މެޑިޓެރޭނިއަން ކަނޑުން ލުބްނާނަށް ލިބެން ޖެހޭ ގޭހާއި ތެލުގެ ޙިއްޞާއިން އެ ޤައުމު މަޙްރޫމުކޮށްފިނަމަ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ޙިޒްބުﷲގެ ޒަޢީމު ޙަސަން ނަޞްރުﷲ ދެއްވައިފިއެވެ. އޭނާ އިއްޔެ ވިދާޅުވި ގޮތުގައި މެޑިޓެރޭނިއަން ކަނޑުން ތެލާއި ގޭސް ނެގުން އިސްރާއީލަށް މަނާކުރުމުގެ ބާރާއި ޤާބިލުކަން އޭނާގެ ޖަމާޢަތުގެ ކިބައިގައި އެބަ ހުށްޓެވެ.
ނަޞްރުﷲ (ފޮޓޯގައި) ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި "ލުބްނާނުގެ ސަރަޙައްދީ ރޮނގު ކުރެހުމާ ބެހޭ ވާހަކަދެއްކުންތަކުގައި ލުބްނާނުގެ ބާރަކީ ޙިޒްބުﷲއެވެ. އިސްރާއީލަށް ތެލާއި ގޭސް ނެގުން މަނާކުރުމުގެ ބާރު ޙިޒްބުﷲއަށް ލިބިފައި ވެއެވެ."
އިސްރާއީލާ ދެކޮޅަށް 2006ގައި ކުރި ހަނގުރާމައަށް 16 އަހަރު ފުރުމުގެ ޒިކުރާ ފާހަގަކުރެއްވުމުގެ ގޮތުން ނަޞްރުﷲ ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ. "އިސްރާއީލުން ބޭނުން ވަނީ ލުބްނާނަށް ތެލާއި ގޭސް ލިބުން މަނާކުރުން ކަމުގައިވާނަމަ އެހެން އެއްވެސް ބަޔަކަށް ގޭހެއް ތެލެއް ނުނެގޭނެއެވެ. އަދިނުވެސް ވިއްކޭނެއެވެ." އޭނާ ވިދާޅުވިއެވެ. "އިޤްތިޞާދު ފުޑުފުޑުވެގެން ދިޔުމަށްވުރެ ހަނގުރާމަ ކުރުން މާ ޝަރަފުވެރިއެވެ."
ނަޞްރުﷲ ވިދާޅުވި ގޮތުގައި "ތެލާއި ގޭސް ނެގިއްޖެނަމަ ލުބްނާނުގެ ދައުލަތަށް ބިލިއަނުންބިލިއަނުން ޑޮލަރު ލިބޭނެއެވެ. ޤައުމުގެ އިޤްތިޞާދާއި މާލިއްޔަތު ސަލާމަތްކޮށްދިނުމަށް މި ވަގުތު އޮތް ހަމައެކަނި މަގަކީ މި މަގު" ކަމަށް ނަޞްރުﷲ ވިދާޅުވިއެވެ.
ނަޞްރުﷲ ވިދާޅުވި ގޮތުގައި "މި ދެ މަހަކީ ލުބްނާނަށް ލިބިފައިވާ ރަނުގެ ފުރްޞަތެކެވެ." ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔޫރަޕަށް ބޭނުންވެފައިވާ ތެލާއި ގޭސް ވިއްކުމަށް ޓަކައި އިސްރާއީލަށް މެޑިޓެރޭނިއަން ކަނޑުން ތެލެއް ވެސް އަދި ގޭހެއް ވެސް ނުނެގޭނެއެވެ. ލުބްނާނުގެ ޙިއްޞާ ދޭން ޖެހޭނެއެވެ."
އެމެރިކާ މެދުވެރިވެގެން ލުބްނާނު އިސްރާއީލު ކަނޑުގެ ސަރަޙައްދީ ރޮނގު ކުރެހުމާ ބެހޭގޮތުން ވާހަކަދައްކަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ސަރަހައްދީ ރޮނގު ކަނޑައެޅުމުން ގޭހާއި ތެލުގެ މުއްސަނދިކަމުގެ މިލްކިއްޔަތު ކަނޑައެޅި މި އަރާރުން ނެތިގެންދާނެއެވެ. މިއަދުގެ އަރާރުމަކީ މި މަސްއަލަ ޙައްލުވުމުގެ ކުރިން އިސްރާއީލުން އެ ވަޅުން ގޭހާއި ތެޔޮ ނަގަން ފެށުމެވެ. އިސްރާއީލުން ވަނީ ކަރިޝް ތެޔޮ ދަނޑުން ތެޔޮ ނެގުމަށް ޓަކައި އިނގިރޭސިވިލާތުގެ އެނަރޖިއަން ކުންފުނީގެ ބޯޓެއް ކުއްޔަށް ހިފައިފައެވެ.
