"ޢިލްމަކީ ދެ މިޔަލީ ހަތިޔާރެކޭ" ބުނެއެވެ. ކުޑައިރު މަދަރުސާގއި ޢިލްމާ ބެހޭގޮތުން މަޒްމޫނު ލިޔާއިރު މުދައްރިސް ދެއްވާ އެންމެ މުހިއްމު ނުކުތާތަކުގެ ތެރޭގައި މި ޢިބާރާތް ހިމެނެއެވެ. މި ނުކުތާ ހިމަނައިގެން މަޒުމޫނު ލިޔާއިރު ޢިލްމުގައި ފައްސި ކަންތައްތަކާއި ނައްސި ކަންތައްތައް ހިމެނޭ ކަމަށާއި އޭގެ ނައްސިތަކާ ދުރުހެލިވާން ޖެހޭނެ ކަމަށް ލިޔަމުއެވެ. މީސްތަކުން ދެކޭގޮތުގައި މިއީ އެއްބަސްވެފައިވާ "ހަރު" އެހެނަސް "ގިތި" ބަހެކެވެ. އެއީ މުޤައްދަސް ފިކްރީ ގަވައިދެކެވެ. އެންމެން މި ގަވައިދަށް ބޯލަނބަން ޖެހޭނެއެވެ.
މި "ހަރު" ބަހާމެދު ވާހަކަދައްކާއިރު މިސާލެއް ކަމުގައި ނޮބެލްގެ ވާހަކަ ގެންނަމުއެވެ. އޭނާ އީޖާދު ކުރެއްވި ޑައިނަމައިޓްގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ އޭނާގެ ނަމުގައި ނޮބެލް އިނާމެއް އުފެއްދުނެވެ. މި އިނާމު ދެވެނީ ދުނިޔޭގައި ޞުލްޙައަށް ޓަކައި ފާހަގަކުރެވޭ ފަދަ މަސައްކަތްތައް ކުރައްވާ ބޮޑެތި އިސްވާރުންނަށެވެ.
މި "ހަރު" ބަހާ ބެހޭގޮތުން ވާހަކަ ދައްކާއިރު ހަތިޔާރު އުފެއްދުމަކީ ޢިލްމުގެ ނައްސި ފަރާތް ކަމަށް ބުނަމުއެވެ. ޚާއްޞަކޮށް (މުޅި ސަރަޙައްދު ފުނޑުފުނޑު އަރުވައިލާ) ހަތިޔާރަކީ އެ އުފެއްދުމާ ދުރުހެލިވާން ޖެހޭ އެއްޗެކެވެ. މިފަދަ ހަތިޔާރުތައް އުފެއްދުމާ ދުރުހެލިވާން ޖެހޭނެއެވެ. މަދަރުސާގައި މަޒުމޫނު ލިޔާއިރު މަޒުމޫނު ނިންމާލަނީ ބޭސްވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ޓަކައި ޢިލްމުގެ ބޭނުން ފައްސި ގޮތުގައި ބޭނުންކުރުމަށް ގޮވައިލަމުންނެވެ.
މި ގޮތަށް އަޅުގަނޑުމެން މަޒުމޫނު ލިޔެ ނިންމައިލަނީ މުދައްރިސުންގެ ސާބަހާއި އައްސަރިބަސް ލިބިގެންނެވެ. ހަތިޔާރު އުފެއްދުން ޙަރާން ކަމެއްކަމަށް ކަނޑަނޭޅިއަސް އެއީ އެކަމާ ދުރުހެލިވާން ޖެހޭ ކަމެއްކަން ޤަބޫލުކޮށް އެ ޚިޔާލަށް ތާއީދު ކުރަމުންނެވެ.
ހިތާމައަކީ މި ފިކްރާއި ޚިޔާލު ދުނިޔޭގައި ފެތުރެމުންދާ ކަމެވެ. މި މަންޠިޤާ އެއްގޮތަށް ދަރިވަރުން "ސިކުނޑި ދޮވެލެވޭ" ކަމެވެ. މި ވިސްނުމުގައި ހިމެނޭ ނައްސި ބަޔަށް ނުވިސްނާ "އަމިއްލަ މަޞްލަޙަތަށް: ޓަކައި "އެ ކަމަށް ގޮވައިލާ އަޑުތަކަށް" ތާއީދު ކުރެވޭކަމެވެ.
