ޢިރާޤުގެ ބަރްލަމާނުގެ ޖަލްސާތައް ވަގުތީގޮތުން މެދުކަނޑައިލުމަށް ރޭ ނިންމައިފިއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދުލް ޙަލްބޫސީ މި ގޮތަށް ނިންމަވަމުން ޢިރާޤުގެ ސިފައިންގެ ޢާންމު ވެރިޔާއަށް ދައުލަތުގެ މިލްކިއްޔާތުތައް ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށް ގޮވައިލެއްވިއެވެ. އޭނާގެ މި ގޮވައިލުން ބުނާގޮތުގައި ދައުލަތުގެ މުއައްސަސާތަކާއި މުޒާހަރާކުރާ މީހުން ޙިމާޔަތް ކުރުމަކީ ޢަސްކަރިއްޔާގެ މަސްއޫލިއްޔަތެކެވެ.
ބަރްލަމާނުގެ ޖަލްސާތައް މެދުކަނޑައިލައްވައި ސިފައިންނަށް ދައުލަތުގެ މިލްކިއްޔާތުތައް ޙިމާޔަތް ކުރުމަށް ޙަލްބޫސީ ގޮވައިލެއްވީ ޢިރާޤުގެ ޞަދްރު ޖަމާޢަތަށް ތާއީދު ކުރާ ޝީޢީން ބަރްލަމާނަށް ވަދެ އެތާނގެ އެތެރޭގައި ސުލްޙަވެރި ހަޅުތާލެއް ފެށުމުންނެވެ.
ދައުލަތުގެ މިލްކިއްޔާތުތައް ޙިމާޔަތް ކުރުމަށް މުޒާހަރާ ކުރާ މީހުންނަށް ވެސް ޙަލްބޫސީ ގޮވައިލެއްވިއެވެ. އަދި ޤައުމީ އަވަސް ބައްދަލުވުމެއް ބާއްވައި މަސްއަލަ ޙައްލު ކުރުމަށް ޓަކައި ގޮތްތަކެއް ކަނޑައެޅުމަށް ޢިރާޤުގެ ސިޔާސީ ހުރިހާ ޖަމާޢަތްތަކަށް ވެސް އޭނާ ގޮވައިލެއްވިއެވެ.
ޙަލްބޫސީ ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ހާރު މި ހޭދަކުރަނީ ވަރަށް ދަތި އަދި ވަރަށް ޙައްސާސު ވަގުތުކޮޅެކެވެ. މި ވަގުތު އެންމެން ވެސް ރުޅިމަޑުކުރާން އެބަ ޖެހެއެވެ. ޒިންމާ އަދާކުރުމަށާއި ކެތްތެރިވުމަށް އަޅުގަނޑު ގޮވައިލަމެވެ." އޭނާ ވިދާޅުވިއެވެ. "ޚިޔާލު ތަފާތުވުމަކީ މަސްއަލައެއް ނޫނެވެ. އެންމެ ކުރިއަރައިފައިވާ ޤައުމުތަކުގައި ވެސް މަސްއަލަތަކުގައި ޚިޔާލު ތަފާތުވެއެވެ. މި ފަދަ ކަންކަމުގެ ޙައްލަކީ ވާހަކަ ދެއްކުމެވެ."
އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު މި ޤައުމުގެ ސިޔާސީ ހުރިހާ ޕާޓީތަކަށާއި ޖަމާޢަތްތަކަށް މި ގޮވައިލާގޮވައިލުމަކީ ތެދުވެރި އިޚްލާޞްތެރި ގޮވައިލުމެކެވެ. އަޅުގަނޑުމެން އަބަދުވެސް އިސްކަންދޭން ޖެހޭނީ ޤައުމީ އެންމެ މަތީ މަޞްލަޙަތަށެވެ."
ޢިރާޤުގެ ބަރްލަމާނަށް އިއްޔެ ވަދެ ހަޅުތާލު ކުރަމުންދާ މީހުންނާ ސަލާމަތީ ބާރުތަކާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާކުރަމުންދާ މީހުންގެ ތެރެއިން އެތައް ބަޔަކު ޒަޚަމު ވިއެވެ. ޢިރާޤު ނޫސް އޭޖެންސީ ބުނާގޮތުގައި ޢިރާޤުގެ ސިފައިންގެ ޢާންމު ވެރިޔާ މުޞްޠަފާ އަލްކާޡިމީ މުޒާހަރާ ކުރާމީހުން ޙިމާޔަތް ކުރުމަށް ސަލާމަތީ ބާރުތަކުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ކާޡިމީއަކީ ޢިރާޤުގެ ބޮޑުވަޒީރު ވެސް މެއެވެ. އޭނާ މުޒާހަރާކުރަމުންދާ މީހުންނަށް މަސްރަޙު އިތުރަށް ހޫނު ނުކުރުމަށް ގޮވައިލެއްވިއެވެ. މުޡާހަރާގައި ބައިވެރިވާ ގިނަ މީހުންނަކީ މުޤްތަދާ އައްޞަދްރަށް ތާއީދު ކުރާ މީހުންނެވެ. އެމީހުން ބޣްދާދުގެ ފެހި ސަރަޙައްދަށް ވަނީ ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވައިލައިފައެވެ. މި ކަމުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާކުރާ މީހުންގެ އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ.މުޒާހަރާ ކުރާ މީހުން މައިތިރި ކުރުމަށް ޓަކައި ސަލާމަތީ ބާރުތަކުން ކަރުނަ ގޭހާއި މުގުރު ބޭނުންކުރިއެވެ.
ޢިރާޤުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާގޮތުގައި މުޒާހަރާކުރާ މީހުންގެ ތެރެއިން 60 މީހަކު ޒަޚަމުވިއެވެ. ޒަޚަމުވީ މީހުންނަށް ފަރުވާ ދިނުމަށް ޓަކައި ހަސްފަތާލުތައް މިހާރު ވަނީ ކުއްލި ޙާލަތަށް ގެނެވިފައި ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
މި ދިޔަ އޮކްޓޫބަރު މަހު ބޭއްވުނު ޢާންމު އިންތިޚާބަށް ފަހު ޢިރާޤަށް ވަނީ ސިޔާސީ ހަމަނުޖެހުތަކެއް އައިސްފައެވެ. މިހާތަނަށް ވަނީ އައު ބޭފުޅަކު ބޮޑުވަޒީރުކަމަށް އިސްނުކުރެވިފައެވެ. މުޤްދަތާ އައްޞަދްރުގެ ވާދަވެރީން ބޮޑުވަޒީރުކަމަށް ހުށައެޅި ބޭފުޅާއާ މެދު ޞަދްރު ޖަމާޢަތް ވަނީ ނޫނެކޭ ބުނެ އެކަމާ ދެކޮޅަށް މުޒާހަރާތައް ފަށައިފައެވެ. ޞަދްރުގެ ވާގިވެރީން ބަރްލަމާނަށް ވަދެގަތީ ބަރްލަމާނުގެ ރުހުން އެ ބޭފުޅާއަށް ދީފާނެތީއެވެ.
ޞަދްރާ އިދިކޮޅު ޖަމާޢަތްތަކުން ބޮޑުވަޒީރުކަމަށް އިސްކުރަން ހުށައަޅައިފައި ވަނީ މުޙައްމަދު ޝިޔާޢުއް ސޫދާނީއެވެ. ޞަދްރު ހުށައަޅުއްވަނީ ކުރިން ސިޔާސީ މަޤާމެއް އަދާކުރައްވައިފައިނުވާ އައު ބޭފުޅަކަށް ބޮޑުވަޒީރުކަން ދިނުމަށެވެ. އޮކްޓޫބަރު މަހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ލިބުނީ ޞަދްރު ޖަމާޢަތަށެވެ. އެހެނަސް އެ ޕާޓީއަށް ބަރްލަމާނުގައި އަޣްލިބިއްޔަތު ނުލިބުމުގެ ސަބަބުން އެ ޕާޓީއަށް ވަނީ ސަރުކާރެއް އެކުލަވައި ނުލެވިފައެވެ. އެހެނަސް ޤައުމު ހިންގުމުގައި ބޮޑެތި ބާރުތަކެއް ޞަދްރު ޖަމާޢަތަށް ލިބިގެން ވެއެވެ.



advertisment