Support Us

އީރާނުގެ ޒައްރީ ހަކަތަޔާ ބެހޭ އިދާރާގެ ރައީސް މުޙައްމަދު އިސްލާމީ

ޒައްރީ ހަކަތަޔާ ބެހޭ ކެމެރާތައް އަލުން ބެހެއްޓުމާ އީރާނުން ދެކޮޅު ހަދައިފި

މި ދިޔަ ޖޫން މަހު އީރާނުން ނެގި ބައިނަލް އަޤްވާމީ ޒައްރީ ހަކަތަޔާ ބެހޭ އޭޖެންސީގެ ކެމެރާތައް އަލުން ބެހެއްޓުމާ ދެކޮޅުހަދާ ކަމަށް އީރާނުގެ ޒައްރީ ހަކަތަޔާ ބެހޭ އިދާރާގެ ރައީސް މުޙައްމަދު އިސްލާމީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކެމެރާތަކަށް އަލުން މަސައްކަތް ކުރެވޭނީ އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން 2015ގައި ސޮއިކޮށްފައިވާ އެއްބަސްވުމަށް ޢަމަލުކުރާން ފެށި ދުވަހަކުންނެވެ.

އީރާނުގެ ތަސްނީމު ނޫސް އޭޖެންސީ ބުނާގޮތުގައި އީރާނުގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. "އެހެން ފަރާތްތަކުން މި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާން ފެށި ދުވަހަކުން މެނުވީ ޒައްރީ ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީއަށް އެ ކެމެރާތައް އަލުން ބެހެއްޓުމުގެ ހުއްދައެއް ނުދެވޭނެއެވެ."

މި އޭޖެންސީން ބުނާގޮތުގައި 2015ގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން އީރާނުގައި ބަހައްޓައިފައި ހުރި 27 ކެމެރާ މިހާރު ވަނީ ނަގައިފައެވެ. "މި ކެމެރާތައް ނަގަން ޠަހަރާނުން މި އޭޖެންސީއަށް އެންގީ މި އޭޖެންސީން އިރާނާ ދެކޮޅަށް ފާޑު ކިޔައި ނެރުނު ރިޕޯޓާ ވިދިގެންނެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނާޞިރު ކަންޢާނީ ތުހްމަތު ކުރައްވާ ގޮތުގައި ބައިނަލްއަޤްވާމީ އޭޖެންސީގެ ޑިރެކްޓަރު ރަފާއީލު ގްރޯސީގެ ރިޕޯޓަކީ މަސައްކަތުގެ އަޚްލާޤާ އަރާރުންވާ، އަނިޔާވެރި، ބޭއިންސާފުވެރި، ބިނާކުރުމެއްނެތް ރިޕޯޓެކެވެ."

އޭނާ ވިދާޅުވި ގޮތުގައި އީރާނު އުންމީދު ކުރަނީ އެމެރިކާއިން "ހިތް ނިޔަތް ތެދުކަން ދައްކައި މި އެއްބަސްވުމަށް އަވަހަށް އަނބުރާ އައުމަށެވެ."

ދެހާސް ފަނަރަ ވަނަ އަހަރުގެ އެއްބަސްވުން ބުނާގޮތުގައި އީރާނުން އެ ޤައުމުގެ ނިޔުކްލިއަރ ޙަރަކާތްތައް ޤައިދުކޮށް ޔޫރޭނިއަމު މުއްސަނދިކުރުން ހުއްޓައިލުމުން އީރާނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް ލުއިކުރާން ވާނެއެވެ. އެހެނަސް ރައީސް ޓްރަމްޕް ވަނީ 2018ގައި އެމެރިކާ މި އެއްބަސްވުމުން ބޭރަށް ނެރުއްވައިފައެވެ. އަދި އެކަމާ ވިދިގެން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށް އިތުރުކޮށްފައެވެ.

އެމެރިކާއިން މި ގޮތަށް ޢަމަލުކުރާން ފެށުމުން އީރާނުން ވަނީ މި އެއްބަސްވުމުގައި ޤައިދުކުރާން ބުނެފައިވާ ނިޔުކްލިއަރ ޙަރަކާތްތައް އަލުން ފަށައިފައެވެ.

ޔޫރޭނިއަމް މުއްސަނދި ކުރުން އިތުރުކުރުން

އީރާނުން މި މަހުގެ 10ވަނަ ދުވަހު ވަނީ އެ ޤައުމުގައި ޔޫރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް އަލުން ފަށައިކަން އިޢުލާންކޮށްފައެވެ. އަދި ޔޫރޭނިއަމް 20%ގެ މިންވަރަށް މުއްސަނދިކުރުމުގެ މަސައްކަތް ވަނީ އީރާނުން ފަށައިފައެވެ.

އީރާނުގެ ޒައްރީ ހަކަތައާ ބެހޭ އިދާރާގެ ތަރްޖަމާނު ބަހްރޫޒު ކަމާލަންދު ހާމަކުރެއްވި ގޮތުގައި މުއްސަނދި ކުރެވުނު ޔޫރޭނިއަމު ޖަމާކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެސޯޝޭޓެޑް ޕްރެސް އޭނާއާ ޙަވާލާދީ ބުނި ގޮތުގައި މި ކަމާ ބެހޭ މަޢުލޫމާތު އދގެ ޒައްރީ ހަކަތަޔާ ބެހޭ އޭޖެންސީއަށް މީގެ ދެ ހަފުތާ ކުރިން ވާނީ ދީފައެވެ. މި އޭޖެންސީ ބުނާގޮތުގައި ޔޫރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް އީރާނަށް ފަސޭހަކަމާއެކު ކުރެވޭނެ ވަސީލަތްތައް މިހާރު ވަނީ ތަނަވަސްކޮށްފައެވެ.އީރާނުން މި ކަމަށް ޓަކައި ބޭނުންކުރަނީ IR-6 މަރުކާގެ ސެންޓްރިފިއުގަލް މެޝިންތަކެކެވެ. އެއީ 20% އަށް ޔޫރޭނިއަމް ސާފުކޮށްދޭނެ އާލަތްތަކެކެވެ.

އީރާނާއި ދުނިޔޭގެ ނިޔުކްލިއަރ ފަސް ޤައުމަކުން ވިއެނާގައި އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ވާހަކަދެއްކުންތައް ބާއްވަމުންދާތާ އެތައް މަހެއް ވެއްޖެއެވެ. އީރާނު ބުނާގޮތުގައި އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލައިނަމަ އީރާނުން ވެސް އެ އެއްބަސްވުމަށް ޢަމަލެއް ނުކުރާނެއެވެ. އީރާނުން އެދޭ ކަންތައްތަކުގެ ތެރޭގައި އީރާނުގެ އިންޤިލާބީ ފާރަވެރި ލަޝްކަރު އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުން ފުހެލެވެން ޖެހޭނެއެވެ. އަދި އެމެރިކާގެ ސަރުކާރުތައް ކުރިމަގުގައި ވެސް މި އެއްބަސްވުމުން ވަކިނުވާނެކަމުގެ ޖާމިނުވުން ވޮޝިންގްޓަނުން ޠަހަރާނަށް ދޭންޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *