އެމެރިކާއިން ހޮނިހިރު ދުވަހު އަފްޣާނިސްތާނަށް ޑްރޯން ޙަމަލާއެއް ދީ އަލްޤާޢިދާގެ މިހާރުގެ ޒަޢީމު އަޔިމަނުއް ޡަވާހިރީ އަވަހާރަކޮށްލައިފި ކަމަށް އެމެރިކާގެ ރައީސް ބައިޑްން އިޢުލާނު ކުރައްވައިފިއެވެ.
ރައީސް ބައިޑްން ރޭ ވައިޓްހައުސްގައި ހުންނަވާ ދެއްވި ބަޔާން ބުނާގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާއިން އަޔިމަނުއް ޡަވާހިރީ ހުންނެވި ތަން މި އަހަރުގެ ކުރީކޮޅުގައި ވަނީ ހޯދައިފައެވެ.
އެމެރިކާއިން ޡަވާހިރީއަށް ދިން ޙަމަލާގައި ޡަވާހިރީގެ ޢާއިލާގެ އެއްވެސް ބޭފުޅަކަށް ވެސް އަދި އެހެން މީހަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އެމެރިކާއިން ބުންޏެވެ.
ބައިޑްން ބާރުލައްވާ ވިދާޅުވި ގޮތުގައި ޡަވާހިރީއަކީ އެމެރިކާނުންނާ ދެކޮޅަށް އެތައް ދަހަރުތަކެއް ވާންދެން ނިރުބަވެރި ޙަމަލާތައް ރޭވުމުގައި އިސްވެ ޙަރަކާތްތެރިވި ސިކުނޑިއެވެ. އޭނާ ވިދާޅުވި ގޮތުގައި އަފްޣާނިސްތާނު ނިރުބަވެރީންގެ އަމާން ހިޔާވެއްސަށް ދެނެއް ނުވާނެއެވެ.

އެމެރިކާއިން ދިން ޙަމަލާގެ ފޮޓޯތަކުން ޡަވާހިރީ ފިއްލަވައިގެން ހުންނެވި ގެއިން ދުން އަރާތަން ފެނިފައި ވެއެވެ. މި ގެ ހުރީ އަފްޣާނިސްތާނުގެ ޑިޕްލޮމެޓުންގެ އަވަށުގައި އެމެރިކާ އެންބަސީ ކައިރީގައެވެ.
ވައިޓްހައުސް ބުނާގޮތުގައި ޡަވާހިރީއަށް ޙަމަލާދިނުމަށް ރައީސް ބައިޑްން އަމުރު ކުރެއްވީ މި ހުސްވި މަހުގެ 25 ގައެވެ.
އެމެރިކާގެ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ހޮނިހިރު ދުވަހު މި ޙަމަލާ ދިނުމުގެ ކުރީން އެމެރިކާއިން މި ކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ކާބުލް ސަރުކާރަކަށް ނުދެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޖާސޫސީ އިދާރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި އެމެރިކާއިން ދިން ޙަމަލާގައި ޡަވާހިރީ ވަނީ އަވަހާރަކޮށްލައިފައެވެ. މި ޙަމަލާ ދިންއިރު އެމެރިކާގެ އެއްވެސް މީހަކު އެ ހިސާބުގައި ބިންމައްޗަކު ނެތެވެ.

ޡަވާހިރީއާއި އަލްޤާޢިދާގެ ބާނީ ބިން ލާދިން
އެމެރިކާގެ އިސް މަސްއޫލުވެރިއާ ވިދާޅުވި ގޮތުގައި ޡަވާހިރީ އަވަހާރަކޮށްލީ އޭނާ ދިރިއުޅުއްވާ ގޭގެ ބެލްކަނީގައި ހުންނަވަނިކޮށްނެވެ. އޭނާގެ އަނބިކަނބަލުންނާއި އަންހެން ދަރިކަނބަލުންނާއި ކާފަ ދަރިކަލުން ވެސް އުޅުއްވަނީ މި ގޭގައެވެ. އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި އެމެރިކާއިން ޡަވާހިރީ އަވަހާރަކޮށްލުމުގެ މަސައްކަތް މީގެ ހަ މަސް ކުރީން ވަނީ ފަށައިފައެވެ. ޡަވާހިރީ ކާބުލަށް ވަޑައިގެންނެވީ މި އަހަރުއެވެ.އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި ޡަވާހިރީ ކާބުލްގައި އުޅުއްވާކަން ޠާލިބާނުންގެ ސަރުކާރަށް އެނގެއެވެ. އެ ސަރުކާރުން ވަނީ ދައުޙާ އެއްބަސްވުމާ ޚިލާފަށް ޡަވާހިރީއަށް އަމާންކަން ދީފައެވެ.
ޠާލިބާނުން ކުށްވެރި ކުރުން
އަފްޣާނިސްތާނު ސަރުކާރުގެ ތަރްޖަމާނު ޛަބީޙުﷲ މުޖާހިދު ހާމަކުރެއްވި ގޮތުގައި އެމެރކާ ސިފައިން ޑްރޯނަކުން ކާބުލްގެ މެދުތެރޭގައި އޮންނަ ޑިޕްލޮމެޓުންގެ އަވަށުގައި ހުންނަ ގެއަކަށް ވަނީ ޙަމަލާދީފައެވެ. އޭނާ އެމެރިކާގެ މި ޙަމަލާ ވަރަށް ހަރުކަށި ބަހުން ކުށްވެރި ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އެ ޤައުމުގެ ސިޔާދަތަށް އަރައިގަތުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ބައިނަލްއަޤްވާމީ އުޞޫލުތަކާއި ދައުޙާ އެއްބަސްވުމާ ޚިލާފު ޢަމަލެކެވެ.
ޛަބީޙުﷲ ވިދާޅުވި ގޮތުގައި މިއީ ވޭތުވެދިޔަ 20 އަހަރު އެމެރިކާއިން ކުރަމުން ދިޔަ ނާކާމިޔާބު ތަޖްރިބާތަކުގެ ސިލްސިލާގެ އައު ބޮޅެއްގެ ފެށުމެކެވެ.



advertisment