ޔުކްރޭންގެ ރައްޔިތުންގެ ތެރެއިން ރަޝިޔާގެ ރައްޔިތުކަން ބޭނުންވާ މީހުންނަށް އެ ރައްޔިތުކަން ދިނުމަށް ރައީސް ޕޫޓިން އަމުރުކުރައްވައިފިއެވެ. ރަޝިޔާ ސަރުކާރުގެ ރަސްމީ ވެބް ޞަފްޙާ ބުނާގޮތުގައި ރައީސް ޕޫޓިން މި ޤަރާރު ނެރުއްވީ މިއަދުގެ ވަގުތެއްގައެވެ.
ރޫސީ ރައީސް މީގެ ކުރީން ވަނީ ޔުކްރޭނުން ވަކިވެގަންފައިވާ ޑޮނެސްޓްކާއި ލޮގާންސްކްގެ ރައްޔިތުންނަށް ރޫސީ ވިލާތުގެ ރައްޔިތުކަން ދިނުމަށް ޤަރާރެއް ނެރުއްވައިފައެވެ. ޔުކްރޭނުގެ އިރުމަތީ ޑޮންބާސް ސަރަޙައްދުގައި އޮންނަ މި ދެ ސަރަޙައްދު ރަޝިޔާއިން މިހާރު ވަނީ ޔުކްރޭން ސިފައިން އަތުން މުޅިން މިނިވަންކޮށްފައެވެ. ރަޝިޔާއިން އިތުރަށް ހިފާފައިވާ ޚަރސަނާއި ޒަބަރޯޖިޔާ ސަރަޙައްދުގެ ރައްޔިތުންނަށް ވެސް މިހާރު ވަނީ ރޫސީ ރައްޔިތުކަން ދޭން ފަށައިފައެވެ. ރަޝިޔާއިން ޚަރސަންގެ ގަވަރުނަރުކަމަށް އިސްކޮށްފއިވާ ސްޓްރޮމޮސޯވް ވިދާޅުވާ ގޮތުގައި އެ ސަރަޙައްދުގައި ރޫސީން ދާއިމަށް ތިނބުމަށް މަގު ފަހިކޮށް އެކަމަށް ޓަކައި ފިޔަވަޅުތައް އެޅެމުންދާނެއެވެ. "އަހުރެމެންނަށް ޓަކައި ރައީސް ޕޫޓިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަހުރެމެން ޝުކްވެރިވަމެވެ. ތާރީޚި ގޮތުން ރަޝިޔާގެ ތަންތަން ކަމުގައި ވާ ބިންތައް މިހާރު ދަނީ މިނިވަން ކުރެވެމުންނެވެ. ރަޝިޔާއިން މި ބިންތައް ޙިމާޔަތް ކުރާނެއެވެ."
ސްޓްރޮމޮސޯވް ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ރައްޔިތަކަށް ވުމަށް އެދޭތާ ތިން މަސްދުވަހުގެ ތެރޭގައި އެ އެދުމަށް އިޖާބަދެވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ޕާސްޕޯޓުތައް ހަދާދިނުމަށް ޓަކައި ޚަރސަންގައި މަރްކަޒުތައް ދަނީ ޤާއިމުކުރެވެމުންނެވެ.
ރަޝިޔާއިން މި ގޮތަށް ޢަމަލުކުރަމުންދާތީ ވޮޝިންގްޓަނުން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ. ވޮޝިންގްޓަން ބުނާގޮތުގައި މިއީ މިންސްކް އެއްބަސްވުމާ ޚިލާފު ކަމެކެވެ. ޔޫރަޕްގެ އިއްތިޙާދުން ބުނާގޮތުގައި މޮސްކޯގެ މި ޢަމަލަކީ ޔުކްރޭންގެ ސިޔާދަތު ހަލާކުކޮށް ފުނޑުފުނޑުކޮށްލުމަށް މޮސްކޯއިން ކުރަމުންދާ މަސައްކަތެކެވެ.



advertisment