އިންޒާރީ ޙަމަލާއެއް
ޙިޒްބުﷲ އިން މި މަހުގެ ދެވަނަ ދުވަހު މި ބޯޓާ ދިމާއަށް ވަނީ ހަތިޔާރު ނާޅައި ތިން ޑްރޯނެއް ފޮނުވައިލައިފައެވެ. އިސްރާއީލުން ހުރަސްއަޅައި މި ތިން ޑްރޯން ވަނީ ވައްޓައިލައިފައެވެ.
ނަޞްރުﷲ ވިދާޅުވި ގޮތުގައި މި ޑްރޯންތައް ފޮނުވުމުގެ މަޤްޞަދަކީ އެ ބޯޓުގެ މީހުންނަށް މިއީ އަމާން ސަރަޙައްދެއްނޫންކަން އެންގުމެވެ. ނަޞްރުﷲ ވިދާޅުވިއެވެ. "އެއްވަގުތެއްގައި އެއް އަމާޒަކަށް ގިނަގުނަ ޙަމަލާތަކެއް ދިނުމުގެ ބާރު ޙިޒްބުﷲއަށް ލިބިގެން ވެއެވެ."
ނަޞްރުﷲ ވިދާޅުވިއެވެ. "ކަރިޝަށް ފަހުގައިވެސް އަދި އެއަށްފަހުގައިވެސް… މި އައު މާދަލާ މަތިން ހަނދާން ކުރާށެވެ."
ފެނުގެ ސަރަޙައްދު
ކަރިޝް ދަނޑުން ތެލާއި ގޭސް ނެގުމުގެ މަސައްކަތް ފެށުމުގެ ސަބަބުން ލުބްނާނާ އިސްރާއީލާ ދެމެދުގައި އރާރުންތައް އުފެދި ޖައްވު ވަނީ ވަރަށް ނުތަނަވަސް ވެފައެވެ.
ކަރިޝް ދަނޑު އޮންނަނީ ދެބަސްވުން އުފެދިފައިވާ ފެނުގެ ސަރަޙައްދުގެ ތެރޭގައެވެ. އިސްރާއީލު ބުނާގޮތުގައި ތެޔޮ ނެގުމަށް ޓަކައި ހަދައިފައިވާ އިސްޓޭޝަން އޮތީ އިސްރާއީލުގެ ސަރަޙައްދު ތެރޭގައެވެ. އެހެނަސް ލުބްނާނު ބުނާ ގޮތުގައި އެއީ އެ ޤައުމުގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ލުބްނާނުގެ ރައީސް މިޝޭލް ޢައުނުވެސް ވަނީ މި މަސްއަލައިގައި އިސްރާއީލަށް އިންޒާރެއް ދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރަޙައްދީ ރޮނގު ކުރެހުމާ ބެހޭ ވާހަކަދެއްކުންތައް އަދި ނުނިމެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން އެކަނިމާއެކަނި ފިޔަވަޅު އެޅުމަކީ "ޢުދްވާނީ އަދި ޖެއްސުންކުރުމުގެ ޢަމަލެކެވެ."
އަރާރުން އުފެދިފައިވާ ސަރަޙައްދު ކުރެހުމާ ބެހޭގޮތުން އެމެރިކާ މެދުވެރިވެގެން 2021 ވަނަ އަހަރުގެ ތެރޭގައި ވާހަކަދެއްކުމުގެ ފަސް ބުރު ބޭއްވިފައި ވެއެވެ. މި ވާހަކަދެއްކުންތައް ކުރިއަށް ނުދާތީ ވާހަކަދެއްކުންތައް ވަނީ ވަގުތީގޮތުން ހުއްޓާލައިފައެވެ.



advertisment