުވުންތައް ވެސް ވަގުތީގޮތުން ހުއްޓާލައިފި ކަމަށް ބޭޖިންގުން ބުންޏެވެ.
މީގެ އިތުރަށް ޕެލޫސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ވަނީ ޕެލުސީއާއި އޭނާގެ ޢާއިލާގެ ހުރިހާ މެންބަރުން ކަޅު ލިސްޓުކޮށްފައެވެ.
ޗައިނާ ބުނާގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބިމެކެވެ. ޗައިނާ ދެކޭގޮތުގައި އެމެރިކާގެ މިހާ މަތީ ދަރަޖައިގެ މަސްއޫލުވެރިއަކު ރައީސް ބައިޑްންގެ ތާއީދާއެކު ތައިވާނަށް ވަޑައިގަތުމަކީ ޗައިނާގެ ސިޔާދަތަށް އަރައިގަތުމެކެވެ. ޗައިނާ ބުނާގޮތުގައި މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ޗައިނާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާން ވޫ ޗިޔާން އިންޓަރނެޓްގައި ޝާއިޢު ކުރެއްވި ބަޔާނެއް ބުނާގޮތުގައި ތައިވާނު ކަނޑުއޮޅި ގަޑުބަޑުކޮށް ނުތަނަވަސް ކުރީ އެމެރިކާއިންނެވެ. އެހެންކަމުން މި ކަމުގެ ޒިންމާ އެމެރިކާއިން ފުރިހަމައަށް އުފުލަން ޖެހޭނެއެވެ.
ތައިވާނުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޗައިނާގެ މަނަވަރުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޢަސްކަރީ ޑްރޯންތަކުންނާއި ކަނޑުގެ ބާރުތަކުން މިހާރު ބާއްވަމުންދާ ތަމްރީނުތަކަކީ އެ ޖަޒީރާއަށް އެރުމަށް ދެވޭ ޙަމަލާއަކާ އެއްފަދަ ތަމްރީނުތަކެކެވެ. ތައިވާނުން ބުނާގޮތުގައި ޗައިނާއަށް އެކަށީގެންވާ ރައްދު ދިނުމަށް ޓަކައި ތައިވާނުގެ ސިފައިން ވެސް މިހާރު ދަނީ ފިޔަވަޅު އަޅަމުންނެވެ.
ޗައިނާގެ ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި ޕެލޫސީގެ ދަތުރަކީ އޭނާގެ ސިޔާސީ ޝަޚްޞިއްޔަތު ވަރުގަދަ ކުރުމަށް ޓަކައި ކުޅުއްވި "ސިޔާސީ ކުޅިގަނޑެކެވެ."
ޗައިނާއިން މިއަދު ފެށި ތަމްރީނުތައް އެއް މަސް ދުވަހަށް ދެމިގެންދާނެ ކަމަށް ބޭޖިންގުން ބުންޏެވެ. މި ތަމްރީނުތައް އޮންނާނީ "ބޫ ހާއި" ކަނޑުގައެވެ. އަދި މިމަހު 7 އިން 15 އަށް ރީނދޫ ކަނޑުގައި (އުތުރު ޗައިނާ ކަނޑުގެ އިރުމަތީ ބިތުގެ އުތުރު ބައި) ވެސް ޚާއްޞަ ތަމްރީނު ތަކެއް ބާއްވާނެއެވެ.