Support Us

އިސްރާއީލުން ވައިގެ ޙަމަލާއެއްދީ ޣައްޒާ އަލުން ހޫނުކޮށްލައިފި

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ޢަސްކަރީ ޙަމަލާއެއްގައި ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދްސު ޙަރަކާތުގެ އުތުރު ސަރަޙައްދުގެ މަސްއޫލުވެރިޔާ ތައިސީރުލް ޖަޢުބަރީ މިއަދު އަވަހާރަކޮށްލައިފިއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިއަދު ފެށި ޢުދްވާނުގެ އަމާޒުތަކަކީ ޣައްޒާ ސަހަރާއި ޚާން ޔޫނުސް އަވަށާއި ޣައްޒާގެ އުތުރު ސަރަޙައްދެވެ.

އިސްރާއީލުގެ ވައިގެ ޙަމަލާތަކުގެ އަމާޒުފަތްގަނޑުތަކުގެ ތެރޭގައި ޣައްޒާ ސަހަރުގެ ހުޅަނގުގެ އައްރިމާލު އަވަށުގެ ބުރުޖު ފަލަސްޠީނު ޢިމާރާތުގެ ފްލެޓްތައް ހިމެނެއެވެ. ފަލަސްޠީނުގެ މީޑިޔާ ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން ޢާންމުންގެ އެތައް ބަޔަކު ޒަޚަމުވިއެވެ.

އިސްރާއީލުން ބުނާގޮތުގައި އެމީހުންގެ މި ޙަމަލާއަކީ ޣައްޒާގެ އިސްލާމީ ޖިހާދު ޙަރަކާތެވެ. މި ޙަމަލާގެ ނަމަކީ "އަލްފަޖްރުއް ޞާދިޤު" އެވެ.

އިސްރާއީލުން މިއަދު ޣައްޒާއަށް ދިން އަނިޔާވެރި ޢުދްވާނުގެ ސަބަބުން ފަލަސްޠީނުގެ ހަތް މީހަކު ޝަހީދު ވިއެވެ. އޭގެތެރޭގައި ފަސް އަހަރު ކުޑަ އަންހެން ކުއްޖަކު ވެއެވެ. މީގެ އިތުރަށް މި ޙަމަލާގެ ސަބަބުން 40 މީހަކު ޒަޚަމުވިއެވެ.

މި ޢުދްވާނާ ވިދިގެން އިސްރާއީލުގެ އެތެރޭގެ ބައެއް ސަރަޙައްދުތައް "ޚާއްޞަ ޙާލަތަކަށް" ވަނީ ގެނެސްފައެވެ. މި ޚާއްޞަ ޙާލަތުގައި ހިމެނޭ ސަރަޙައްދުތަކަކީ ޣައްޒާއާ 80 ކީލޯމީޓަރުގެ ވައްބުރުގައި ހިމެނޭ ތަންތަނާއި ބިއުރުއް ސަބްޢުގެ ދެކުނު ސަރަޙައްދާއި  ތައްލު އަބީބުގެ އުތުރު ބިތެވެ.

އިސްރާއީލުގެ މި ޢުދްވާނާ ބެހޭ ގޮތުން ޙަމާސުން ނެރުނު ބަޔާނުގައި އިސްރާއީލުން މި ފެށި ޢުދްވާނަށް އިސްރާއީލު ޒިންމާވާން ޖެހޭނެކަމަށް އެ ޖަމާޢަތުން ބުނެފައި ވެއެވެ. މި ޖަމާޢަތުން ބުނިގޮތުގއި އިސްރާއީލުގެ ޢުދްވާނަށް ރައްދު ދިނުމުގައި ފަލަސްޠީނުގެ ޖިހާދީ ހުރިހާ ޖަމާޢަތްތަކެއް އޮތީ އެކަތިގަނޑަކަށް ވެގެންނެވެ. ޙަމާސުގެ ތަރްޖަމާނު  ފައުޒީ ބުރްހޫމު  ނޫސްވެރީންނާ މުޚާޠަބު ކުރައްވާ ވިދާޅުވި ގޮތުގައި ޙަމާސުން "އެ ޖަމާޢަތުގެ ބަސް ބާރުވެރިކަމާއެކު ބުނާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި ފަލަސްޠީނީންނަށް މި ޙާލަތުގައި ދިރިދެމިއެއް ނުތިބެވޭނެއެވެ. އެކަމާ ދެކޮޅަށް ތެދުވާނެއެވެ.

ޖިހާދު ޖަމާޢަތުގެ އިންޒާރު

އިސްރާއީލުގެ މި ޢުދްވާނާ ވިދިގެން އިސްލާމީ ޖިހާދު ޖަމާޢާތުގެ އަމީން ޢާންމު ޒިޔާދުއް ނައްޚާލާ އިސްރާއީލަށް ވަރިގަދަ އިންޒާރެއް ދެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ސަރާޔާ އަލްޤުދްސުގެ އިސްވާރު ޝަހީދުކޮށްލުމާއި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޙަމަލާތަކަށް "އަހުރެން ރައްދުދޭނީ ހުއްޓައިލުމެއް ނެތް ހަނގުރާމައަކުންނެވެ." ސަރާޔާ އަލްޤުދްސުގެ އިސްވާރު ތައިސީރުލް ޖަޢުބަރީ ޝަހީދުކޮށްލުމުން ދެއްވި ކުރު ބަޔާނުގައި އޭނާ ވިދާޅުވިއެވެ. "އިސްލާމީ ޖިހާދު ޖަމާޢަތަށް ރަތް ރޮނގެއް ނޯންނާނެއެވެ. އަހުރެމެންނެއް ނުހުއްޓުވޭނެއެވެ. ހަނގުރާމަ ހުއްޓުވަން ދޭތެރެ މެދަށް ވަންނާނެ ފަރާތެއް ވެސް ނޯންނާނެއެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން ފަހަތަކަށް ނުޖެހޭނަމެވެ. ލެއިން ފިދާ ވާނަމެވެ. މި ހަނގުރާމައިގައި ހުރިހާ ހަތިޔާރެއް ބޭނުން ކުރާނަމެވެ. އަހުރެމެންގެ ރޮކެޓްތަކުގެ އަމާޒަކަށް ވާނީ ތައްލު އަބީބެވެ." އަދިވެސް ވިދާޅުވިއެވެ. "އަހުރެމެން މި ވަންނަނީ ހުޅުވިފައިވާ ހަނގުރާމައަކަށެވެ. އަހުރެމެން ހަނގުރާމަ ކުރާނީ ކެރިގެން ހިތްވަރާއެކު ﷲގެ ކަލިމަފުޅު މަތިވެރި ކުރުމަށް ޓަކައެވެ. ނަޞްރު ދެއްވުމަށް ﷲއަށް ދުޢާ ދަންނަވަމުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *