ތުރްކީގެ އިސްތަންބޯލުގައި އދގެ ރިޢާޔަތުގެ ދަށުން ތުރްކީ މެދުވެރިވެގެން ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމެއްގައި ރަޝިޔާއާއި ޔުކްރޭން މިއަދު ސޮއިކޮށްފިއެވެ.
މި މުހިއްމު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދައުލަމަތު ބަހްޖަތު ގަނޑުވަރުގައި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާނާއި އދގެ އަމީންޢާންމު އެންޓޯނިޔޯ ގުޓެރެޝް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ.
އދ ގެ އަމީން ޢާންމު ގުޓަރެޝްގެ ބެއްލެވުމުގެ ދަށުން ރޫސީ ދިފާޢީ ވަޒީރު ސަރގީ ޝުވިގޯ މި އެއްބަސްވުމުގައި ތުރްކީގެ ދިފާޢީ ވަޒީރު ޚުލޫޞީ އައްކާރާއެކު ސޮއިކުރެއްވުމުން ޔުކްރޭންގެ ބިނާރާ ބެހޭ ވަޒީރު އެކްސެންޑަރ ކޮޕްރަކޯވް ތުރްކީގެ ދިފާޢީ ވަޒީރާއެކު މި އެއްބަސްވުމުގައި ވަކިން އެކަހެރިކޮށް ސޮއިކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ރޫސީ ވަޒީރާއި ޔުކްރޭން ވަޒީރު ތިއްބެވީ ވަކި މޭޒެއްގައެވެ. މި ދެބޭފުޅުން ސަލާމެއް ވެސް ނުކުރައްވައެވެ.
އދގެ އަމީން ޢާންމު ގުޓަރެޝް ވިދާޅުވި ގޮތުގައި މިއީ ވަރަށް ތާރީޚީ އެއްބަސްވުމެކެވެ. އޭނާ ވިދާޅުވިއެވެ. "މި އެއްބަސްވުމުގައި ސޮއިކުރެވެމުންދާއިރުވެސް ކުށެއް ނެތް އެތައް ބަޔަކު މަރުވަމުންދާ ލޭއޮހޮރުވުމުގެ އަރާރުމެއް ހިނގަމުން އެބަ ދެއެވެ. މި އެއްބަސްވުމާނުލައި ދުނިޔޭގައި ކާބޯތަކެތީގެ އަގަށް ހަމަޖެހުމެއް ނުގެނެވޭނެއެވެ."
ތުރްކީގެ ރައީސް އުރްދުގާން ވިދާޅުވި ގޮތުގައި ދުނިޔޭގެ ކާބޯތަކެއްޗާ ކުރިމަތިވެފައިވާ ދަތިކަން ޙައްލުކޮށް ދިނުމުގައި މި އެއްބަސްވުން ވަރަށް ބޮޑު ދައުރެއް ކުޅޭނެއެވެ. އޭނާ މެދުވެރިވެ ވަޑައިގަންނަވައިގެން މި އެއްބަސްވުމުގައި ސޮއިކުރެވުނީތީ އެކަމާމެދު ފަޚްރުވެރިވެ ވަޑައިގަންނަވާ ކަމަށް އުރްދުގާން ވިދާޅުވިއެވެ.
އުރްދުގާންގެ ވާހަކަފުޅުގައި ރޫސީ ރައީސް ޕޫޓިނަށާއި ޔުކްރޭންގެ ރައީސް ޒިލެންސްކީއަށް ޝުކްރު އަދާކުރެއްވިއެވެ. އެ ދެބޭފުޅުން ދުނިޔޭގެ ޤައުމުތަކަށް ގޮވާން ފޯރުކުރުމަށް ބޭނުންވާ މަގު ފަސޭހަކޮށްދެއްވީތީއެވެ.
މި އެއްބަސްވުމުގެ ދަށުން ދެކުނު ޔުކްރޭންގެ އޮޑީސާ ސަރަޙައްދުގެ ތިން ބަނދަރަކުން ގޮވާން ބޭރު ކުރެވޭނެއެވެ. ކްރެމްލިން ބުނިގޮތުގައި މި އެއްބަސްވުމަކީ ވަރަށް މުހިއްމު އެއްބަސްވުމެކެވެ. މި ކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާން ލިބުމުގެ މަގު ހުޅުވިގެންދާނެތީއެވެ.
