Support Us

ކޮރޯނާ ވަބާއަށް ފަހު އެއް މިލިޔަން މީހުން ޙައްޖަށް

ކޮރޯނާ ވަބާއަށް ފަހު އެއް މިލިޔަން މީހުން މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެއެވެ. ޢަރަފާތު ބިމަށް ދިޔުމަށް ތައްޔާރުވުމަށް ޓަކައި ޙައްޖާޖީން މިއަދު މިނާއަށް ދާން ފަށައިފިއެވެ. މިއަދަކީ (ޙައްޖުމަހުގެ އަށްވަނަ ދުވަހަކީ) ޙައްޖުގެ ބަހުރުވައިގައި ތަރްވިޔާ ދުވަހެވެ. މިރޭ މިނާގައި ޙައްޖާޖީން ރޭކުރުމަށް ފަހު މާދަމާ ހެދުނު ޢަރަފާތު ބިމަށް ދިޔުމަށް ދަތުރު ފަށާނެއެވެ. މުތަމައްތިޢުކޮށް ޙައްޖުވާ މީހުން މިއަދު އަލުން އިޙްރާމު ބަންނާނެއެވެ. އިފްރާދުކޮށްނާއި ޤާރިންކޮށް ޙައްޖުވާ މީހުން އެމީހުންގެ އިޙްރާމު މަތީގައި ދެމިތިބީތީ އަލުން އިޙްރާމު ބަންނާކަށް ނުޖެހޭނެއެވެ.

މިނާއާއި މުޒްދަލިފާއަކީ އަލްމަސްޖިދުލް ޙަރާމުގެ ހުޅަނގު އުތުރުގައި ހަތް ކީލޯމީޓަރު ދުރުގައި އޮންނަ ދެ ސަރަޙައްދެކެވެ. މިނާގެ އުތުރު ފަރާތާއި ދެކުނު ފަރާތް ވަށައިލެވިފައި ވަނީ ފަރުބަދަތަކުންނެވެ. މައްކާއާ ވީ ފަރާތުގައި މިނާގައި އޮންނާނީ ޖަމްރަތުލް ޢަޤަބާއެވެ.

މިނާއަކީ ދީނީ އަދީ ތާރީޚީ މަޝްޢަރެކެވެ. ސަލާމުލެއްވި އިބްރާހީމުގެފާނު އެކަލޭގެފާނުގެ ލޯބިފުޅުވާ ދަރިކަލުން ސަލާމްލެއްވި އިސްމާޢީލުގެފާނު މާތް ﷲގެ އަމުރުފުޅަށް ޤުރްބާން ކުރައްވަން އުޅުއްވީ މިނާގައެވެ. އިބްރާހީމުގެފާނަށާއި އިސްމާއީލުގެފާނަށާއި އިސްމާޢީލުގެފާނުގެ މައިކަމަނާ ހާޖަރުގެފާނުގެ އަރިހަށް ލަޢުނަތް ލެއްވި އިބްލީސް ގޮސް ވަސްވާސް ދެވޭތޯ މަސައްކަތް ކުރި ހިނދު އިބްލީހާ ދިމާއަށް ހިލަ އުއްކެވީ މިނާގެ އެކި ހިސާބުތަކުގައެވެ. ޙައްޖާޖީން މިނާގައި ތިން ޖަމްރާއަށް ހިލައުކާއުކުން ރަމްޒުކޮށްދެނީ  މި ކަންކަމެވެ.

ﷲތަޢާލާ އިސްމާޢީލުގެފާނު ޤުރްބާން ކުރެއްވުމުގެ ބަދަލުގައި ޚާއްޞަ ޤުރްބާނީއެއް ފޮނުއްވާ އެ ޤުރްބާނީ ކަތިލެއްވުމަށް އަމުރު ކުރެއްވިއެވެ. ޙައްޖާޖީންނާއި މުސްލިމުން ޢީދު ދުވަހު އުޟްޙިޔާ ކަތިލާކަތިލުން ރަމްޒުކޮށް ދެނީ މި ކަމެވެ.

ސިޔާސީ ޙަރަކާތްތައް މުޅިން މަނާ

ޙައްޖުގެ މަނާސިކުތައް އެއްވެސް ގަޑުބަޑުކަމެއް އަރާރުމެއް ނެތި ޙައްޖުވެރީންނަށް އަދާކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމަށްޓަކައި ސުޢޫދީ ސަރުކާރުން ވަނީ ސަލާމަތީ ކަންތައްތަކާއި ޞިއްޙަތާ ބެހޭ ޚިދްމަތްތައް ވަރަށް ވަރުގަދަކޮށްފައެވެ.

ސުޢޫދީ ޕްރޮސިކިޔުޓަރ ޖެނެރަލް ސުޢޫދުލް މުޢުޖަބު ވިދާޅުވާ ގޮތުގައި ޙައްޖުގެ ފަރީޟާ އަދާކުރުމުގެ ތެރޭގައި ސިޔާސީ އަދި މަޒްހަބީ އެއްވެސް ޝިޢާރެއް އުފުލުމަކީ މަނާކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ދީނީ ޝަޢީރާތަކާއި މުޤައްދަސް ތަންތަނުގެ ޙުރްމަތް ކަނޑައި އެ ކަންކަމުގެ ނާޖާއިޒު ފައިދާ ނެގުމަކީ ޙަރާންކަމަކެވެ. މި ފަދަ މީހުންނަށް އެންމެ ބޮޑު އަދަބު ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރޯނާއަށް ފަހު ބޭއްވޭ ފުރަތަމަ ޙައްޖު

މިއީ ކޮރޯނާ ވަބާގެ ސަބަބުން ބޭރު މީހުންނަށް ޙައްޖަށް އައުން ދެ އަހަރު މަނާކުރުމަށް ފަހު ބޭރު މީހުންނަށް ޙައްޖުވުމަށް ފުރްޞަތު ދެވުނު ފުރަތަމަ އަހަރެވެ. މި ފަހަރު ޙައްޖުގެ މަނާސިކުތައް އަދާކުރެވެމުންދަނީ ސަލާމަތީ އަދި ޞިއްހީ ވަރަށް ވަރުގަދަ ފިޔަވަޅުތަކާއެކުގައެވެ. އެ ގޮތުން ބަލާއިރު ދުވާލަކު 12 ފަހަރު އަލްމަސްޖިދުލް ޙަރާމު ތާގީމުކުރުން (sterile ކުރުން) ވެއެވެ. މި ކަމަށް ޓަކައި 70 ހާސް ލިޓަރުގެ ތާގީމު ބޭސް ބޭނުން ކުރެވޭނެއެވެ.

ސުޢޫދީ ސަރުކާރުން މި އަހަރު ޙައްޖުވުމުގެ ހުއްދަ ދީފައި ވަނީ މިލިޔަނެއްހާ މީހުންނަށެވެ. އޭގެ ތެރޭގައި 850 ހާސް މީހުންނަކީ ބޭރުން ގޮސްފައިވާ މީހުންނެވެ. މި އަހަރު ޙައްޖަށްދިޔުމަށް ހުއްދަ ދީފައި ވަނީ ޢުމުރުން 65 އަހަރު ނުފުރޭ މީހުންނަށެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *