Support Us

ޕަންޖާބު އިންތިހާބު ޢިމްރާން ޚާނަށް ކާމިޔާބު ކުރެއްވުނީ ކިހިނެއް؟

ޕާކިސްތާނުގެ އެންމެ ބޮޑު ސަރަޙައްދު ކަމުގައިވާ ޕަންޖާބުގައި ބޭއްވުނު ބައި އިލެކްޝަންގައި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ އިންޞާފު ޕާޓީއަށް ހީނުކުރާފަދަ ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. ޕާކިސްތާނުގެ މީޑިއާތަކާއި ޖިއޯ ނިވްޒް ބުނާގޮތުގައި ޢިމްރާން ޚާނުގެ ޕާޓީއަށް 20 ގޮނޑީގެ ތެރެއިން 15 ގޮނޑި ލިބުނެވެ.

ރާބިޠާ އސްލާމިއްޔާ ޕާޓީއަށް (ނަވާޒު ޝަރީފު ގޮފި) އަށް ލިބުނީ އެންމެ ހަތަރު ގޮނޑިއެވެ. މިނިވަން މުސްތަޤިއްލު އަމިއްލަ ކެންޑިޑޭޓަކަށް އެއް ގޮނޑި ލިބުނެވެ.

ޕަންޖާބަކީ ނަވާޒު ޝަރީފުގެ އުފަން ސަރަޙައްދު ކަމަށް ވާތީ އެންމެން ވެސް ލަފާކުރި ގޮތުގައި ޢިމްރާން ޚާނަށް މި އިންތިޚާބުގައި ކާމިޔާބީ ލިބިވަޑައެއް ނުގަންނަވާނެއެވެ.

އިންތިޚާބުގެ ރަސްމީ ވަގުތީ ނަތީޖާ ބުނާގޮތުގައި ވެރިރަށް ލާހޯރުގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ލިބުނީ ޢިމްރާން ޚާންގެ އިންޞާފު ޕާޓީއަށެވެ. ފައިޞަލްއާބާދާއި މުލްތާނާއި ދޭރާ ޣާޒީ ޚާން ސަހަރުތައް ފަދަ މުހިއްމު ސަހަރުތައް ވެސް ލިބުނީ އިންޞާފު ޕާޓީއަށެވެ.

ނަވާޒު ޝަރީފުގެ ރާބީޠާ ޕާޓީއަށް ލިބުނީ ލާހޯރުން ގޮނޑިއަކާއި ރާވަލްޕިންޑީން ގޮނޑިއަކާއި މުޡައްފަރު ޖާރާ ސަހަރުން ގޮނޑިއަކާއި ނަގަރުން ގޮނޑިއެކެވެ. ލާހޯރުގެ ފަސްވަނަ ގޮނޑި ލިބުނީ އަމިއްލަ ކެންޑިޑޭޓަށެވެ.

މުހިއްމު ވަގުތެއްގައި ލިބުނު ކާމިޔާބެއް

މި ދިޔަ އެޕްރީލް މަހު ޕާކިސްތާނުގެ ބަރްލަމާނުގައި ސަރުކާރާމެދު އިތުބާރު އޮތްތޯ ބެލުމަށް ޓަކައި ނެގުނު ވޯޓުގައި ބަލިވުމުގެ ސަބަބުން ޢިމްރާން ޚާން ސަރުކާރު ވަނީ ވެއްޓިފައެވެ. އެހެންކަމުން މި ކާމިޔާބަކީ ޢިމްރާނަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކޮށްދިން އިންތިޚާބެކެވެ. ޚާންގެ ސަރުކާރު ވެއްޓުމުން ބޮޑުވަޒީރުކަމަށް އިސްކުރެވުނީ ނަވާޒު ޝަރީފުގެ ރާބިޠާ ޕާޓީއެވެ. މި ކަމުގެ ސަބަބުން ޢިމްރާން ޚާންގެ ޕާޓީގެ މަޤްބޫލުކަމަށް ލޮޅުންތަކެއް އެރިއެވެ.

މި ބައި އިލެކްޝަންގެ ސަބަބުން ޕަންޖާބުގެ ބަރްލަމާނުގައި އިންޞާފު ޕާޓީއަށް އަޣްލަބިއްޔަތު ލިބިގެންދާނެއެވެ. އެހެންކަމުން މި ސްޓޭޓްގެ ބޮޑުވަޒީރުކަމުން ޙަމްޒާ ޝަހްބާޒު ޝަރީފު ވައްޓައިލެވޭނެއެވެ.

އިންޞާފު ޕާޓީއަށް 15 ގޮނޑި ލިބުމުން ޤާޢިދޭ އަޢުޡަމުގެ ޕާޓީއާ ގުޅިގެން ޢިމްރާން ޚާންގެ ކޯލިޝަނަށް ބަރްލަމާނުގައި (371 ގޮނޑީގެ ތެރެއިން) 188 ގޮނޑި ލިބޭނެއެވެ. ނަވާޒު ޝަރީފުގެ ކޯލިޝަނަށް ލިބޭނީ 179 ގޮނޑިއެވެ.

