Support Us

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް

ރޫސީ ޚާރިޖީ ވަޒީރު އެފްރިކާއަށް

ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވް އެފްރިކާގެ ހަތަރު ޤައުމަކަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފަށްޓަވާނެއެވެ. މި ދަތުރުފުޅުގައި އޭނާ ފުރަތަމަ ވަޑައިގަންނަވާނީ މިޞްރަށެވެ.

މިޞްރުގައި އޭނާ ޢަރަބި ލީގުގައި ތަޤްރީރު ކުރައްވާނެއެވެ. ޢަރަބި ލީގްގެ މި ބައްދަލުވުން ބެއްވޭނީ އެ ޖަމްޢިއްޔާގެ މަންދޫބުންގެ ފެންވަރުގައެވެ.

މި ބައްދަލުވުން ބޭއްވޭ ވަގުތަކީ ޢަރަބި ބައެއް ޤައުމުތަކުން ހުޅަނގު ނުހިމެނޭ ޖަމާޢަތަކާއެކު އެއްބާރުލުން ޤާއިމު ކުރުމަށް އެދޭ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ. ރަޝިޔާއަކީ މީގެ ފަސް މަސް ދުވަސް ކުރީން ޔުކްރޭންގައި ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ހުޅަނގުން އެ ޤައުމާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާ ޤައުމަކަށް ވާތީ މޮސްކޯގެ ސިޔާސަތު ހާމަކޮށް ތާއީދު ހޯދުމަށް ބޭނުންވެފައިވާ ޤައުމެކެވެ.

ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ މި ދިޔަ ބުރާސްފަތި ދުވަހު ނޫސްވެރީންނަށް ދެއްވި ބަޔާން ބުނާގޮތުގައި ޚާރިޖީ ވަޒީރު ލެވްރޯވް މި މަހު 24 ން 28 ށް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށާއި ޔޫގެންޑާއަށާއި އިތިޔޯޕިޔާއަށާއި ކޮންގޯ ޖުމްހޫރިއްޔާއަށް ވަޑައިގަންނަވާނެއެވެ.

އިސްތިރާތީޖީ އަދި އިޤްތިޞާދީ ގުޅުން ބަދަހިކުރުން

މިޞްރުގައި ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް މިޞްރުގެ ތަފާތު މަސްއޫލުވެރީންނާ ބައްދަލުކުރައްވާ އެމެރިކާއާ އެއްފެންވަރަކަށް ރަޝިޔާ- މިޞްރު ގުޅުންތައް ބަދަހިކޮށް ވަރުގަދަކުރުމާ ބެހޭގޮތުން ބަޙުސް ކުރައްވާނެއެވެ.

މިޞްރާ ރަޝިޔާއާ ދެމެދުގައިވާ ގުޅުންތަކަކީ އިސްތިރާތީޖީ އަދި އިޤްތިޞާދީ ގުޅުމެކެވެ. މިޞްރަށް ބޭނުންވާ ގޮދަނާއި ގޮވާމުގެ އިތުރަށް މިޞްރަކީ ރަޝިޔާއިން ހަތިޔާރު ވެސް ގަންނަ ޤައުމެކެވެ. މީގެއިތުރަށް ރަޝިޔާގެ ފަތުރުވެރީންނަކީ ވެސް މިޞްރުގެ އިޤްތިޞަދުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔެކެވެ.

ރަޝިޔާގެ ރޫސް އެޓަމް ކުންފުނިން މިޞްރުގައި ނިޔުކްލިއަރ އިސްޓޭޝަނެއް ބިނާކުރުމުގެ މަސައްކަތް ވަނީ މި ހަފުތާގައި ފަށައިފައެވެ. މިއީ މިޞްރުގައި ބިނާކުރެވޭ ފުރަތަމަ ނިޔުކްލިއަރ އިސްޓޭޝަނެވެ. މިއީ 1970ގައި ރަޝިޔާއިން ތަންފީޒު ކުރި ހައި ޑޭމް މަޝްރޫޢަށް ފަހު ހިންގަން ފެށި އެންމެ ބޮޑު މަޝްރޫޢެވެ.