ޕާކިސްތާނުގެ ތަޖްރިބާ
"ޕާކިސްތާނު މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް ޓަކައި ނިޔުކްލިއަރ ޕްރޮގްރާމެއް ޤާއިމުކުރުން ލާޒިމުވެއެވެ." މިއީ ޕާކިސްތާނުގެ ނިޔުކްލިއަރ ބޮމުގެ ބައްޕަ ޕްރޮފެސަރ ޢަބްދުލް ޤަދީރު ޚާނު 1974 ގައި ޕާކިސްތާނުގެ ރައީސަށް ދެއްވި މެސެޖުގެ ޚުލާޞާއެވެ. މި މެސެޖު އޭނާ ދެއްވީ އަވަށްޓެރި ހަތުރުވެރި ދުޝްމަނު އިންޑިޔާއިން ނިޔުކްލިއަރ ބޮމެއް ތަޖްރިބާ ކުރުމުންނެވެ. ޚާން އޭނާގެ މި ހުވަފެން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޙަޤީޤަތަކަށް ހެއްދެވިއެވެ. ކައިރީގައި އޮތް އަވަށްޓެރި ޤައުމު ސިއްސައިލެއްވުމުގެ ކުރިން ދުރުގައި އޮތް ހުޅަނގުގެ ޤައުމުތައް ވަނީ ޙައިރާންކޮށް ލައްވައިފައެވެ. "ނިޔުކްލިޔަރ ހަތިޔާރަކީ ނުބަޔެއް" ކަމަށް ބުނާ ބަހުގެ ތެރޭގައި ގެއްލެނިވެފައިވާ ފަލަސްޠީނުގެ ނޫސްވެރިއަކު ނިޔުކްލިއަރ ބޮމެއް އުފައްދަވައިގެން ކުރެއްވުނީ ކޮންކަމެއްތޯ ޢަބްދުލް ޤަދީރު ޚާނާ ސުވާލު ކުރެއްވިއެވެ. އެހިނދު ޖަވާބުގައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ޤައުމާއި ސަރަޙައްދު ހަތަރުވަނަ ހަނގުރާމައަކާ ދުރަށް ލީމެވެ."
އޭނާ އިޝާރަތް މި ކުރެއްވީ 1986 ވަނަ އަހަރުގެ ހޫނު މޫސުމުގައި އިންޑިޔާއާއި ސޮވިއެޓް ޔުނިއަނުން އަފްޣާނިސްތާނުގެ މަސްއަލައާއި ކަޝްމީރުގެ މަސްއަލަ އަބަދުގެއަބަދަށް ނިންމައިލުމަށް ރާވައި ޕާކިސްތާނުގެ ސަރަޙައްދު ކައިރަށް އިރުމަތީ ފަރާތުން އިންޑިޔާ ސިފައިން ހުޅަނގު ފަރާތުން ސޮވިއެޓް ސިފައިން ޖަމާކޮށް ޕާކިސްތާނު ކަކުންޏެއްގެ ދެ ދަތްގަނޑު ދެމެދަށް ލައި ފިއްތައިލުމަށް މަސައްކަތް ކުރިކުރުމަށެވެ.
އިންޑިޔާއިން މިލިޔަނެއްހާ ސިފައިން ޕާކިސްތާނު ސަރަޙައްދު ކައިރިއަށް ޖަމާކުރިއެވެ. އިންޑިޔާއިން މި ކަން ރޭވީ އެމެރިކާގެ ފެހި އަލި ލިބިގެންނެވެ. މި މަސްއލަ ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ޓަކައި ޕާކިސްތާނުން ކުރި ޑިޕްލޮމެޓިކް އެއްވެސް މަސައްކަތެއް އިންޑިޔާއިން ބަލައިގަތުމާ ދެކޮޅު ހެދިއެވެ. ޕާކިސްތާނު ފުޑުފުޑުކޮށް ނައްތައިލުމުގެ ސުން ގަޑިއަށް މުޅި ދުނިޔެ އޮތީ އިންތިޒާރުކޮށްގެންނެވެ.
އެ ވަގުތު ޑރ. ޚާން ތިން ނޫސްވެރިއަކަށް އޭނާގެ ގެއަށް މެންދުރުގެ ކެއުމަކަށް ދަޢުވަތު ދެއްވިއެވެ. މި ތިން ނޫސްވެރީންގެ ތެރެއިން ދެ ނޫސްވެރީންނަކީ ބައިނަލްއަޤްވާމީ ނޫސްވެރީންނެވެ. މި ކެއުން ބާއްވަވައިފައި ވަނީ ރަސްމީކަމެއް ނުދައްކަވައެވެ. އެއްވެސް ސިޔާސީ ދުރުމިނަކާ ނުލައްވައެވެ. ނޫސްވެރީންނާއެކު ވާހަކަފުޅު ދައްކަވަމުން ގޮސް ވަރަށް ހަމަހިމޭންކަމާއި ފިނިކަމާއެކު ދޫއޮޅިގެން ބުނެވުނު ބަހެއް ބުނާފަދަ ގޮތަކަށް ޚާން ވިދާޅުވިއެވެ. "ނިޔުކްލިޔަރ ޞިނާޢަތާ ހަމައަށް އަހުރެމެން އަތުވެއްޖައީމެވެ. އަހުރެމެން ވަރަށް ގިނަ ކަންތައްތަކެއް އުފައްދައިފީމެވެ."
"އޮޅުމަކުން ވިދާޅުވެވުނު" މި ބަސްފުޅުގެ އަސަރު ވަރަށް ވަރުގަދައެވެ. މެންދުރުކެއުމާ ރޭގަނޑު ކެއުމާ ދެމެދުގައި ހުރިހާ ހިސާބުކުރުންތަކެއް ބަދަލުވެއްޖެއެވެ. ކަކުނީގެ ދެ ދަތްގަނޑު ދެމެދަށްލުމުގެ އިސްތިރާތީޖީ ނާކާމިޔާބުވެގެން ހިނގައްޖެއެވެ. ޕާކިސްތާނު ސަރަޙައްދު ކައިރިއަށް ޖަމާކުރި ސިފައިން ފަހަތަށް ޖައްސައި އިސްލާމްއާބާދާއެކު ވާހަކަދައްކަން ތައްޔާރަށް އޮތްކަމަށް ނިވްދިއްލީން ބުނެފިއެވެ.
މި ވާހަކައިގެ ޚުލާޞާއަކީ:
- ޕާކިސްތާނަށް މައިތިރިކުރުމުގެ ބާރާ ހަމައަށް ނުދެވުނުނަމަ މިއަދު ދުނިޔޭގެ ޗާޓުގައި ޕާކިސްތާނު އޮންނާނެ ހެއްޔެވެ؟
- ހަތިޔާރު ހޯދުމަށް މަސައްކަތް ކުރުމަކީ ޢިލްމާއި ސައެންސްގެ ނުބައި ފަޅި ކަމަށް ބުނާ ޚިޔާރުގެ މަސްތީގައި ޑރ. ޢަބްދުލް ޤަދީރު ޚާން ޖެހިވަޑައިގެންނެވިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
- ޑރ. ޢަބްދުލް ޤަދީރު ޚާން ހާމަކޮށްދެއްވައިފައިވާ ގޮތުގައި އޭނާގެ މަޝްރޫޢު ތަންފީޒު ކުރެއްވީ މާ ގިނަ ފައިސާތަކަކުންނެއް ނޫނެވެ. އޭނާ މި މަޝްރޫޢު ތަންފީޒު ކުރައްވަމުން ގެންދެވީ ބައިނަލްއަޤްވާމީ ބާޒާރުގައި ބީލަމުގައި ސާމާނާއި މަޢުލޫމާތު ވިއްކާ އުޞޫލުގެ ދަށުންނެވެ. ބުނެވޭ ގޮތުގައި އޭނާ ދުބައިއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ އުސް ޢިމާރާތެއްގެ މައްޗަށް އަރުއްވާ ތިރި ބައްލަވައިލައްވައިފާ އެ ތާނގައި ޕާކުކޮށްފައި ހުރި ޒަމާނީ ބޮޑެތި ކާރުތައް ގުނާލައްވައި އޭގެ ޖުމްލަ އަގު ކުރައްވައި އޭނާގެ އަރިހުގައި ހުންނެވި ބޭފުޅަކާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "އަހުރެމެންގެ ޤައުމު ޙިމާޔަތް ކުރުމަށް ބޭނުންވާ ފައިސާ މި ކާރުތަކުން ލިބި އިތުރުވާނެއެވެ." ޢަބްދުލްޤަދީރު ޚާނުގެ މި އީޖާބީ ވިސްނުންފުޅާ އެއްގޮތަށް އިމާރާތްފަދަ ޢަރަބި ޤައުމުތައް މަސައްކަތް ކުރާނަމަ އިސްރާއީލުގެ ޙިމާޔަތް ހޯދާކަށް ނުޖެހޭނެއެވެ.
- ޑރ. ޚާން ވިދާޅުވާ ގޮތުގައި ޢިލްމާއި ސައެންސަކީ މުޅި އިންސާނިއްޔަތުގެ މިލްކެކެވެ. އެއީ ބާރުގަދަ ޤައުމުތަކަށް ޚާޢްޞަ އެއްޗެއް ނޫނެވެ.
