ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވާ އިއްޔެ ފޯނުން ބައްދަލުކުރައްވައިފި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ހާމަކުރައްވައިފިއެވެ. މި ކޯލުގައި އެންމެ އިސްކަންދެއްވައިފައި ވަނީ ރަޝިޔާގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ދެ މީހަކު މިނިވަންކުރުމާ ބެހޭގޮތުންނެވެ.
ބްލިންކެން ހާމަކުރެއްވި ގޮތުގައި އެމެރިކާއާއި ރަޝިޔާއިން ދޫނުދީ އެ ދެ ޤައުމުގެ ސިޔާސަތުގައި ހިފަހައްޓައިފައި ވެއެވެ. މިއީ 24 ފެބްރުވަރީގައި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެ ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ޞަރީޙަ ބައްދަލުކުރެއްވުމެއް
ބްލިންކެން ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "އަހުރެމެން ވަރަށް ޞަރީޙަކަމާއެކު ވާހަކަ ދެއްކީމެވެ. އެމެރިކާގެ ދެ ރައްޔިތުން ކަމުގައިވާ ޕޯލް ވޭލަނާއި ޕްރިޓިނީ ގްރޭނަރ މިނިވަންކުރުމާ ބެހޭގޮތުން އެމެރިކާއިން ވަރަށް ރަނގަޅު ހުށައެޅުމެއް ރަޝިޔާއަށް ހުށައެޅިއެވެ."
ރަޝިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި "ރަޝިޔާއާއި އެމެރިކާގެ ހައްޔަރީން ބަދަލު ކުރުމުގެ މަސްއަލައިގައި ޕްރޮފެޝަނަލް ގޮތަކަށް ޢަމަލު ކުރުމަށް ރަޝިޔާއިން ހުށައެޅިއެވެ." ލަފާކުރުންތަކާ ދުރުހެލިވެ ހަމަހިމޭން ޑިޕްލޮމަސީއަށް ދިޔުމަށް ރަޝިޔާއިން އެމެރިކާއަށް ގޮވައިލިއެވެ.
އެމެރިކާ ހުށައެޅުން
އެމެރިކާއިން އިޢުލާނުކޮށްފައިވާ ގޮތުގައި ރަޝިޔާގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ނެޓްބޯޅަ ކުޅުންތެރިޔާ ޕްރިޓްނީ ގްރޭނަރާއި އެމެރިކާގެ ކުރީގެ ކަނޑުގެ ސިފައިންގެ މީހެއްކަމުގައި ވާ ޕޯލް ވޭލަން މިނިވަންކުރުމަށްޓަކައި މީގެ ދެތިން ހަފުތާ ކުރިން ރަޝިޔާއަށް ވަރަށް ރަނގަޅު ހުށައެޅުމެއް ވަނީ ހުށައަޅައިފައެވެ. އެމެރިކާ ބުނާ ގޮތުގައި މި ދެ މީހުންގެ ބަދަލުގައި ރަޝިޔާގެ މަހުޖަނު ވިކްޓޯރު ޕޯޓް ދޫކޮށްލެވިދާނެއެވެ. ހަތިޔާރުގެ ވަގުފާރީގެ ކުށުގައި އޭނާ ވަނީ 25 އަހަރަށް ޖަލަށްލެވިފައެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުން ބޭރުކުރުން ހުއްޓިފައިވާ ޔުކްރޭންގެ ގޮވާމާ ކާދު ބޭރުކުރުމާ ބެހޭގޮތުން ތުރްކީ މެދުވެރިވެގެން އދގެ ބެލުމުގެ ދަށުން އެއްބަސްވެފައިވާ އެއްބަސްވުމަށް އިޙްތިރާމު ކުރުމަށް ބްލިންކެން ރަޝިޔާއަށް ގޮވައިލެއްވިއެވެ. ރަޝިޔާ ބުނާގޮތުގައި އެ ޤައުމުގެ ގޮވާމާއި ކާދު ބޭރުކުރުމާ ދެކޮޅަށް ހުޅަނގުން އަޅައިފައިވާ ފިޔަވަޅުތައް ވެސް ވަގުތުން އުވައިލަން ޖެހޭނެއެވެ.
ހަމަ އެފަދައިން ޔުކްރޭންގެ އިތުރު ބިންތައް ރަޝިޔާއަށް ނުނެގުމަށް ވެސް ބްލިންކެން ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "މި ބިންތައް ރަޝިޔާއަށް ނެގިޔަސް ދުނިޔެ އެ ކަން ޤަބޫލެއް ނުކުރާނެއެވެ. މި ކަމުގައި ރަޝިޔާ ކުރިއަށްދާނަމަ އަހުރެމެން ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނަމެވެ."
ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް
ރޫސީ ޚާރިޖީ ވަޒީރު އެމެރިކާގެ ވަޒީރަށް ދެންނެވި ގޮތުގައި ދުނިޔެއާ ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމަކީ އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެކެވެ. އޭނާ ވިދާޅުވިއެވެ. "ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް އަޅަމުންދާ ޢަސްކަރީ ޚާއްޞަ ފިޔަވަޅުތަކުގެ ލަޑުދަނޑި މޮސްކޯއިން ޙާޞިލު ކުރާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި "އެއީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރަމުންދާ ކަމެކެވެ."
ލެވްރޯވާ ޙަވާލާދީ ރޫސީ ޚާރިޖިއްޔާ ބުނިގޮތުގައި "އެމެރިކާއާއި ނޭޓޯއިން ޔުކްރޭން ސިފައިންނަށް ހަތިޔާރު ދިން ވަރަކަށް ހަނގުރާމަ ދާނީ ދިގުލަމުންނެވެ. އަދި ކިޔީވަށް އުފުލަން ޖެހޭ ތަކްލީފުތައް ބޮޑުވާނެއެވެ."



advertisment