އިންސާފު ޕާޓީއަށް ތާއީދު ކުރާ މީހުން ބުނާ ގޮތުގައި މިއީ ރާބިޠާ ޕާޓީއާ ދެކޮޅަށް ކުރެވުނު ހަނގުރާމައެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ މިއީ ރާބިޠާ ޕާޓީއާއި އެ ޕާޓީގެ ކޯލިޝަނާ ދެކޮޅަށް ވެސް ކުރެވުނު ހަނގުރާމައެކެވެ.

މި ކާމިޔާބު އިންސާފު ޕާޓީއަށް ލިބުމުން ޕާޓީގެ ޒަޢީމު ޢިމްރާން ޚާން ޕާޓީގެ މެންބަރުންނަށާއި ވާގިވެރީންނަށް ތަހްނިޔާ ވިދާޅުވަމުން ވިދާޅުވިއެވެ. "މިއީ ހަމައެކަނި ރާބިޠާ ޕާޓީއަށް ލިބުނު ނާކާމިޔާބެއްނޫނެވެ. މީގެއިތުރަށް މިއީ ނަވާޒު ޝަރީފގެ ސަރުކާރަށް ވެސް ލިބުނު ނާކާމިޔާބީއެކެވެ." އޭނާ އާރީ ނިވްޒަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މިއީ ޕާކިސްތާނުގެ އިލެކްޝަން ކަމިޝަނަށް ވެސް ލިބުނު ނާކަމިޔާބީއެކެވެ.

ކާމިޔާބުގެ ސަބަބުތައް

ޕާކިސްތާނުގެ ޖިއޯނިވްޒުން ޝާއިޢު ކުރި ރިޕޯޓެއް ބުނާގޮތުގައި ރާބިޠާ ޕާޓީއަށް މި ފަދަ ބޮޑު ނާކާމިޔާބީއެއް ޕަންޖާބުގައި ލިބުނު ސަބަބުތަކުގެ ތެރޭގައި އެ ޕާޓީއަށް ގަދަކަމުން ގެންދިޔާ އިންސާފު ޕާޓީގެ ކުރީގެ މެންބަރުން ވެއެވެ. މީގެއިތުރަށް ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތާއި ލާދައިގެ މިންވަރު މައްޗަށް ދިޔުން ސަބަބުތަކުގެ ތެރޭގައި ވެއެވެ.

މި ޗެނެލް ބުނާގޮތުގައި ރާބިޠާގެ އެތެރޭގައި އޮތް ދާޚިލީ ހަމަނުޖެހުންތަކާއި އިންތިޚާބީ ޙަމަލާއަށް ރަނގަޅު ރޭވުމެއް ނެތުން ވެސް މި ސަބަބުތަކުގެ ތެރޭގައި ގުނާލެވެއެވެ.

ޕާކިސްތާނުގައި ހުންނަ ޖަޒީރާ ރިޕޯޓަރު ބުނިގޮތުގައި ޢިމްރާންޚާ ނުގެ ސަރުކާރު ވައްޓައިލި ދުވަހުން (10 އެޕްރީލުން) ފެށިގެން ޢިމްރާން ޚާން ޕަންޖާބުގެ ބައި އިލެކްޝަނަށް ތައްޔާރުވެ ވަޑައިގަންނަވައިފިއެވެ. އޭނާ މި އިންތިޚާބީ ޙަމަލާގައި "އޭނާގެ ސަރުކާރު ވައްޓައިލުމުގައި ބޭރުގެ ބާރުތަކެއްގެ އަތްތައް ވާ ކަމަށް" ތުހްމަތު ކުރައްވައި، ޤައުމީ ސިޔާދަތާއި މިނވަންކަމަށް ޓަކައި ރައްޔިތުން ތެދުވުމަށް ގޮވައިލައްވައިފާ ވެއެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ މުއްދައްޘިރު ޢަޒީޒު ވިދާޅުވާ ގޮތުގައި ޢިމްރާން ޚާނުގެ މި ކާމިޔާބީގެ ސަބަބުން ކޯލިޝަން ސަރުކާރަށް ލޮޅުންތަކެއް އަންނާނެއެވެ. އެހެނަސް މައި ސަރުކާރަށް ސީދާ އަސަރެއް އަދި ނުކުރާނެއެވެ.

ދާރިސުން ވިދާޅުވާ ގޮތުގައި ފަހަރެއްގައި ބޮޑުވަޒީރު ޝާހްބާޒު ޝަރީފު ތަންކޮޅެއް އަވަހަށް ޢާންމު އިންތިޚާބު ބޭއްވުމަށް ނިންމަވައިފާނެއެވެ. ލަފާކުރެވޭ ގޮތުގައި ޕަންޖާބުގެ ސަރަޙައްދީ ބޮޑުވަޒީރުކަމަށް އިސްކުރެވޭ ޕަރްވޭޒު އިލާހީ ސަރަޙައްދީ ބަރްލަމާނު އުވާލައްވައިފާނެއެވެ. މިކަމުގެ ސަބަބުން ޝަހްބާޒު ޝަރީފަށް ޢާންމު އިންތިޚާބު އަވަސްކުރައްވަން ޖެހިވަޑައިގެންފާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *