އެތައް ދާއިރާތަކެއްގައި އެމެރިކާއާއެކު އެއްބާރުލުން ވަގުތީގޮތުން ހުއްޓައިލުމަށް ޗައިނާއިން މިއަދު ނިންމައިފިއެވެ. ޗައިނާގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ރަސްމީ ބަޔާން ބުނާގޮތުގައި އެމެރިކާއާއެކު މޫސުމާބެހޭ ކަންތައްތަކުގައި މިއަދުން ފެށިގެން އެއްބާރުލުމެއް ނޯންނާނެއެވެ.
ޗައިނާއިން އެމެރިކާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަން މި ފެށީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ ނެންސީ ޕެލޫސީ މި ދިޔަ އަންގާރަ ދުވަހު ތައިވާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުންނެވެ. ޗައިނާއިން ބުނާގޮތުގައި މި ދަތުރުފުޅަކީ ޗައިނާގެ ދާޚިލީ މަސްއަލައެއްގެ ތެރެއަށް ސާފުކޮށް ވަނުމެވެ. ޗައިނާގެ ރައީސް ޝީ އެންމެ ފަހުން އެމެރިކާގެ ރައީސް ބައިޑްނާއެކު ބޭއްވެވި ދެ ގަޑިއިރުގެ ފޯނު ކޯލުގައި ތައިވާނަކީ އަލިފާނާ ކުޅުންކަމަށް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އަލިފާނާ ކުޅެންޏާ ފިހިދާނެއެވެ.
ޕެލޫސީ ތައިވާނަށް ވަޑައިގެންފައި ވަނީ ރައީސް ބައިޑްންގެ ރުހުމާއި ތާއީދާއެކުގައެވެ. މި ދެ ބޭފުޅުންނަކީ ވެސް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނެވެ.
ޗައިނާގެ ޚާރިޖިއްޔާ ބުނާގޮތުގައި މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމާއި ކޮންޓްރޯލް ކުރުމާ ބެހޭ މަސްއަލަތަކުގައްޔާއި އިންސާނީ ވަގުފާރީގެ މަސްއަލަތަކުގައްޔާއި ޣައިރު ޤާނޫނީ ހިޖްރަކުރުމާ ބެހޭ މަސްއަލަތަކުގައި ކުށްވެރީން ބަދަލުކުރުމުގެ މަސްއަލަތަކުގައި އެމެރިކާއާއެކު ޗައިނާއިން ދެން އެއްބާރުލުމެއް ނުދޭނެއެވެ.
މީގެއިތުރަށް އެމެރިކާ – ޗައިނާ ދިފާޢީ ދެ ވުޒާރާގެ ދެމެދުގައި ބޭއްވެމުން އައި މަސައްކަތު ބައްދަލުވުންތައް ވެސް ވަގުތީގޮތުން ހުއްޓައިލެވިއްޖެ ކަމަށް ބޭޖިންގުން ބުންޏެވެ.
ދާރިސުންނާއި މުޙައްލިލުން ވިދާޅުވާ ގޮތުގައި ބޮޑު ދެ ބާރެއްގެ ދެމެދުގައި އޮންނާން ޖެހޭ ގުޅުންތައް މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔުމަކީ އޭގޭ ހަވާސަރުތައް މުޅި ދުނިޔެއަށް ކުރާނެ ކަމެކެވެ.
އެމެރިކާގެ ހައުސްގެ ރައީސާ ޕެލޫސީ ތައިވާނަށް ކުރެއްވި މި ދަތުރުފުޅަކީ އެމެރިކާގެ އިސް މަސްއޫލުވެރިއަކު 25 އަހަރުގެ ތެރޭގައި ތައިވާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މީގެ 25 އަހަރާ މިއަދުގެ ޙާލަތަށް ބަލާއިރު ޗައިނާ މިއަދު ވަނީ އެމެރިކާއަށް ގޮންޖެހޭފަދަ މަޤާމަކަށް ތަރައްޤީވެ ކުރިއަރައިފައެވެ. ޗައިނާ ދެކޭ ގޮތުގައި ޕެލޫސީގެ ދަތުރުފުޅަކީ އެއް ޗައިނާ ސިޔާސަތާ އަރާރުންވާ ކަމެކެވެ. ޗައިނާ ދެކޭ ގޮތުގައި ތައިވާނަކީ ޗައިނާއިން ވަކިވެގަންފައިވާ ޗައިނާގެ ބިންކޮޅެކެވެ.
ޕެލޫސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން މިއަދު ވަނީ ޕެލުސީއާއި އޭނާގެ ޢާއިލާގެ ހުރިހާ މެންބަރުން ކަޅު ލިސްޓުކޮށްފައެވެ.
މީގެއިތުރަށް ޗައިނާއިން މިއަދު ވަނީ ތައިވާން ހަތަރު ފަރާތުން ޙިޞާރުކޮށްފައެވެ. އެއީ މިއަދު ޗައިނާއިން ފެށި ކަނޑާއި ވައިގެ ޢަސްކަރީ ތަމްރީނުތަކުގެ ސަބަބުންނެވެ. މި ކަމުގެ ސަބަބުން ތައިވާނަށް ކުރާ ދަތުރުތަކާއި ތައިވާނުން ފުރާ ދަތުރުތައް ވަނީ ކެންސަލް ކުރާން މަޖްބޫރުވެފައެވެ. އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކާއި ޖަޕާނުން މިކަން ދަނީ ކުށްވެރިކުރަމުންނެވެ.
ޗައިނާގެ ރައްޔިތުންގެ ލަޝްކަރުގެ އިރުމަތީ ކޮށީގެ އިސްވާރިއްޔަތުން ނެރުނު ބަޔާނެއް ބުނާގޮތުގައި ތައިވާނުގެ އުތުރާއި ހުޅަނގު ދެކުނާއި އިރުމަތި ފަރާތް ވަށައިގެން އެ ލަޝްކަރުގެ ވައިގެ ބާރުތަކާއި ކަނޑުގެ ބާރުތައް ޙަޤީޤީ ހަތިޔާރު ބޭނުންކޮށްގެން ޢަސްކަރީ ތަމްރީނުތަކެއް މިއަދު ފަށައިފިއެވެ. މި ތަމްރީނުތަކުގައި ޗައިނާގެ ހަނގުރާމަމަތީ 100 މަތިންދާބޯޓާއި އެތައް މަނަވަރުތަކެއް ބައިވެރިވެއެވެ.ޚަބަރުތައް ބުނާގޮތުގައި ޗައިނާގެ ޢަސްކަރީ ތަމްރީނުތައް ބާއްވަމުން ދަނީ ތައިވާނުގެ ވަށައިގެންވާ ހަ ސަރަޙައްދެއްގައެވެ. ހުޅަނގުގެ މީޑިޔާތައް ބުނާގޮތުގައި މި ސަރަޙައްދުތަކަކީ ތައިވާނުގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކެކެވެ. ދާރިސުން ސިފަކުރާ ގޮތުގައި މިއީ ތައިވާން ހިފުމަށް ޗައިނާއިން ފަށާ ހަނގުރާމައެއްގެ "ރިހާސަލެ"ކެވެ.



advertisment