ޔުކްރޭން ބުނާގޮތުގައި ގޮވާން އުފުލާ ބޯޓުތަކާއެކު ރަޝިޔާގެ އުޅަނދުތައް ދަތުރެއް ނުކުރާނެއެވެ. އަދި ރަޝިޔާގެ އޮބްޒަރވަރުން ތިބެންޖެހޭނެ ވާހަކަ މި އެއްބަސްވުމުގައެއް ނެތެވެ.
އެއްބަސްވުމުގެ މުހިއްމު ނުކުތާތައް
މި އެއްބަސްވުން ބުނާގޮތުގައި މި އެއްބަސްވުން ތަންފީޒު ކުރެވެމުންދާ ގޮތް ބެލެހެއްޓުމަށާއި ވިލަރެސް ކުރުމަށް ޓަކައި އިސްތަންބޯލުގައި ގުޅިފައިވާ މަރްކަޒެއް ޤާއިމު ކުރެވޭނެއެވެ. މި މަޒްކަޒުގައި ރަޝިޔާއާއި ޔުކްރޭނުގެ މަންދޫބުންނާއެކު ތުރްކީއާއި އދގެ މަސްއޫލުވެރީން ތިއްބަވާނެއެވެ.
އދ ބުނާގޮތުގައި މި މަރްކަޒު ޤާއިމު ކުރުމަށް ޓަކައި ތިން ހަތަރު ހަފުތާއެއްހާ ދުވަސް ހޭދަވާނެއެވެ. އެހެންކަމުން މިއަންނަ އޮގަސްޓް މަހުގެ މެދެއްހާ ހިސާބުގައި މެނުވީ ބޯޓުފަހަރަށް ގޮވާން އަރުވައިގެން ދަތުރުކުރާކަށް ނުފެށޭނެއެވެ.
މި ބޯޓުތައް ޔުކްރޭންގެ ބަނދަރުތަކަށް އަނބުރާ އަންނައިރު އެ އުޅަނދުތަކުގައި ހަތިޔާރު ގެނޭތޯ ބެލުމުގެ ހުއްދަ ރަޝިޔާއަށް ލިބިގެން ނުވާނެ ކަމަށް ޔުކްރޭނުން ބުނެއެވެ. އެހެނަސް މި އުޅަނދުތައް ތުރްކީގެ ބަނދަރެއްގައި މަޑުކުރާން ޖެހޭނެއެވެ. އަދި މި އެއްބަސްވުމުގައި ބައިވެރިވާ ހަތަރު ފަރާތުން މި ބޯޓުތައް ބަލައިފާސްކުރާނެއެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ޕްރައިސް މި އެއްބަސްވުމަށް މަރްޙަބާ ވިދާޅުވިއެވެ. މި އެއްބަސްވުމާ ހަމައަށް ވާޞިލުކޮށްދިނުމަށް ޓަކައި ތުރްކީއާއި އދގެ އަމީންޢާންމު ކުރެއްވި މަސައްކަތްޕުޅު ތަކަށް އޭނާ ތާރީފު ކުރެއްވިއެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުން ހަކަތައާއި ކާބޯތަކެއްޗާއި ކާދުގެ ދަތިކަމެއް ދުނިޔެއާ ވަނީ ކުރިމަތިވެފައެވެ. މި ކަމުގެ ސަބަބުން އިންސާނީ އެހީތައް ފޯރުކޮށްދޭ ދަރުމަވެރި ޖަމްޢިއްޔާތަކުގެ މަސައްކަތަށް ވެސް ވަނީ ބުރޫއަރައިފައެވެ.
ރަޝިޔާއާއި ޔުކްރޭނަކީ ކާބޯތަކެތި އެންމެ ގިނައިން އުފައްދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމެވެ. ޚަބަރުތައް ބުނާގޮތުގައި ޔުކްރޭންގެ އޮޑީސާގެ ގުދަންތަކުގައި ވިއްސަކަށް މިލިއަން ޓަނުގެ ގޮވާން ބޭރު ނުކުރެވިފައި އެބަހުށްޓެވެ.
މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ އަގު ވަގުތުން ދަށަށް ހިނގައްޖެ ކަމަށް ބީބީސީ ބުނެއެވެ.



advertisment