- މި ކަމުގައި ސިޔާސީ ދެބަސްވުންތަކަށް މަގު ހުޅުވައިލެވިގެން ނުވާނެއެވެ. ޢަބްދުލް ޤަދީރު ޚާނަކީ ޕާކިސްތާނުގެ ސިޔާސީ އިސްވާރުންނާއި ޤައުމުގައި ވެރިކަން ކުރެއްވި ބޭފުޅުންނާ މާ ރުހިވަޑައިގެން އުޅުއްވި ޢާލިމެއް ނޫނެވެ. އެހެނަސް ޤައުމުގެ އެންމެ ބޮޑު މަޞްލަޙަތަށް ޓަކައި އޭނާ އެބޭފުޅުންނާއެކު ޞުލްޙަވެރި ވެށްޓެއްގައި އުޅުއްވިއެވެ.
ނިޔުކްލިޔަރ ހަތިޔާރު ނައްތައިލުމުން ޔުކްރޭނަށް ވީ ގޮތް
ސޮވިއެޓް ޔުނިއަން 1991 ގައި ރޫޅި އެ އިއްތިޙާދުގައި ހިމެނޭ ޤައުމުތައް ވަކިވަކިވެ މނިވަންވުމުން ޔުކްރޭން ވެގެން ދިޔައީ ދުނިޔޭގައި ނިޔުކްލިއަރ ހަތިޔާރު އެންމެ ގިނައިން ހުރި ތިންވަނަ ޤައުމަށެވެ. ރަޝިޔާއާއި އެމެރިކާއާއި ޔުކްރޭނެވެ. އޭގެ އިތުރަށް މި ހަތިޔާރު އުފައްދާ ސާމާނުތަކާއި އާލަތްތަކާއި ކާރުޚާނާތައް ވެސް ހުރި ޤައުމަކަށެވެ. ނަމަވެސް 1994 ގައި އެ ޤައުމުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ވިސްނުންފުޅު ތިލަކަމުގެ ސަބަބުން ލިޒްބަންގައި އެ ޤައުމުގައި ހުރި ނިޔުކްލިއަރ ހަތިޔާރުތައް ނައްތައިލުމަށް އެއްބަސްވިއެވެ. މީގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން އެ ޤައމު ޙިމާޔަތްކޮށްދޭނެ ކަމުގެ ޖާމިނުވުން ދިނެވެ. އަދި ރަޝިޔާ ވެސް ޔުކްރޭނަށް ޢުދްވާނީ ޙަމަލާއެއް ނުދޭނެކަމަށް ވަޢުދުވެ ކަށަވެތިވިއެވެ.
ޔުކްރޭނުގެ މި "މޮޔަ" ފިޔަވަޅުން އެނގެނީ
- ޔުކްރޭންގެ އަތުގައި ހުރި މި ވަރުގަދަ ހަތިޔާރުތައް ނައްތައިލުމަށް ނިންމެވި ބޭފުޅުންނަކީ "ނިޔުކްލިޔަރ ހަތިޔާރަކީ ލާއަޚްލާޤީ ޞިނާޢަތެއް" ކަމަށް ބުނާ މަދުރަސާގެ ދަސްވެނީންނެވެ.
- މި ބޭފުޅުން ތާރީޚުން ފިލާވަޅު ދަސްކުރައްވައިފައެއް ނުވެއެވެ. އެމެރިކާއިން ޢިރާޤަށް ޙަމަލާދީ އެ ޤައުމު ސުންނާތިކޮށްލީ އެ ޤައުމުގައި ޙައްދުފަހަނަޅައިފައިވާ ބާރުގަދަ ހަތިޔާރު ހުރިކަމަށް ތުހްމަތުކޮށްފައެވެ. ޢިރާޤު އަތުގައި ނިޔުކްލިއަރ ބޮމެއް އޮތްކަމާމެދު ޝައްކު އޮތްނަމަ އެމެރިކާއިން ޢިރާޤަށް ޙަމަލާއެއް ނުދޭނެކަން ކަށަވަރެވެ. އުތުރު ކޮރެޔާއިން އެމެރިކާއަށާއި އެމެރިކާގެ އެކުވެރީންނަށް ގޮންޖަހަމުންދާއިރު ވޮޝިންގްޓަނަށް އުތުރު ކޮރެއާއަށް ޙަމަލާދޭން ނުކެރެނީ އުތުރު ކޮރެޔާގައި ނިޔުކްލިއަރ ހަތިޔާރު ހުރީތީއެވެ.
- ޔުކްރޭނުން އެ ޤައުމުގައި ހުރި ނިޔުކްލިއަރ ހަތިޔާރުތައް ނައްތައިލުމުން މިއަދު އެ ޤައުމަށް ވާގޮތް އަޅުގަނޑުމެންނަށް އެބަ ފެނެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ދިން ޖާމިނުވުން ކޮބައިތޯއެވެ؟ ރަޝިޔާއިން ވީ ވަޢުދާ ޚިލާފުވެ 2014ގައި ކްރެމިޔާ ސަރަޙައްދަށް އަރައި ޔުކްރޭންގެ އިރުމަތީ ސަރަޙައްދުން ބޮޑު ބައެއް ރަޝިޔާގެ ބިމަކަށް ހެދިއެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގައި ރަޝިޔާއިން ދަނީ އިތުރު ބިންތައް ހިފަމުންނެވެ.
ފިކްރު ރަނގަޅުކުރަން ޖެހޭ
މިއިން އެނގެނީ ފިކްރަކީ ވަރަށް ނުރައްކާތެރި އެއްޗެއް ކަމެވެ. އިންސާނާގެ ޢަމަލުތަކަކީ އޭނާގެ ފިކްރު ރިވެލިކޮށްދޭ އެއްޗެކެވެ، އެއްޗަކާމެދު ޙުކްމެއް އިއްވޭނީ އެކަމާމެދު ތިމާއަށް ތަޞައްވުރުކުރެވޭ ތަޞައްވުރުކުރުމާ އެއްގޮތަށެވެ. ނުބައި ތަޞައްވުރެއް ކުރެވިއްޖެނަމަ ނިޔާ ނުބައި ވަނެއެވެ. އެހެންކަމުން ޢިލްމާމެދު ދެކޭގޮތް ވަނީ މުރާޖާ ކުރަން ޖެހިފައެވެ. ޢިލްމަށް ދެ މިޔަ ލިބިގެނެއް ނުވެއެވެ. ޢިލްމަށް ލިބިގެން ވަނީ އެންމެ މިޔައެކެވެ. އެއީ ބާރެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އަންފާލު ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. "وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ – އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ!" މާތް ﷲގެ މި ބަސްފުޅުގައި ވަޙީ ކުރެއްވީ "ބާރެއް" މިހެންނެވެ. އެހެންކަމުން މި ބާރުގައި ހުރިހާ ބާވަތެއްގެ ބާރުތައް ހިމެނެއެވެ. އޮމާން ބާރާއި ރާޅު ބާރެވެ. ކުރަކި ބާރާއި މަޚުމާ ބާރެވެ. ފިކްރީ ބާރާއި އިޤްތިޞާދީ ބާރާއި ހަތިޔާރުގެ ބާރާއި މުދަލުގެ ބާރާއި މީޑިޔާ ބާރުފަދަ އެންމެހާ ބާރުތަކެވެ.
މި އާޔަތުގައި މި ބާރު ހޯދަންވީ ކީއްވެގެން ކަން ވެސް މާތްﷲ ވަނީ ބަޔާން ކުރައްވައިފައެވެ. އެއީ "تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ – އެކަމުން اللَّه ގެ عدوّ ންނާއި، ތިޔަބައިމީހުންގެ عدوّ ން ބިރުގެންނެވުމަށްޓަކައެވެ." މި ބަސްފުޅުން އެނގެނީ ބާރު ހޯދުމުގެ އިސްތިރާތީޖީ އަމާޒަކީ ޢަދުއްވުން މައިތިރި ކުރުން ކަމެވެ. ބިރުގެންނެވުން ކަމެވެ. އެއީ މީސްތަކުންނަށް އަނިޔާވެރިވުމަށް ޓަކައެއް ނޫނެވެ. އެހެން މީހުންނަށް ޢަދާވަތްތެރިވުމަކަށް ވެސް ނޫނެވެ.
ޢަރަބި– އިސްރާއީލު ހަނގުރާމައިގައި 1967ގައި ޢަރަބީން ބަލިވިހިނދު ޖަމާލް ޢަބްދުއްނާޞިރު ޝިޢާރަކަށް ހެއްދެވީ "ގަދަބާރުން އަތުލައިގަތް އެއްޗެއް ގަދަބާރުން މެނުވީ އަތުލައެއް ނުގަނެވޭނެއެވެ." އަދި 6 އޮކްޓޯބަރު 1973ގެ ހަނގުރާމައިގައި މިޞްރުން ވަނީ މިކަން ދުނިޔެއަށް ދައްކައިފައެވެ.



advertisment