Support Us

ސޫރިޔާ މަސްއަލައިގައި އީރާން, ރޫސީ, ތުރްކީގެ ސަމިޓެއް

ސޫރިޔާގައި ސަލާމަތީ ކަންތައްތަކާއި އަމްނު ވަރުގަދަކުރުމާ ބެހޭގޮތުން ޠަހަރާނުގައި މިއަދު އީރާން- ރޫސީ- ތުރްކީ ސަމިޓެއް ބޭއްވޭނެއެވެ. މިއީ ރޫސީ ރައީސް ޕޫޓިން ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ކުރީގެ ސޮވިއޓް ޔުނިޔަން ސަރަޙައްދުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ސަމިޓްގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީ ރޫސީ ރައީސް ޕޫޓިނާއި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާނާއެކު ބަޙުސް ކުރައްވާނީ ސޫރިޔާގެ އަމްނާ ބެހޭގޮތުންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ވިދާޅުވާގޮތުގައި މި ސަމިޓްގެ އެންމެ ބޮޑު މަޤްޞަދަކީ އާސްތާނާ އެއްބަސްވުން ހަރުދަނާ ކުރުމެވެ. މި އެއްބަސްވުމަކީ ސޫރިޔާގައި ހަނގުރާމަ ހިނގާ ސަރަޙައްދުތަކުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި މި ސަމިޓްގެ ބޭނުންތަކުގެ ތެރޭގައި ސޫރިޔާގައި އަމުން ޤާއިމުކުރުމަށާއި ހަމަޖެހުން ޤާއިމު ކުރުމަށް ޓަކައި އެއްބާރުލުން އިތުރުކުރުން ވެއެވެ. އަދި ސޫރިޔާގެ ރެފިޔުޖީންނަށް ޤައުމަށް އެނބުރި އައުމަށް މަގުފަހިކޮށް ދިނުމާއި ހަނގުރާމައިގެ ސަބަބުން ގެދޮރުދޫކޮށް ދާން ޖެހުނު މީހުން އަލުން ވަޒަންވެރި ކުރުމަށް އެހީވެދިނުން ވެސް ވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ސިޔާސީ ޙައްލާއި ކާބޯތަކެތީގެ އަމާންކަމުގެ ތެރެއިން ލައިފާ ސަރަޙައްދުގެ އަމްނާއި އަމާންކަން ވަރުގަދަކުރުމާ ބެހޭގޮތުން ވެސް މި ސަމިޓްގައި ބަޙުސްކުރެވޭނެއެވެ.

އީރާނުގެ ރަސްމީ ޓީވީ ބުނިގޮތުގައި ރައީސް ޕޫޓިން ޠަހަރާނަށް މިހާރު ވަޑައިގެންފިއެވެ. އޭނާއަށް ޠަހަރާނުގެ ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ އީރާނުގެ ރައީސް އިބްރާހީމީ ރައީސެވެ.
ހަމަ އެފަދައިން ތުރްކީގެ ރައީސް އުރްދުގާން ވެސް މިއަދު ޠަހަރާނަށް ވަޑައިގެންފިއެވެ.

ސަޢުދުއާބާދު ގަނޑުވަރަށް ރައީސް އުރްދުގާން ވަޑައިގަތުމުން އީރާނުގެ ރައީސް އޭނާއާ އިސްތިޤްބާލު ކުރައްވައި މަރްޙަބާ ދެންނެވިއެވެ. ރަސްމިއްޔާތަށްފަހު ދެ ރައީސުން ބައްދަލު ކުރެއްވިއެވެ. ރައީސް އުރްދުގާނުގެ އަރިހުގައި ޚާރިޖީ ވަޒީރު މައުލޫދު ޖާވީޝް އުޣުލޫއާއި ދިފާޢީ ވަޒީރު ޚުލޫޞީ އައްކާރާއި ދާޚިލީ ވަޒީރު ސުލައިމާން ޞުވައިލޫއާއި މާލިއްޔަތާއި ޚަޒާނާއާ ބެހޭ ވަޒީރު ނޫރުއްދީނު ނަބާތީއާއި ޠަބީޢީ މުއްސަނދިކަމާއި ހަކަތައާ ބެހޭ ވަޒީރު ފާތިޙު ދޮންމާޒާއި ވިޔަފާރިއާ ބެހޭވަޒީރު މުޙައްމަދު މޫޝާއި ޞިނާޢަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު މުޞްޠަފާ ވަރާންކާއި ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު މުޙައްމަދު މުޙައްރަމު ޤަޞްބު އުޣުލޫ ވަޑައިގެންނެވިއެވެ.

ތުރްކީން ފިޔަވަޅު އަޅާނެ

މީގެ ދެމަހެއްހާ ދުވަސްކުރިން އަންކަރާއިން އިޢުލާންކޮށްފައިވާ ގޮތުގައި ސޫރިޔާގެ ޑިމޮކްރެޓިކް ބާރުތަކުން އުތުރު ސޫރިޔާގައި ހިފާފައިވާ ސަރަޙައްދުތަކަށް އަންކަރާއިން ވަރަށް އަވަހަށް ޙަމަލާދޭން ފަށާނެއެވެ.މި ބާރުގެ މައިކަށްޓަކީ ކުރްދީންނެވެ. ތުރްކީން ބިރުގަންނަނީ މި ސަރަޙައްދުގައި ކުރްދީން މިނިވަން ދައުލަތެއް ޤާއިމުކޮށްފާނެތީއެވެ. މި ސަރަޙައްދުގައި ސޫރިޔާގެ ޙަލަބު ސަރަޙައްދުގެ މަންބަޖާއި ތައްލު ރިފްޢަތުގެ ރަށްތައް ހިމެނެއެވެ.

ތުރްކީއާއި ސޫރިޔާގެ އިދިކޮޅު ބާރުތައް 2016 އިން ފެށިގެން ސޫރިޔާގެ އުތުރު ސަރަޙައްދު ވަނީ ހިފައިފައެވެ. ކުރްދީންގެ ބާރުގަދަވުމަކީ ކުރްދިސްތާނުގެ ލޭބަރ ޕާޓީ (ޕީކޭކޭ) ގެ ބާރުގަދަވެގެން ހިނގައިދާނެ ކަމެކެވެ. ރަޝިޔާގެ ހުއްދަ ނުލިބި މި ސަރަޙައްދަށް ތުރްކީން ޙަމަލާދޭން ބޭނުމެއް ނުވެއެވެ. ރަޝިޔާގެ ހުއްދަ ނުލިބި ތުރްކީއަށް ވައިގެ ސަރަޙައްދު ބޭނުމެއް ނުކުރެވޭނެއެވެ.

މި ހިސާބުގައި ހަތިޔާރު އެޅި ޝީޢީ ބާރުތަކެއް ވެސް އޮވެއެވެ. މިހެންވެ ތުރްކީން އީރާނުގެ ފެހި އަތްޔަށް ވެސް ބޭނުން ވެއެވެ. އީރާނު ބުނާގޮތުގައި ތުރްކީން އެ ސަރަޙައްދަށް ޙަމަލާ ދިނުމަކީ އެ ސަރަޙައްދުގެ އަމްނާއި އަމާންކަމަށް ލޮޅުން އަތުވެދާނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *