އެމެރިކާގެ ރައީސް ޖޯ ބައިޑްން މެދުއިރުމައްޗަށާއި ގަލްފަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ބައިޑްންގެ މި ދަތުރުފުޅު ފަށްޓަވާނީ އިސްރާއީލުންނެވެ.
އިސްރާއީލުގެ ރަސްމީ ކާން ޗެނެލް ބުނާގޮތުގައި ރައީސް ބައިޑްނާއެކު އިސްރާއީލުގެ ބޮޑުވަޒީރު ޔާއީރު ލެބިޑް އަމްނާއި ސަލާމަތާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. މި އެއްބަސްވުމުގެ ނަމަކީ "ޤުދުސް އެއްބަސްވުން" ކަމަށް އިސްރާއީލުން ބުންޏެވެ.
އިސްރާއީލުގެ ކާން ޓީވީ ބުނާގޮތުގައި މިއީ ވަރަށް ތާރީޚީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން އިސްރާއީލުގެ އަމްނާއި އަމާންކަމާއި ފާގަތިކަން ޖާމިނުކޮށް ކަށަވަރުކޮށްދޭނެއެވެ. އަދި އެމެރިކާ– އިސްރާއީލު ގުޅުން ދާއިމީ ގުޅުމެއްކަމަށް ރައީސް ބައިޑްން ހައްދަވާނެއެވެ.
މި އެއްބަސްވުމުގައި ހިމެނޭ އެންމެ މުހިއްމު ނުކުތާތަކަކީ އެމެރިކާއާއި އިސްރާއީލުން ގުޅިފައިވާ މެސެޖެއް އީރާނަށް ދިނުމެވެ. އަދި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާއި އީރާނުން ގަލްފް ސަރަޙައްދުގައި ޙަރަކާތްތެރިވާ ޙަރަކާތްތައް ހުއްޓުވުމަށް އެމެރިކާއާއެކު ގުޅިގެން އިސްރާއީލުން މަސައްކަތް ކުރާނެކަމަށް ވެސް ޤުދްސު އެއްބަސްވުން މބުނެއެވެ. މީގެ އިތުރަށް އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުން މަނާކުރުމަށް ޓަކައި އީރާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށާއި އިސްރާއީލުގެ އަމިއްލަ ނަފްސު އަމިއްލައަށް ޙިމާޔަތް ކުރެވޭފަދަ ބާރަކަށް އިސްރާއީލު ހަދައިދިނުމަށް ވެސް މި އެއްބަސްވުމުގައި އެމެރިކާއިން ޢަހްދު ކަށަވަރުވެފައި ވެއެވެ.
ކާން ޓީވީ ބުނާގޮތުގައި ޤުދުސް އެއްބަސްވުމުގައި "އިސްރާއީލު- ފަލަސްޠީނު އަރާރުމާ ބެހޭގޮތުންނާއި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭގޮތުންނާއި އިސްރާއީލާއެކު ޞުލްޙަ ޤާއިމުކުރާ ޤައުމުތައް އިތުރުކުރުމާ ބެހޭ ނުކުތާތަކެއްވެސް މި އެއްބަސްވުމުގައި ހިމެނެއެވެ." އެހެނަސް ކާން ޓީވީން އިތުރު ތަފްޞީލެއް ނުދެއެވެ.
ކާން ބުނާގޮތުގައި ޤުދްސު އެއްބަސްވުމުގައި މެދުއިރުމައްޗަށް ހަމަޖެހުން ގެނެސްދޭ ބާރަކަށް އެމެރިކާ ހެދުމަށާއި ފަންނިއްޔާތުގެ މައިދާންތަކުގައި މެދުއިރުމަތީގެ ޤައުމުތަކާއެކު އެމެރިކާއިން ގުޅިފައިވާ ޕްރޮގްރާމުތައް ފުޅައުކުރުމަށް މަސައްކަތް ކުރުމަށް ގޮވައިލާކަމަށް ވެސް ބުންޏެވެ.
އިސްރާއީލުގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ ކާން ޓީވީ ބުނާގޮތުގައި އެންމެ ފަހު ފިޔަވަހީގައި އިސްރާއީލާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަން ފެށޭނެއެވެ. މި ފިޔަވަޅުތައް ރައީސް ބައިޑްންގެ ދަތުރުފުޅުގައި އިޢުލާން ކުރެވޭނެކަމަށް ވެސް އިސްރާއީލުގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އޭނާ މި މަޢުލޫމާތުތައް ދެއްވީ އޭނާގެ ނަންފުޅު ހާމަނުކުރުމަށް ޝަރްޠު ކުރައްވައިފައެވެ. ފަލަސްޠީނުގެ 48 ޙައްޖާޖީން ޖިއްދާއަށް ދަތުރު ކުރުމަށް ޓަކައި ވައިގެ ދަތުރުފަތުރުތައް ހަމަޖައްސައިދިނުމާއި ސުޢޫދީ ކުންފުނިތަކާއެކު ވިޔަފާރީގެ ގުޅުންތައް ޤާއިމު ކުރުމާއި ސުޢޫދީ ވައިގެ ސަރަޙައްދު ހުރަސްކޮށް އިސްރާއީލުގެ މަދަނީ މަތިންދާބޯޓުތަކަށް ދަތުރުކުރުމުގެ މަގު ތަނަވަސްކޮށް ދެވޭނެއެވެ.
ކާން ބުނާގޮތުގައި މި އެއްބަސްވުމުގެ ދަށުން އިސްރާއީލާ ގަލްފްގެ ޤައުމުތަކާއެކު ގުޅުންތައް ވަރުގަދަ ކުރެވޭނެއެވެ. ގަލްފްގެ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާވެސް ހިމެނޭނެ ކަމަށް ކާން ބުންޏެވެ. މި ގުޅުންތަކުގެ ތެރޭގައި ވައިގެ ދިފާޢީ ކަންކަމާއި ކަނޑުގެ ދިފާޢީ ކަންކަމާއި ކުއްލި މަސްއަލަތަކުގެ ޙާލަތުތަކާއި އަލިފާނުގެ ޙަދިސާތައް ފަދަ ބޮޑެތި ކާރިސާތަކުގެ ޙާލަތުތަކުގައި އެއްބާރުލުން ވަރުގަދަކުރެވޭނެއެވެ.
އެހެނަސް ސުޢޫދީ ޢަރަބިއްޔާއިން ދޭތެރެދޭތެރެއިން ބުނަމުންދާ ގޮތުގައި ފަލަސްޠީނުގެ މަސައަލައަށް ޙައްލެއް ނުލިބެނިސް ރިޔާޟުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީއެއް ނުކުރާނެއެވެ.
ވައިޓްހައުސް ބުނާގޮތުގައި ރައީސް ޖޯ ބައިޑްން މި މަހުގެ 13ން 16ށް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލަށާއި ހުޅަނގު އައްސޭރިއަށް ޒިޔާރަތް ކުރައްވާނެއެވެ. އެއަށްފަހު ރައީސް ބައިޑްން އިސްރާއީލުން ޖިއްދާއަށް ސީދާ ވަޑައިގަންނަވާނެއެވެ.
ޖިއްދާގައި މި މަހު 16ވަނަ ދުވަހު ބޭއްވޭ ގަލްފްގެ ސަމިޓްގައި ރައީސް ބައިޑްން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ގަލްފްގެ ޤައުމުތަކުގެ އިތުރަށް މިޞްރާއި އުރްދުނާއި ޢިރާޤުގެ ވެރީން ވެސް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.



advertisment