އެމެރިކާގެ ރައީސް ބައިޑްން އިއްޔެ ސުޢޫދީ ޢަރަބިއްޔާ އަށް ވަޑައިގެން ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދިލް ޢާޒީޒާއި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމަށް ފަހު އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާއިން ރޭ އެތައް އެއްބަސްވުންތަކެއް އިޢުލާނު ކުރިއެވެ. އޭގެތެރޭގައި މިޞްރުގެ ތިރާން ޖަޒީރާގައި ސުލްޙަ ބެލެހެއްޓުމަށް އޮތް ބާރުތައް އެ ރަށުން ފޭބުމާއި މޯބައިލް ފޯނުގެ ފަންނިއްޔާތުގެ މައިދާނުގައި އެއްބާރުލުން ޤާއިމުކުރުން ވެއެވެ.
ސުޢޫދީ މަސްއޫލުވެރީންނާ ރައީސް ބައިޑްން ބައްދަލު ކުރެއްވުމަށްފަހު ނެރުނު ބަޔާނުގައި އޯޕެކް ޕްލަސްއިން ތެޔޮ އުފެއްދުން އިތުރު ކުރުމަށް ނިންމި ނިންމުމަށް ރައީސް ބައިޑްން މަރްޙަބާ ވިދާޅުވެފައި ވެއެވެ. އޯޕެކް ޕްލަސް އަކީ ސުޢޫދީ ޢަރަބިއްޔާއާއި ރަޝިޔާ ހިމެނޭ ޖަމާޢަތެކެވެ.

ތީރާން ޖަޒީރާއާ ބެހޭ ޤަރާރު
ރޭ ނެރުނު ބަޔާން ބުނާގޮތުގައި ތީރާން ޖަޒީރާގައި ޞުލްޙަ ބެލެހެއްޓުމަށް ޓަކައި ތިބި އެމެރިކާ ސިފައިންނާއި އެހެނިހެން ޤައުމުތަކުގެ ސިފައިން ވަރަށް އަވަހަށް މި ރަށުން ފައިބާނެއެވެ. މި ޖަޒީރާގައި ޞުލްޙަ ބެލެހެއްޓުމަށް ޓަކައި ބާރެއް ބޭއްވުމަށް ހަމަޖެހުނީ 1978 ގައެވެ. އެއީ މިޞްރާއި އިސްރާއީލާ ދެމެދުގައި ޞުލްޙަ ޤާއިމު ކުރުމަށް އެއްބަސްވި އެއްބަސްވުމާ ވިދިގެން ބޭއްވުނު ބާރެކެވެ. މި ޖަޒީރާއަކީ އިސްރާއީލުގެ އީލާތު ބަނދަރަށް ދަތުރުކުރާ އިރު ހުރަސްކުރަން ޖެހޭ އިސްތިރާތީޖީ ހިސާބެއްގައި އޮންނަ ޖަޒީރާއެކެވެ.
ހަމަ އެފަދައިން މި ބަޔާން ބުނާގޮތުގައި އިސްރާއީލުގެ މަދަނީ މަތިންދާ ބޯޓުތަކަށް ސުޢޫދީ ވައިގެ ސަރަޙައްދު ހުޅުވައިލި ހުޅުވައިލުމަށް ވެސް އެމެރިކާއިން މަރްޙަބާ ކިޔައެވެ. މިއީ މިހާތަނަށް ޚާއްޞަ ޙާލަތެއްގައި މެނުވީ ހުއްދަ ލިބިފައިވާ ކަމެއް ނޫނެވެ.
އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާ އެއްބަސްވި ކަންތައްތަކުގެ ތެރޭގައި މޯބައިލް ފޯނުގެ ފަސް ވަނަ ޖީލާއި ހަ ވަނަ ޖީލުގެ ފަންނިއްޔާތު ތަރައްޤީ ކުރުމުގެ މައިދާނުގައްޔާއި އިލެކްޓްރޯނިކް ސަލާމަތީ މައިދާނުގައި އެމެރިކާއާއި ސުޢޫދިއްޔާއާ ދެމެދުގައި އެއްބާރުލުން ޤާއިމު ކުރުން ވެއެވެ.

ބައިޑްން ސުޢޫދީ ވަލީ ޢަހްދާ ބައްދަލު ކުރެއްވުން
ދެ ފަރާތުން އިޢުލާނު ކުރި ކަންތައްތައް އިޢުލާން ކުރީ ރައީސް ބައިޑްން ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ޖިއްދާގައި ހުކުރު ދުވަހު ބައްދަލު ކުރެއްވުމަށް ފަހުގައެވެ. މި ދެ ބޭފުޅުން "އެ ސަރަޙައްދުގެ ގޮންޖެހުންތަކާ ކުރިމަތިލުމާ ބެހޭގޮތުން މަޝްވަރާތައް" ކުރެއްވިއެވެ.
ސުޢޫދީ ނޫސް އޭޖެންސީ ބުނާގޮތުގައި މި ދެބޭފުޅުން ބައްދަލު ކުރެއްވީ ރައީސް ބައިޑްންގެ ސުޢޫދީ ދަތުރުފުޅުގެ ހަވާސާ މަތީގައެވެ. މިއީ މި ދެބޭފުޅުންގެ ފުރަތަމަ ބައްދަލުވުކުރެއްވުމެވެ.
ސުއޫދީ ނޫސް އޭޖެންސީ ބުނާގޮތުގައި ރައީސް ބައިޑްނާ އަމީރު މުޙައްމަދު ބިން ސަލްމާނުގެ ރަސްމީ ބައްދަލުކުރެއްވުން އޮތީ ޖިއްދާގައި އައްސަލާމު ގަނޑުވަރުގައެވެ. އެއަށްފަހު މި ބައްދަލުވުމުގައި ދެ ޤައުމުގެ މަސްއޫލުވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. ސުޢޫދީ ނޫސް އޭޖެންސީ ބުނާގޮތުގައި ތަފާތު މައިދާންތަކުގައި އެއްބާރުލުމާ ބެހޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރިއެވެ. މީގެ އިތރަށް ދުނިޔެއާއި ސަރަޙައްދާ ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމާ ބެހޭގޮތުން ވެސް ބަޙުސް ކުރެއްވިއެވެ. މި ވާހަކަދެއްކުންތަކުގެ ތަފްސީލުތައް ސުޢޫދީ ނޫސް އޭޖެންސީން ހާމައެއް ނުކުރެއެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު ރައީސް ބައިޑްނާ ބައްދަލު ކުރެއްވިއެވެ.މި ބައްދަލުކުރެއްވުމުގައި ވަލީޢަހްދު ބައިވެރިވެ ވަޑައިގަތެވެ. އައްސަލާމު ގަނޑުވަރުގައި ބޭއްވުނު މި ބައްދަލުވުމުގައި ތަފާތު މައިދާންތަކުގައި ގުޅުންތައް ވަރުގަދަކޮށް ފުންކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިއަދު ޖިއްދާގައި ޢަރަބި- އެމެރިކާ ސަމިޓެއް ބޭއްވޭނެއެވެ. މި ސަމިޓްގައި ގަލްފްގެ ޤައުމުތަކާއި މިޞްރާއި އުރްދުނާއި ޢިރާޤު ބައިވެރިވާނެއެވެ.



advertisment