ހައި ޑޭމް މަޝްރޫޢަށް ފަންޑްކޮށްދޭތޯ އޭރުގެ ރައީސް ޖަމާލް ޢަބްދުއްނާޞިރު ހުށައެޅުއްވީ އެމެރިކާއަށެވެ. އެމެރިކާއިން މި މަޝްރޫޢުގައި ކޮޅުފައިން ޖެހުމުން ވަގުތުން މޮސްކޯއިން މަރްޙަބާ ކިޔެއެވެ.މިޞްރު ރަޝިޔާގެ އަތަށް ލެނބެން ފެށީ މި މަޝްރޫޢުގެ ސަބަބުންނެވެ. މިޞްރުގެ އަތުގައި އެމެރިކާއިން އަލުން ހިފީ ރައީސް ސާދާތުގެ ވެރިކަމުގައި އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމުންނެވެ.

ހުޅަނގުން ރުޅި ގަދަވާނެ ކަމެއް

މިޞްރުގައި ޢަރަބި ލީގްގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށްފަހު ރޫސީ ވަޒީރު ލެވްރޯވް ދެން ވަޑައިގަންނަވާނީ އިތިޔޯޕިޔާއަށާއި ޔޫގެންޑާއަށެވެ. އެއަށްފަހު ދެން ވަޑައިގަންނަވާނީ ކޮންގޯ ޖުމްހޫރިއްޔާއަށެވެ.

ރޮއިޓަރޒް ހުޅަނގުގެ ޑިޕްލޮމެޓުންނާ ހަވާލާދީ ބުނާގޮތުގައި ލެވްރޯވްގެ ދަތުރުފުޅުގެ ކުރިން މިޞްރަށް ހުށައެޅުންތަކެއް ހުށައެޅިއެވެ. އޭގެ ތެރޭގައި ޔުކްރޭން ހަނގުރާމައާ ބެހޭގޮތުން މޮސްކޯ ދައްކާ ވާހަކަ އަޑުނޭހުމަށް ގޮވައިލުން ވެއެވެ.
ރަޝިޔާއިން ބުނާގޮތުގައި އެމީހުން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ "ޚާޢްޞަ ޙަމަލާތަކަކީ" އެ ޤައުމުގެ ނާޒީ އައު ޙަރަކާތާ ދެކޮޅަށް ދެމުންގެންދާ ޙަމަލާތަކެކެވެ. އަދި މިއީ ޔުކްރޭންގައި ދިރިއުޅޭ ރޫސީންނަށް ލިބެން ޖެހޭ އަސާސީ ޙައްޤުތައް ހޯދައިދިނުމަށް ޓަކައި އެމީހުންނަށް ދެވޭ އެހީއެކެވެ. ރަޝިޔާއިން ބުނާގޮތުގައި ދުނިޔޭގެ ބާޒާރުގައި ގޮވާން ތަދުވުމުގެ މަސްއަލައަކީ ޔުކްރޭން ހަނގުރާމައާ ގުޅުން އޮތް ކަމެއް ނޫނެވެ. ޔުކްރޭނުންއިން ދުނިޔޭގެ ބާޒާރަށް ނެރޭ ގޮދަނުގެ މިންވަރު 20 މިލިޔަން ޓަނަށްވުރެ ގިނައެއް ނުވާނެއެވެ. އެއަށްވުރެ މާ ގިނައިން ރަޝިޔާއިން ދުނިޔޭގެ ބާޒާރަށް ގޮވާން ބޭރުކުރެއެވެ.

ދިރާސާކުރާ އިނގިރޭސި ވިލާތުގެ މަރްކަޒެއް ބުނާގޮތުގައި ޢަރަބި ދުނިޔެއާއި އެފްރިކާއިން ޔުކްރޭންގެ މަސްއަލައިގައި ހުޅަގުގެ އަޑަށް ލިބިފައިވާ ތާއީދު ވަރަށް ކުޑައެވެ. އެފްރިކާއާއި ޢަރަބި ދުނިޔެއަކީ ހުޅަނގުގެ ބަދީލަކަށް އެދޭ ސަރަޙައްދުތަކެކެވެ.

ދުނިޔެއަށް ބާރުގެ އެތައް ތަނޑިތަކެއް ބޭނުންވެފައިވާ ކަން މިޞްރުން ޤަބޫލު ކުރާކަމަށް މި މަރްކަޒުގެ މި ދިރާސާ ބުނެފައި ވެއެވެ. މިޞްރުގެ ގުޅުންތައް އެއް އަތަކަށް ބުރަކޮށްފައި ބާއްވަން ބޭނުންނުވާކަން މިޞްރުގެ މަސްއޫލުވެރީން ދަނީ ހާމަކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *